އައްޑޫ މުޒާހަރާ: މަސްފެކްޓްރީގެ ކަރަންޓް ކަނޑާލައި ތަނުގެ މުވައްޒަފުން ކެއުމަށް ބަހައްޓާފައި ހުރިތަކެތިވެސް ނަގައިފި

އައްޑޫ ފިޝަރީޒް ކޮންޕްލެކްސް (އޭއެފްސީ)ގައި މަސްވެރިން ކުރަމުންދާ މުޒާހަރާގެ ތެރެއިން، މަސްފެކްޓްރީގެ ކަރަންޓް ކަނޑާލައި އެތަނުގެ މުވައްޒަފުންނަށް ދަތި ކުރުމުގެ އެތައް ފިޔަވަޅުތަކެއް މުޒާހަރާގެ ބައިވެރިން އަޅައިފިއެވެ. 
މަސްވެރިންނަށް ދޭންޖެހޭ ލާރި ދިނުން ލަސްވާތީ، އައްޑޫގައި މަސްވެރިން ކުރަމުންދާ މުޒާހަރާއާއި ގުޅިގެން އޭއެފްސީގެ އޮޕަރޭޝަން ވަގުތީ ގޮތުންވަނީ ހުއްޓިފައެވެ. އަދި މިއަދު ހަވީރު 4:00 ގައި އޭއެފްސީގެ މުވައްޒަފުން އެތަނުގެ އެތެރެއިން ނެރެ، އޮޑިވެރިންނާއި މަސްވެރިންގެ ބެލުމުގެ ދަށަށް މަސްފެކްޓަރީ ގެންދާނެ ކަމުގެ އިންޒާރުވެސް މުޒާހަރާގެ ބައިވެރިން ވަނީ ދީފައެވެ. 
މުޒާހަރާ ކުރިއަށްދާ ސަރަހައްދުގައި ފުކުހުންވެސް ހަރަކާތްތަރިވަމުންދާއިރު، މުޒާހަރާގެ ބައިވެރިންނަށް ހުރަސް އެޅުމަށް އެއްވެސް ކަމެއް ނުކުރުމަށް މިފްކޯއިން ނިންމާފައިވާ ކަމަށް އެ ކުންފުނިން ބުނެއެވެ. 
Advertisement
އެހެންނަމަވެސް، މުޒާހަރާ ކުރިއަށްދާނަމަ، އޭއެފްސީ އޮޕަރޭޝަން ކުރިއަށް ގެންދަން އަލުން ފަށަން ދަތިވާނެ ކަމަށްވުމާއެކު، އެތަނުގެ މަސައްކަތްތައް ފެށޭނެ އިރެއް ބުނަން މިވަގުތު ދަތި ކަމަށް މިފްކޯއިން ބުނެއެވެ. 
“އިއްޔެގެ މުޒާހަރާގައި މަސްވެރިންވަނީ ސްޓާފް ކެންޓީން ލޮކް ކޮށްފައި ހުއްޓާ  ކުޑަދޮރުން ވަދެ ތަނުގައި ހުރި ފުޑް ސަޕްލައިޒް ބޭނުން ކޮށްފައި. އަދި އެކޮމޮޑޭޝަން ބްލޮކްގައި ކަރަންޓް ކަނޑާލުމުގެ ސަބަބުން ރެއިން ފެށިގެން އޭއެފްސީ މުވައްޒަފުން ނިދަނީ ބޭރުގައި ސަތަރި އަޅައިގެން. އަދި ކެއުން ބުއިމާއި ފާޚާނާ ކުރުންފަދަ، ޒަރޫރީ ބޭނުންތައް މުވައްޒަފުންނަށް ވަނީ ނުފުއްދިފައި.”
މިފްކޯ
އައްޑޫ މަސްފެކްޓްރީގައި، ދިވެހިންނާއި ބިދޭސީން ހިމެނޭހެން 100 އަށްވުރެގިނަ މުވައްޒަފުން މަސައްކަތް ކުރަމުން އަންނަކަން ފާހަގަކޮށްލަން ޖެހެއެވެ. 
މިފްކޯއިން ބުނީ، އެކޮމޮޑޭޝަން، އެޑްމިން ބިލްޑިންގ އަދި ކެފޭއިން ކަރަންޓް ކަނޑާލާފައި ބެހެއްޓުމަށް މުޒާހަރާގެ ބައިވެރިން ޑިމާންޑް ކުރަމުންދާ ކަމަށާ،  ރޭގައި ފުލުހުންގެ އެދުމަށް އޭއެފްސީއަށް ކަރަންޓް ދިން ނަމަވެސް، ކަރަންޓް ދިނުމާއެކު މަސްލަހަތު ގެއްލި، ތަނާއި މުދަލަށާއި، ތަނުގެ މުވައްޒަފުންނަށް އެކަމުގެ ސަބަބުން ގެއްލުން ވެދާނެ ކަމަށް ގަބޫލުކުރެވުން ކަރަންޓް ކަނޑާލަން ޖެހުނު ކަމަށެވެ.
މިއާއެކު މިފްކޯއިން ވަނީ، މަސްވެރިން ކުރިއަށް ގެންދާ އިހްތިޖާޖު ވޭހާވެސް ސުލްހަވެރިކޮށް ގެންދިޔުމަށް އިލްތިމާސްކޮށްފައެވެ. ޚާއްސަކޮށް ތަނުގެ މުވައްޒަފުންނާއި، ކުންފުނީގެ މުދަލަށް ލިބިދާނެ ގެއްލުމަކީ މުޅި ސިނާއަތަށްވެސް ލިބޭނެ ގެއްލުމެއްކަން އެ ކުންފުނިން ފާހަގަކުރެއެވެ.
އަދި މުވައްޒަފުންގެ ޒަރޫރީ ބޭނުން ތަކަށް އުނިކަން އަންނަފަދަ ކަންކަން ނުކުރުމަށް އިލްތިމާސް ކުރަމުން މިފްކޯއިން ވަނީ މުވައްޒަފުންގެ ހައްގުގައި ކުރަންޖެހުނު ކޮންމެ ކަމެއް ކަމާއިބެހޭ އިދާރާތަކާ ގުޅިގެން ކުރާނެ ކަމަށް ބުނެފައެވެ.
ު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ