އައްޑޫ ސިޓީގެ ރައްޔިތުންނަކީ ތިބި ބައެއްކަން ވެސް އެނގުނީ ހަމައެކަނި ރައީސަކީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކަމަށް އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް ވިދާޅުވެއްޖެ އެވެ.
އައްޑޫ ސިޓީގައި ރޭ ބޭއްވި ކެމްޕޭން ޖަލްސާގައި ވާހަކަދައްކަމުން ރޮޒެއިނާ ވިދާޅުވީ ރައީސް ސޯލިހު އައްޑޫ އަށް ވަޑައިގަތުމުން އެމަނިކުފާނަށް މަރުހަބާ ދެންނެވުމަށް ގިނަ އަދަދެއްގެ ރައްޔިތުން އެއާޕޯޓަށް ދިޔަ ސަބަބު ވަރަށް ސާފު ކަމަށާއި އެއީ އައްޑޫ ރައްޔިތުންނަކީ ތިބި ބައެއްކަން ވެސް އެނގުނު ހަމައެކަނި ރައީސަކީ، ރައީސް ސޯލިހަށް ވުމުން ކަމަށެވެ.
"އައްޑޫ ރައްޔިތުންނަކީ ތިބި ބައެއްކަން އެނގުނު ހަމައެކަނި ރައީސަކީ، ރައީސް އިބޫ ވީމަ. އައްޑޫގެ އިގްތިސާދަށް އިންގިލާބީ ބަދަލުތަކެއް ގެނެސްދެއްވާނެ ރައީސަކީ، ރައީސް އިބޫކަން ތިބޭފުޅުންނަށް އެނގިލައްވާތީވެ،" ރޮޒެއިނާ ވިދާޅުވި އެވެ.
ރޮޒެއިނާ ވިދާޅުވީ ރައީސްގެ ރަނިންމޭޓަކަށް ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ނެންގެވި ހިސާބުން ވެސް ކުރިއަށް އޮތް ފަސް އަހަރު އައްޑޫ އަށް ރައީސް ދެއްވާނެ އަހައްމިއްޔަތުކަން ފެނިގެން ގޮސްފައިވާ ކަމަށެވެ. ރޭގެ ޖަލްސާގައި ރޮޒެއިނާ ވަނީ މިދިޔަ ފަސް އަހަރުގެ ވެރިކަމުގައި އައްޑޫ އަށް ވެފައިވާ އިހުމާލުތައް ވެސް ހިއްސާކުރައްވާފަ އެވެ.
އެގޮތުން އައްޑޫގައި ޓާޝަރީ ހޮސްޕިޓަލެއް ހަދަން ބޭރު ގައުމަކުން 50 މިލިއަން ޑޮލަރު ލިބި އަދި އެ ހޮސްޕިޓަލް އަޅާނެ ބިން އައްޑޫ ކައުންސިލުން ދެއްކުމުން ވެސް އައްޑޫގައި ހަދާފައި ހުރި ކޮންވެންޝަން ސެންޓަރު ހޮސްޕިޓަލެއްގެ ނަމުގައި "ދަންތުރައެއް" ޖައްސާފައިވާ ކަމަށް ރޮޒެއިނާ ވިދާޅުވި އެވެ. އޭގެ ސަބަބުން އައްޑޫ އަށް ލިބެން އޮތް ޓާޝަރީ ހޮސްޕިޓަލް ވެސް ނުލިބުނު ކަމަށް ވިދާޅުވި އެވެ.
"އަޅުގަނޑު ދުވަހަކު ވެސް މައާފެއް ނުކުރާނަން. އަޅުގަނޑުމެން އާދޭސް ކުރިން އެހެން ނަހައްދަވާށޭ، ބަޖެޓް ވެސް އެ އޮތީއޭ ހޮސްޕިޓަލެއް ހަދާ ގޮތަށް ޑިޒައިންކޮށްގެން ހެދޭނެ ތަނެއް ނޫން ކޮންވެންޝަން ސެންޓަރަކީ. އެ ކޮންވެންޝަން ސެންޓަރުގެ ދޮރުތަކުން ފުރަތަމަ ސްޓްރެޗަރު ނުވެއްދޭ. އައްޑޫ ސިޓީ އަށް ލިބެން އޮތް ރަނގަޅު ޓާޝަރީ ހޮސްޕިޓަލެއް ލިބުނަ ނުދީ ހިފެހެއްޓި މީހުން މި މީހުންނަކީ،" އޭނާ ވިދާޅުވި އެވެ.
ޕީޕީއެމްގެ ވެރިކަމުގައި އައްޑޫގައި ހުރި ކޮންވެންޝަން ސެންޓަރު ފޭރިގަތީ ކަމަށާއި ނުވިތާކަށް އެތަނުގައި ހުރި ގޮނޑިކޮޅު ވެސް ނަގައިގެން މާލެ ގެންދިޔަކަން ރޮޒެއިނާ ފާހަގަކުރެއްވި އެވެ.
އައްޑޫ ރައްޔިތުން ތިބިކަން އެނގުނީ ރައީސް ސޯލިހަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ