ތައިލޭންޑާއި ޔޫއޭއީން އާސަންދަ ލިބޭ ގޮތް ހެދިޔަސް ހިދުމަތް ހޯދާ މީހުންގެ އަދަދު ދަށްނުވާނެ: މިނިސްޓަރު

ތައިލޭންޑާއި ޔޫއޭއީގައި ދިރިއުޅޭ ދިވެހީންނަށް އާސަންދަ ލިބޭނެ ގޮތް ހެދި ނަމަވެސް، އާސަންދައިގެ ދަށުން ހިދުމަތް ހޯދާ މީހުންގެ އަދަދަށް އުނިކަމެއް ނާންނާނެ ކަމަށް، ސޯޝަލް މިނިސްޓަރު ޑރ. އައިޝަތު ޝިހާމް ވިދާޅުވެއްޖެއެވެ.
އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމްގެ ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރު ވިދާޅުވީ، މި އަހަރަށް އާސަންދަ އަށް ބަޖެޓުކޮށްފައިވާ އަދަދުގެ ތެރެއިން ތައިލޭންޑާއި ޔޫއޭއީން އާސަންދަ ބޭނުންކޮށް ފަރުވާ ހޯދޭޭނެ ގޮތް ހެދުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި، އެގޮތުން ކަވަރުކުރާނެ ހިދުމަތްތަކާއި ހަރަދުތައް ހަމަޖައްސާނެ ގޮތުގެ މަޝްވަރާތައް ކުރަމުންދާ ކަމަށެވެ.
މި ބަދަލާ އެކު ވެސް މިނިސްޓަރު ވިދާޅުވީ، އާސަންދައިގެ ހިދުމަތް ހޯދާ މީހުންގެ އަދަދަށް އެއްވެސް އުނިކަމެއް ނާންނާނެ ކަމަށެވެ.
އާސަންދަ މިހާރު ހިނގަމުންދާ ގޮތުން އިސްރާފުތަކެއް ހުރިކަން ފާހަގަކުރެވުނު ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
"އެގޮތުން 2023 ވަނަ އަހަރު މުޅި އާސަންދަ ސްކީމަށް ބަޖެޓްކޮށްފަ ވަނީ 1 ބިލިއަން ރުފިޔާ، އެހެން ނަމަވެސް އަހަރު ނިމިގެން ދިޔައިރު 2023 ވަނަ އަހަރު ވެސް 2.3 ބިލިއަން ރުފިޔާ ހިނގާފައިވާއިރު، މީގެ ތެރެއިން 1 ބިލިއަނެއްހާ ރުފިޔާގެ ހަރަދުކުރެވިފައި ވަނީ ބޭހަށް،"
އެއާއެކު ވެސް މިނިސްޓަރު ފާހަގަކުރެއްވި އެހެނިހެން ކަންކަމުގެ ތެރޭގައި ހިމެނެނީ:
މިނިސްޓަރު ވިދާޅުވި ގޮތުގައި އުފެއްދުންތެރިކަމުގެ ނިސްބަތުން ހޭދައަށް ބަލާއިރު ރާއްޖޭގައި ސިއްހީ ދާއިރާއަށް ކުރާ ހަރަދުތައް ހުރީ ތަރައްގީވެފައިވާ ގައުމުތަކުން ކުރާ ހަރަދުތަކާ ގާތްގަނޑަކަށް އެއްވަރެއްގައި ކަމަށާއި، ދެކުނު އޭޝިއާ ސަރަހައްދުގެ ގައުމުތަކަށް ވުރެ ރާއްޖޭގެ ސިއްހީ ދާއިރާގެ ހަރަދުތައް ދެ ގުނަ ބޮޑު ކަމަށެވެ.
އެކަމަކު ވެސް ދިވެހީން އެންމެ ބޭނުންވާ ގޮތަށް ރާއްޖޭގެ ސިއްހީ ފަރުވާގެ ނިޒާމު ބައްޓަންކުރެވިފައި ނުވާ ކަން ވެސް މިނިސްޓަރު ގަބޫލުކުރައްވައެވެ.
"ދިވެހިންގެ ބޭސްފަރުވާއަށް މިހާ ބޮޑު ހޭދައެއް ކުރެވޭއިރު ވެސް ފުރާނައަށް ނުރައްކާވާ ބަލިމަޑުކަމުގައިވާ މީހާ އާއި އާއިލާ ސޯޝަލް މީޑިއާގަ ބޭސްފަރުވާ ހޯދުމަށް މާލީ އެހީ އަށް އެދެމުންދާ ކަން މިހާރު ވެސް އަޅުގަނޑުމެންނަށް ފާހަގަކުރެވޭ،" މިނިސްޓަރު ވިދާޅުވިއެވެ.
އާސަންދައިގެ ހިދުމަތް ފުޅާކޮށް އިތުރު ގައުމުތަކުން އާސަންދަ ލިބޭ ގޮތް ހަމަޖައްސަވާނެ ކަން ރައީސް ޑރ. މުހައްމަދު މުއިއްޒު ހާމަކުރެއްވީ މިދިޔަ ޖެނުއަރީ މަހުގައެވެ. އެގޮތުން އެންމެ މަތީ ފެންވަރުގެ ބޭސް ފަރުވާގެ ނިޒާމު އޮތް ޔޫއޭއީ އާއި ތައިލޭންޑަށް އާސަންދަ ފުޅާކުރައްވަން ނިންމަވާފައިވާ ކަމަށާއި، ރާއްޖެ އާ ދުރު، އަދި ބައެއް ހިދުމަތްތައް އަގުބޮޑު ގައުމުތަކަކަށް ވުމުން އާސަންދަ ދޭނީ ހުރުމުގެ ހަރަދާއި އެ ނޫން ކަންކަން ފަހިކޮށް ދިނުމަށް ފަހު ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ