މެމްބަރު އަލީ ނިޔާޒް ކުރެންދޫ ދާއިރާއަށް ކުރިމަތިލައްވަނީ

20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ކުރެންދޫ ދާއިރާއަށް ކުރިމަތި ލައްވަން، ހުޅުމާލޭ ދާއިރާގެ މެމްބަރު އަލީ ނިޔާޒް ނިންމަފައިފިއެވެ.
ވީނިއުސް އަށް މައުލޫމާތު ދެއްވަމުން މެމްބަރު ނިޔާޒް ވިދާޅުވީ، ކުރެންދޫ ދާއިރާއަށް ކުރިމަތިލައްވަން ނިންމެވީ، އެދާއިރާގެ އެމްޑީޕީ މެމްބަރުންގެ އެދުމާއެކު ކަމަށެވެ.
18 އަދި 19 ވަނަ ރައްޔިތުންގެ މަޖިލީހުގައިވެސް، ކުރެންދޫ ދާއިރާގެ ގޮނޑިއަކީ އެމްޑީޕީގެ ގޮނޑިއެއްކަމަށާއި، އެހެންކަމުން 20 ވަނަ މަޖިލީހުގައިވެސް އެދާއިރާގެ ރައްޔިތުން ހޮވާނީ އެމްޑީޕީގެ ކެންޑިޑޭޓްކަމަށް ނިޔާޒް ވިދާޅުވިއެވެ.
ކުރެެންދޫ ދާއިރާގެ މިހާރުގެ މެންބަރަކީ ޢަބްދުލްޣަނީ އަބްދުލްހަކީމް އެވެ. މެމްބަރު ޢަބްދުލްޣަނީ އެގޮނޑި ކާމިޔާބުކުރެއްވީ އެމްޑީޕީގެ ޓިކެޓުގައެވެ. އެެހެންނަމަވެސް މެމްބަރު ވަނީ މިފަހުން ވެރިކަން ހިންގާ ޕާޓީ ނެޝަނަލް ޕީޕަލްސް ކޮންގްރެސް (ޕީއެންސީ)އާ ގުޅިވަޑަައިގެންފައެވެ.
އެމްޑީޕީގެ މަޖިލިސް ޕްރައިމަރީގައި ކުރެންދޫ ދާއިރާގެ ގޮނޑިއަށް ވާދަކުރައްވަން މެމްބަރު ނިޔާޒް ނިންމަވާފައިވާއިރު، ޕްރައިމަރީއަކާ ނުލައި އެމްޑީޕީގެ ޓިކެޓުގައި ވާދަކުރުމުގެ ފުރުސަތު 36 ކެންޑިޑޭޓަކަށް މިހާރު ވަނީ ލިބިފައެވެ. އިތުރު ކެންޑިޑޭޓަކު ކުރިމަތި ނުލާތީ ޕްރައިމަރީއަކާ ނުލައި ޓިކެޓު ކަށަވަރުވި ބޭފުޅުންގެ ތެރޭގައި އެމްޑީޕީގެ ސަރުކާރުގެ އިސް މަގާމުތަކުގައި ތިއްބެވި ބޭފުޅުންނާއި މިހާރު އެމްޑީޕީ ތަމްސީލް ކުރައްވާ މަޖިލިސް މެންބަރުންވެސް ހިމެނެއެވެ.
އެއް ކެންޑިޑޭޓަަކަށް ވުރެ ގިނަ ކެންޑިޑޭޓުން ކުރިމަތިލާފައިވާ ދާއިރާތައް ޕާޓީގެ ގައުމީ މަޖިލީހުގެ ނިންމުމާ އެއްގޮތަށް އެކަށައެޅިފައިވާ ވިލަރެސް ކޮމެޓީއިން ނިންމާ ގޮތެއްގެ މަތިން ފަހުން އިއުލާން ކުރާނެ ކަމަށް އެމްޑީޕީން ވަނީ ބުނެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ