ވިނީގެ ދެލަނޑާއެކު ރެއާލް މެޑްރިޑުން ބަޔާން މޮޅުވިޔަނުދީ ހިފަހައްޓައިފި

ޔުއެފާ ޗެންޕިއަންސް ލީގު ސެމީފައިނަލް ފުރަތަމަ ލެގުގައި އަންގާރަ ދުވަހުގެ ރޭ އަމިއްލަ ދަނޑުގައި ރެއާލް މެޑްރިޑާއި ދެކޮޅަށް ބަޔާން މިއުނިކުން ކުޅުނު މެޗު 2-2 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެއްޖެ އެވެ.
މެޗުގެ ފުރަތަމަ 10 މިނެޓުގައި ބަޔާން މިއުނިކުން މޮޅަށް ކުޅެ މެޗު ޑޮމިނޭޓުކުރި އިރު، މެޗުގެ ލީޑު ހޯދުމަށް އެޓީމަގެ ފޯވާޑް ސާނޭއަށް ވަނީ ވަރަށް ހުސް ދެ ފުރުސަތު ލިބި ބޭނުން ނުކުރެވިފައެވެ.
ނަމަވެސް މެޗުގެ 24 ވަނަ މިނެޓުގައި ރެއާލް މެޑްރިޑުން ވަނީ އެޓީމުން އުފެއްދި ފުރަތަމަ ހަމަލާގައި ލަނޑެއް ކާމިޔާބުކޮށް މެޗުގެ ލީޑު ހޯދާފައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ބްރެޒިލްގެ ފޯވާޑް ވިނީޝިއަސް ޖޫނިއަރ އެވެ. މިއީ އެޓީމުގެ ތަޖުރިބާކާރު މިޑްފީލްޑަރު ޓޯނީ ކުރޫސް ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.
Advertisement
މީގެ އިތުރުން ވެސް މިހާފުގައި ދެޓީމުން ވެސް ވަނީ ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. ނަމަވެސް ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް އިތުރު ލަނޑެއް ކާމިޔާބުނުކުރެވި 1-0 ގެ ނަތީޖާއަކުން ރެއާލް މެޑްރިޑް ކުރީގައި އޮވެގެންނެވެ.
މެޗުގެ ދެވަނަ ހަފު ރެއާލް މެޑްރިޑުން ރަނގަޅަށް ފެށި ނަމަވެސް މިހާފުގެ ވަރަށް ކުރީކޮޅު ގާތްގާތުގައި ދެލަނޑު ކާމިޔާބުކޮށް މެޗުގެ ލީޑު ހޯދާފައެވެ. އެގޮތުން ދެވަނަ ހާފުގެ 53 ވަނަ މިނެޓުގައި އެޓީމަށް ނަތީޖާ އެއްވަރުކޮށްދިނީ ސާނޭ އެވެ. އަދި އޭގެ ހަތަރު މިނެޓު ފަހުން އެޓީމަށް ލީޑު ހޯދަިދިނީ އިގިރޭސި ފޯވާޑް ހެރީ ކޭން އެވެ. މިއީ އެޓީމަށް ލިބުނު ޕެނަލްޓީއެއްގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ
ރެއާލް މެޑްރިޑުން ނަތީޖާ އެއްވަރުކުރި ލަނޑު ދެވަނަ ހާފުގެ 83 ވަނަ މިނެޓުގައި އެޓީމަށް ލިބުނު ޕެނެލްޓީއެއްގައި ކާމިޔާބުކޮށްދިނީ އެޓީމުގެ ފުރަތަމަ ލަނޑުވެސް ކާމިޔާބުކޮށްދިން ވިނީޝިއަސް އެވެ. އަދި މިލަނޑާއެކު މެޗުގެ ކުޅުން ނިމިގެން ދިޔައީ 2-2 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެފައި އޮވެގެންނެވެ.
މިދެޓީމުގެ މެދުގައި ކުޅެވޭ ދެވަނަ ލެގުގެ މެޗު ރެއަލް މެޑްރިޑްގެ ދަނޑުގައި ކުޅުމަށް ހަމަޖެހިފައި ވަނީ އަންނަ ހަފްތާގެ ބުދަ ދުވަހުގެ ރޭ 00:00 ގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ