ސުޕަ މެޖޯރިޓީގެ ބޭނުން ނަހަމަ ގޮތުގައި ހިފައިގެން އެމްޑީޕީން ހުރީ ވަރަށް ގިނަ ކަންތައްތައް ކޮށްފަ: ނަޝީދު

މަޖިލީހުގެ ސުޕަ މެޖޯރިޓީގެ ބޭނުން ނަހަމަ ގޮތުގައި ހިފައިން އެމްޑީޕީން ވަރަށް ގިނަ ކަންތައްތައް ކުރި ކަމަށް ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު އަބްދުالله (މޮސްޓާ) ވިދާޅުވެއްޖެއެވެ.
ނަޝީދު މިފަދައިން ވިދާޅުވީ މަޖިލީހުން ރުހުން ނުދިން ތިން ވަޒީރުން، ރައީސް ޑރ.މުއިއްޒު އެބޭފުޅުން އަލުން އެ މަގާމަށް އައްޔަން ކުރުމަށް ފަހު ރުހުން ދިނުމަށްޓަކައި މަޖިލީހަށް ފޮނުވި މައްސަލައިގައި އެކަމާ ވިސްނުމަށް ގޮވާލައި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުالله ހުށަހެޅުއްވި ގަރާރަށް މިއަދު މަޖިލީހުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
"މަޖިލިސް ފެށުނީއްސުރެ ތާއަބަދާ އަބަދު ފެށުނީއްސުރެ ތިމަންނަމެންގެ ސުޕަ މެޖޯރިޓީ އޭ ކިޔަނީ، އެ ސުޕަ މެޖޯރިޓީގެ ބޭނުން ނަހަމަ ގޮތުގައި ހިފައިގެން ވަރަށް ގިނަ ކަންތައްތައް ހުރީ މީގެ ކުރިން ކޮށްފަ. ހަމަ އެއުސޫލުން މިކަންވެސް ކުރީ ކަމަށް އަޅުގަނޑުމެންނަށް މި ފެންނަނީ."
ނަޝީދު ވިދާޅުވިއެވެ.
ނަޝީދު ވިދާޅުވީ ދައުލަތް ހިންގަން ރައީސުލްޖުމްހޫރިއްޔާ ބޭނުންފުޅުވާ ބަޔަކު ވަޒީރުންނަށް އައްޔަން ކުރެވޭނެ ކަމަށް ގާނޫނު އަސާސީގައި އެބައޮތް ކަމަށާއި، ރުހުން ނުދިނުމުން އެ ވަޒީރަކު ދެވަނަ ފަހަރަށް އައްޔަން ނުކުރެވޭނެ ކަމަކަށް ގާނޫނު އަސާސީގައި ނެތް ކަމަށެވެ.
މީގެ އިތުރުންވެސް ނަޝީދު ވަނީ އެމްޑީޕީން ވަޒީރުންނަށް ރުހުން ނުދިނީ ކީއްވެތޯ ސުވާލު އުފައްދާފައެވެ. އެމްޑީޕީން އެކަމަށް ޖަވާބު ދާރީ ނުވެ، ބަދަލުގައި ފެންނަނީ ސުޕަ މެޖޯރިޓީގެ ބޭނުން ނަހަމަ ގޮތުގައި ހިފާތަން ކަމަށް ވެސް ވިދާޅުވިއެވެ.
އަދި މަޖިލީހުން ރުހުން ނުދިން ތިން ވަޒީރުން ކަމުގައިވާ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދާއި އެޓާނީ ޖެނަރަލް އަހުމަދު އުޝާމް އަދި ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު ފަދަ ޤާބިލް ބޭފުޅުން ރާއްޖޭގައި މަދުވާނެ ކަންވެސް މެމްބަރު ފާހަގަ ކުރެއްވިއެވެ.
ރައީސް ޑރ.މުއިއްޒު ވެރިކަމަށް ވަޑައިގަތުމަށް ފަހު ދެ މަސް ފަހުން މަޖިލީހުން ވަޒީރުންނަށް ރުހުން ދިނުމުގެ ޖަލްސާ އެޖެންޑާ ކުރީ މިދިޔަ މަހުގެ 29 ވަނަ ދުވަހުއެވެ.
މަޖިލީހުން ރުހުން ނުދިން ތިން ވަޒީރުން ރައީސް ޑރ.މުއިއްޒު ވަނީ އަލުން ހަމަ އެ މަގާމް ތަކަށް އައްޔަނު ކުރައްވާފައި ކަން ފާހަގަކޮށްލަން ޖެހެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ