މ އަތޮޅުން ފެށިގެން ލ އަތޮޅަށް މޫސުން ގޯސްވެ ހުދު ސަމާލު ނެރެފިއެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނީ ކުރިއަށް އޮތް 24 ގަޑިއިރު އެކި ހިސާބުތަކަށް ވިއްސާރަކުރާނެ ކަމަށް ލަފާކުރެވޭ ކަމަށާއި ބައެއް ރަށްތަކަށް ގުގުރުން އެކަށީގެންވާ ކަމަށެވެ.
ވައިޖެހޭނީ އާންމު ގޮތެއްގައި ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 5 މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި ކަމަށާއި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 35 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަމަށް ވެސް އެ އިދާރާއިންވަނީ ބުނެފައެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނީ ރާއްޖޭގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވެފައި ވިލާގަނޑުގައި ގަދަވާނެ ކަމަށެވެ. ރާލުގެ އުސްމިން 5 ފޫޓަށް އުފުލުން އެކަށީގެންވެއެވެ.
ފާއިތުވި 24 ގަޑިއިރުވެސް ބޯކޮށް ވާރޭވެހި ރާއްޖޭގެ ބައެއް ރަށްރަށުގައި ފެންބޮޑުވުމުގެ ހާދިސާތައް ހިނގާފައި ވެއެވެ.
ސޯޝަލްމީޑިއާގައި ދައުރުވަމުންދާ ފޮޓޯތަކުން ފެންނަ ގޮތުގައި، ބައެއް ރަށްރަށުގައި ފެން ބޮޑުވެ، ބައެއް ގެތަކަށް ފެންވަދެ ތަކެއްޗަށް ވެސް ވަނީ ގެއްލުންވެފައެވެ.
ކަމާ ގުޅުންހުރި މުއްސަސާތަކުންވަނީ ހުރިހާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ.
ރާއްޖެއަށް މިހާރުކުރަމުންދަނީ ހުޅަނގު މޫސުމުގެ ވިއްސާރައެވެ. ރާއްޖެއަށް ހުޅަނގުމޫސުން ލައިގަތީ މެއިމަހުގެ ކުރީކޮޅެވެ.
މ އަތޮޅުން ފެށިގެން ލ އަތޮޅަށް މޫސުން ގޯސް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ