އަލް އައިން އަތުން ބަލިވެ، އަލް ހިލާލްގެ މޮޅުވުމުގެ ސިލްސިލާ ނިމުމަކަށް

އޭއެފްސީ ޗެންޕިއަންސް ލީގު ސެމީ ފައިނަލް ފުރަތަމަ ލެގުގައި ޔޫއޭއީގެ އަލް އައިން އަތުން 4-2 ގެ ނަތީޖާއަކުން ބަލިވެ، 34 މެޗަށްފަހު އަލް ހިލާލްގެ މޮޅުވުމުގެ ސިލްސިލާ ނިމުމަކަށް އައިސްފިއެވެ.
އަލް އައިން މުބާރާތްގެ ސެމީ ފައިނަލުން ޖާގަ ހޯދީ ސައުދީ ޕްރޮފެޝަނަލް ލީގުގެ އަލް ނަސްރު ކުއާޓާ ފައިނަލުގައި ބަލިކުރުމަށްފަހު އެވެ. އަދި އަލް ހިލާލް ސެމީ ފައިނަލުން ޖާގަ ހޯދީ އަލް އިއްތިހާދު ބަލިކުރުމަށްފަހު އެވެ.
މެޗުގެ ފުރަތަަމަ ހާފުގައި އަލް އައިންގެ ފަރާތުން ވަނީ ތަފާތު މޮޅު ކުޅުމެއް ފެނިގެން ގޮސްފައެވެ. ނަތީޖާއެއްގެ ގޮތުން މިހާފުގައި އެޓީމުން ވަނީ ތިން ލަނޑުގެ ލީޑެއް ނަގާފައެވެ. އަދި އެޓީމުގެ ތިން ލަނޑު ވެސް ކާމިޔާބުކޮށްދިން އެޓީމުގެ މޮރޮކޯ މިޑްފީލްޑަރު ސުފިއާން ރަހީމީ އެވެ.
Advertisement
އެގޮތުން މެޗުގެ ފުރަތަަމަ ލަނޑު، މެޗު ފެށިގެން ހަވަނަ މިނެޓުގައި ރަހީމީ ކާމިޔާބުކުރި އިރު، އަނެއް ދެލަނޑަކީ މެޗުގެ 26 ވަނަ މިނެޓާއި 38 ވަނަ މިނެޓުގައި އެޓީމަށް ލިބުނު ދެ ޕެނަލްޓީ އިން އޭނާ ކާމިޔާބުކޮށްދިން ދެލަނޑެވެ. މިއާއެކު ފުރަތަަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 3-0 ގެ ނަތީޖާއަކުން އަލް އައިން ކުރީގައި އޮވެގެންނެވެ.
މެޗުގެ ދެވަަނަ ހާފުގައި އަލް ހިލާލުން ވަނީ އެޓީމުގެ ކުޅުން ރަނގަޅުކޮށް އެޓޭކުތައް އިތުރަށް ވަރުގަދަކޮށްފައެވެ. ނަތީޖާއެއްގެ ގޮތުން ދެވަނަ ހާފު ފެށިގެން ހަތަރުވަނަ މިނެޓުގައި އެޓީމުން ވަނީ ލަނޑެއް ކާމިޔާބުކޮށް ނަތީޖާގެ ފަރަގު ކުޑަކޮށްފައެވެ.
މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އެޓީމުގެ ބްރެޒިލް ފޯވާޑް މަލްކޮމް އެވެ. މިއީ އެޓީމު އެންމެ ފަހުން ކުޅުނު ފަސް މެޗުގައި އޭނާ ކާމިޔާބުކުރި 7 ވަނަ ލަނޑެވެ. ނަމަވެސް މެޗުގެ 56 ވަނަ މިނެޓުގައި އަލް އައިން އިން ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް އަނެއްކާވެސް ތިން ލަނޑުގެ ލީޑެއް ހޯދާފަ އެވެ. މިލަނޑު އެޓީމަށް ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދީ އެޓީމުގެ ޕެރަގުއޭ މިޑްފީލްޑަރު ކަކޫ އެވެ.
މިމެޗުގައި އަލް ހިލާލުން ކާމިޔާބުކުރި ދެވަނަ ލަނޑު ފަހުހާފުގެ 78 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ ފޯވާޑް ސަލީމް އަލް ދައުސަރީ އެވެ. އަދި މިލަނޑާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 4-2 ގެ ނަތީޖާއަކުން އަލް އައިން ކުރީގައި އޮވެގެންނެވެ.
މިދެޓީމުގެ މެދުގައި ކުޅެވޭ ކުއާޓާ ފައިނަލް ދެވަނަ ލެގުގެ މެޗު އަލް ހިލާލްގެ ދަނޑުގައި ކުޅުމަށް ހަމަޖެހިފައިވަނީ މިމަހުގެ 23 ވަނަ ދުވަހުގެ ރޭ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ