އައްޑޫ ސިޓީގެ ކަރަންޓުގެ މައްސަލައަށް މިފެށޭ އޮގަސްޓްމަހުގެތެރޭގައި ވަގުތީ ޙައްލެއް ގެނެވޭނެކަމަށާއި، އެކަމުގެ މައްސައްކަތްތައް ފަށްޓަވާފައިވާކަމަށް މޫސުމީ ބަދަލުތަކާއި ތިމާވެށްޓައި ހަކަތައާބެހޭ ވަޒީރު ޠާރިޤް އިބްރާހީމް ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ، އައްޑޫ ސިޓީން ކަރަންޓު ކެނޑޭ މައްސަލައާއި ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގައި ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ނާޒިލް ކުރެއްވި ސުވާލަށް ޖަވާބުދެއްވަމުންނެވެ.
ހަކަތައާބެހޭ ވަޒީރު ޠާރިޤް އިބްރާހީމް ވިދާޅުވީ ނިމުނު ސަރުކާރުގެ 5 އަހަރު ހަމަވެގެންދިޔައިރުވެސް އައްޑޫގެ ސެންޓްރަލް ޕަވަރ ސްޓޭޝަން ތަރައްޤީކުރުމަށް އެއްވެސް މަސައްކަތެއް ކޮށްފައިނުވާކަމަށެވެ. އެގޮތުން އިންޖީނުތައް ހަލާކުވުމުންވެސް މަރާމާތުކޮށްފައި ނެތުމާއި، އައު އިންޖީނުވެސް ހޯދާފައި ނެތްކަމަށް ވަޒީރު ވިދާޅުވިއެވެ.
އައްޑޫން ކަރަންޓު ކެނޑޭ މައްސަލައަކީ މިވަގުތު އެ ސިޓީގެ ރައްޔިތުންގެ އެންމެ ކަންބޮޑުވުން އޮތް މައްސަލައެވެ.
ހަކަތައާއި ބެހޭ ވަޒީރު ޠާރިޤް އިބްރާހީމް ވިދާޅުވީ އައްޑޫގެ ހަކަތައިގެ ނިޒާމަށް ދިމާވެފައިވާ މައްސަލަތައް ވަރަށް ރަނގަޅަށް ދެނެގަނެވިފައިވާކަމަށެވެ. ވަޒީރު ވިދާޅުވީ އައްޑޫގެ ގުޅިފައިވާ ރަށްތަކަށް ޕީކް ގަޑިތަކުގައި 12 މެގަވޮޓްގެ ކަރަންޓު ބޭނުންވާކަމަށެވެ.
އައްޑޫ ސެންޓްރަލް ޕަވަރ ސްޓޭޝަންގައި 20 އިންޖީނު ބަހައްޓާފައި ހުރިއިރު، އެއީ 26.8 މެގަވޮޓް ކަރަންޓު އުފެއްދޭ ކެޕޭސިޓީއެވެ. ނަމަވެސް އޭގެތެރެއިން 5 އިންޖީނު ހުރީ ހަލާކުވެފައިކަމަށް ޠާރިޤް ވިދާޅުވިއެވެ. އެހެންކަމުން މިވަގުތު ބޭނުންކުރެވޭގޮތަށް ހުރީ 15.5 މެގަވޮޓްގެ ކެޕޭސިޓީކަމަށް ޠާރިޤް ވަނީ ވިދާޅުވެފައެވެ. ވަޒީރު ވިދާޅުވީ އައްޑޫން ކަރަންޓު ކެނޑެނީ އިންޖީނުތައް ހަލަކުވެފައި ހުރުމުންކަމަށެވެ. ނަމަވެސް އެ މައްސަލަ ޙައްލުކޮށް މި ފެށޭ އޮގަސްޓަމަހުތެރޭގައި ވަގުތީ ރަނގަޅު ޙައްލެއް ގެންނަވާނެކަމަށް ވަޒީރު ވިދާޅުވިއެވެ.
"1.5 މެގަވޮޓްގެ އާ އިންޖީނެއް މިހާރު ވަނީ ގަނެފައި. އޮގަސްޓްމަހު ބަހައްޓާނަން. އަދި ހަލާކުވެފައި ހުރި 3 އިންޖީނަށް ބޭނުންވާ ސްޕެއަރވެސް ހޯދައިފައިވަނީ، އެ މަސައްކަތްވެސް އޮގަސްޓްގައި ނިންމާނެ. މީގެއިތުރުން ދެން ހިމެނޭ 2 އިންޖީނު އޯވަހޯލްކުރުމުގެ މަސައްކަތް މިއަހަރުކޮށް، އޮޕަރޭޝަނަށް ގެނެވޭނެ. އޭރުން މައްސަލައަށް ކުރު ރާސްތާ ޙައްލެއް ލިބޭނެ." ހަކަތައާއި ބެހޭ ވަޒީރު ޠާރިޤް އިބްރާހީމް ވިދާޅުވިއެވެ.
އައްޑޫގައި އައު އިންޖީނުގެއެއް ތަރައްޤީކުރަންފެށި ނަމަވެސް އެ މަސައްކަތްވެސް އޮތީ ކުރިއަށް ނުގޮސް ހުއްޓިފައިކަން ވަޒީރު ފާހަގަކުރެއްވިއެވެ.
އައްޑޫ ސިޓީގެ އިތުރު، އެހެން އަތޮޅުތަކުގައިވެސް މިގޮތަށް މަސައްކަތް ހުއްޓިފައި ހުރި އިންޖީނުގެތަކުގެ މައްސަލަތައް ބަލާ އެކަންކަން ޙައްލުކުރުމަށް ސަރުކާރުން ދަނީ މަސައްކަތް ކުރަމުންނެވެ.
އައްޑޫ ކަރަންޓުގެ މައްސަލަ އަންނަ މަހު ޙައްލުވާނެ: ހަކަތައާބެހޭ ވަޒީރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ