މަޖިލިސް އިންތިޚާބު: ހެނދުނު 9 އަކުން ހަވީރު 5 ކަށް ވޯޓުލުން ކުރިއަށް ގެންދަން ކޮމިޓީން ލަފާދީފި

ރައްޔިތުން މަޖިލިސް އިންތިހާބުގެ ވޯޓުލުން ހެނދުނު 9 އަކުން ހަވީރު 5 ކަށް ކުރިއަށް ގެންދަން ގައުމީ ލަފާދޭ ކޮމިޓީން ހުށަހަޅައިފިއެވެ.
މާޗް 17ގައި ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުން މަޖިލީހުގެ އިންތިހާބު ރަމަޟާން މަހުގެ 7 ވަނަ ދުވަހާ ދިމާވާތީ، އެދުވަހު ވޯޓުލުން ކުރިއަށްގެންދާނެ ވަގުތެއް ނިންމުމަށް ކޮމިޓީގެ މެންބަރުންނަށް ފެނިވަޑައިގަންނަވާ ވަގުތެއް ހުށަހަޅަން އިލެކްޝަންސް ކޮމިޝަނުން (އީސީ) އެދިފައިވެއެވެ.
ވޯޓުލާ ދުވަހު ވޯޓުލުން ކުރިއަށްދާނެ ވަގުތެއް ކަނޑައެޅުމަށްޓަކައި ދިން ފުރުސަތުގައި މިއަދުގެ ކޮމިޓީ ބައްދަލުވުމަށް ހާޒިރުވި ސިޔާސީ ޕާޓީތަކުންނާއި މުއައްސަސާތަކުން އެދިފައިވަނީ ހެނދުނު 9 ޖަހާއިރު ވޯޓުލުން ފެށުމަށެވެ. އަދި ވޯޓުލާ މަރުކަޒުތަކުގެ ކިއު ބަންދުކުރެވޭނެ ވަގުތަކަށް ހަވީރު 5 ޖަހާއިރު ހެދުމަށް ހުށަހަޅާފައިވެއެވެ.
ވޯޓުލާ ދުވަހަކީ ރޯދައަށް ތިބޭނެ ދުވަހެއްކަމަށްވުމުން ރައްޔިތުންނަށް ވީހާވެސް ލުއިވާނެ ގޮތެއް ބަލަން ޖެހޭކަން ބައިވެރިން ފާހަގަކޮށްފައިވެއެވެ. އެގޮތުން ވޯޓުލާ ނިމުމުން ހަމަޖެހިލައިގެން ރޯދަ ވީއްލޭހާ ވަގުތު އޮންނަންވާނެކަން ކޮމިޓީ ބައްދަލުވުމުގައި ބައިވެރިން ފާހަގަކޮށްފައިވެއެވެ. އެ ހުށަހެޅުމަށް ފުލުހުން ތާއީދުކޮށް ބުނެފައިވަނީ، ރޯދަ ވީއްލާ ގަޑިއާއި ކައިރިކޮށް ވޯޓުލުން ބަންދުކޮށްފިނަމަ މައްސަލަތަކެއް ފެންމަތިވެދާނެކަމަށެވެ.
ގައުމީ ލަފާދޭ ކޮމިޓީގެ ލަފާގެ މަތިން ގޮތް ނިންމުމުގެ ބާރު އޮންނަނީ އިލެކްޝަންސް ކޮމިޝަނަށެވެ. އެހެންކަމުން ކޮމިޓީއިން ދީފައިވާ ލަފާގެ މައްޗަށް ބަރޯސާވެ ވަގުތު ބަދަލުކުރުމާއި ނުކުރުމުގެ އިހްތިޔާރު އީސީއަށް ލިބިގެންވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ