ފުލުހުންނާއި ސިފައިން އަދި ފަނޑިޔާރުން ވަޒީފާގައި ތިބޭ މުއްދަތުގައި ހިލޭ ބޯހިޔާވަހިކަން ދޭނަން: ގާސިމް

ވެރިކަން ލިބިއްޖެ ނަމަ ފުލުހުންނާއި ސިފައިން އަދި ފަނޑިޔާރުން ވަޒީފާގައި ތިބޭ މުއްދަތުގައި ހިލޭ ބޯހިޔާވަހިކަން ދެއްވާނެ ކަމަށް ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ލީޑަރު އަދި ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.
ކުރިއަށްއޮތް ރިޔާސީ އިންތިހާބުގެ ކެމްޕޭންގެ ތެރެއިން ޖޭޕީން އދ. މާމިގިލީގައި މިރޭ ބޭއްވި ޖަލްސާގައި އެ ދާއިރާގެ މެންބަރުކަންވެސް ކުރައްވާ ގާސިމް ވިދާޅުވީ، ރާއްޖޭގެ އަމަން ބަލަހައްޓަނީ ފުލުހުންނާއި ސިފައިން ކަމަށާއި ރާއްޖޭގެ ކަންކަން އަދުލުވެރިކަމާއެކު ގެންދިއުމުގެ ބުރަ އުފުލަނީ ފަނޑިޔާރުން ކަމަށެވެ.
ގާސިމް ވިދާޅުވީ، ސިފައިންނާއި ފުލުހުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދޭ ވާހަކަ ކޮންމެ ސަރުކާރަކުންވެސް ދައްކާ ކަމަށާއި ނަމަވެސް އެކަން ހަގީގަތަށްވާ މަންޒަރެއް އަދި ނުފެންނަ ކަމަށެވެ.
"އަޅުގަނޑުގެ ވެރިކަމެއްގައި މާތްﷲގެ ވާގިފުޅާއެކީގައި ކޮންމެ ސިފައިންގެ ބޭފުޅަކުވެސް އެމީހަކަށް އެކަށީގެންވާ މި ޒަމާނުގެ މި ތައްޔާރުކުރެވޭ ރަނގަޅު ފެންވަރުގެ އެކޮމޮޑޭޝަނެއް އަޅުގަނޑުމެން ޕްރޮވައިޑްކޮށްދޭނަމޭ އެ ބޭފުޅުން ހިދުމަތުގައި ތިއްބެވިހާ ދުވަހަކު. ކޮންމެ ތަނެއްގައިވިޔަސް،" ގާސިމް ވިދާޅުވިއެވެ.
ގާސިމް ވިދާޅުވީ، ސިފައިންނަށް އެކޮމޮޑޭޝަން ހަމަޖައްސައިދޭނީ ސިފައިންގެ އެކޮމޮޑޭޝަން އިމާރާތެއްގެ ގޮތުގައި މިހާރުވެސް ބޭނުންކުރަމުން އަންނަ ބަންޑާރަ ކޮށީގެ އެއްބައި ހުސްކޮށް، އެތާނގައި 15 ބުރީގެ އިމާރާތެއް އަޅައިގެން ކަމަށެވެ. އަދި ސިފައިންނެކޭ އެއްގޮތަށް ފުލުހުންނަށްވެސް ހިލޭ ބޯހިޔާވަހިކަން ހަމަޖައްސައިދެއްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
"ހުޅުމާލޭގައި ވަޒީފާ އަދާކުރައްވާ ބޭފުޅުންނަމަ އެތާނގައި، މާލޭގައި ނަމަ މާލޭގައި، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިއްބެވި ނަމަ އެ ކަންކޮޅުތަކުގައި އެކަން ކުރެވިގެންދާނެ،" ގާސިމް ވިދާޅުވިއެވެ.
ގާސިމް އިތުރަށް ވިދާޅުވީ، ފަނޑިޔާރުންނަށްވެސް މަގާމުގައި ދެމިހުންނެވިހާ ދުވަހަކު ދައުލަތުގެ ހަރަދުގައި ބޯހިޔާވަހިކަން ފޯރުކޮށްދެއްވާނެ ކަމަށެވެ.
ގާސިމް އިތުރަށް ވިދާޅުވީ، އޭނާގެ ވެރިކަމެއްގައި ރާއްޖޭގެ ކަނޑުގެ ސަރަހައްދާއި ވައިގެ ސަރަހައްދު ބެލެހެއްޓުމަށް އެއާޕޯސްއެއް ގާއިމުކޮށްދެއްވާނެ ކަމަށެވެ. އަދި ކޯސްޓް ގާޑުގެ ބަދަލުގައި ނޭވީވެސް ހަމަޖައްސާނެ ކަމަށް ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ