އަމިއްލަ ގޮތުން ވާދަކުރެއްވި އުމަރު ނަސީރު ރިޔާސީ އިންތިހާބުގައި ވޯޓު ލައްވައިފިއެވެ.
އުމަރަކީ މި އިންތިހާބުގައި ކެންޑިޑޭޓުންގެ ތެރެއިން އެންމެ ފަހުން ވޯޓު ލެއްވި ކެންޑިޑޭޓެވެ. ކެންޑިޑޭޓުންގެ ތެރެއިން އެންމެ ފުރަތަމަ މިއަދު ވޯޓު ލެއްވީ ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓު ގާސިމް އިބްރާހިމްއެވެ. ދެވަނައަށް ޕީއެސްސީގެ ކެންޑީޑޭޓު ޑރ. މުހައްމަދު މުއިއްޒު ވޯޓު ލެއްވިއިރު ތިން ވަނަ އަށް ވޯޯޓު ލެއްވީ ޑިމޮކްރެޓްސްގެ ކެންޑިޑޭޓު އިލްޔާސް ހަބީބުއެވެ.
ރިޔާސީ އިންތިހާބުގެ ވޯޓުލުން މިއަދު 8 ޖަހާއިރު ފަށާފައިވާއިރު އިލެކްޝަންސް ކޮމިޝަނުން ކުރިއަށް ގެންދިޔަ ޕްރެސް ކޮންފަރެންސްގައި ކޮމިޝަނުގެ ނައިބު ރައީސް އިސްމާއިލް ހަބީބް ވިދާޅުވީ، މިހާތަނަށް 39 ޕަސެންޓް މީހުން ވޯޓުލާފައިވާ ކަމަށާއު ވޯޓުލުން ކުރިއަށް ދަނީ އަމާންކަމާ އެކުގައި ކަމަށާއި ބައެއް ރަށްރަށުގައި ކޮންމެވެސް ވަރަކަށް މައްސަލަތަކެއް ދިމާވި ކަމަަށެވެ.
މި އިންތިހާބުގައި ވޯޓުލުމުގެ ހައްގު 282،395 މީހަކަށް ލިބިފައިވާއިރު އޭގެ ތެރޭގައި 138،196 އަންހެނުންނާ 144،199 ފިރިހެނަކު ހިމެނެއެވެ. އަދި މި އިންތިހާބުގައި ވޯޓުލުމަށް އަލަށް ޝަރުތު ހަމަވި 20،270 ޒުވާނުން ހިމެނެއެވެ.
މި އިންތިހާބުގައި ޖުމްލަ 574 ވޯޓު ފޮއްޓެއް ބަހައްޓާފައިވާއިރު އޭގެ ތެރޭގައި 142 ފޮށި ބަހައްޓާފައިވަނީ މާލޭގައެވެ. އެ ފޮށިތަކުގެ ތެރެއިން 61 ފޮއްޓަކީ މާލޭގެ ރައްޔިތުންނަށް ހާއްސަަކުރެވިފައިވާ ފޮށިތަކެވެ. އަދި ބާކީ 81 ފޮއްޓަކީ އަތޮޅު ތެރޭގެ މީހުންގެ ތެރެއިން މާލޭގައި ވޯޓުލުމަށް ރަޖިސްޓްރީކުރި މީހުންނަށް ހާއްސަކުރެވިފައިވާ ފޮށިތަކެވެ.
21 ފޮއްޓެއް ހުޅުމާލެ ފުރަތަމަ ފިޔަވަހީގައި ބައްޓާފައިވާއިރު ހުޅުމާލެ ދެވަނަ ފިޔަވަހީގައި ބަހައްޓާފައިވަނީ ހަ ފޮއްޓެވެ. ވިލިމާލޭގައި ހަތް ފޮށި ވަނީ ބަހައްޓާފައެވެ. އަދި ޖަލުތަކުގައި ފަސް ފޮށި ބަހައްޓާފައިވާއިރު ހުޅުލޭގައި ބަހައްޓާފައިވަނީ އެންމެ ފޮއްޓެކެވެ.
މީގެ އިތުރުން ރާއްޖެއިން ބޭރުގައި 8 ފޮއްޓެއް ބަހައްޓާފައިވާއިރު އެ ފޮށިތައް ބެހެއްޓިފައިވަނީ އިންޑިއާގެ ޓްރިވެންޑްރަމާއި ސްރީލަންކާގެ ކޮލަމްބޯއާއި މެލޭޝިއާގެ ކުއަލަމްޕޫރާޢި އިނގިރޭސި ވިލާތުގެ ލަންޑަން އަދި ޔުނައިޓެޑް އެރެބް އެމިރޭޓްސްގެ އަބޫދާބީ ހިމެނެއެވެ.
ރައީސް 2023: އަމިއްލަ ގޮތުން ވާދަކުރައްވާ އުމަރު ވޯޓު ލައްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ