ޔާމީންގެ ކެންޑިޑެސީ ބަލައިނުގަތް މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅައިފި
ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ކެންޑިޑެސީ ފޯމު ބަލައިނުގަންނަން، އިލެކްޝަންސް ކޮމިޝަން (އީސީ)ން ނިންމި ނިންމުން، އެ މަނިކުފާނުގެ ފަރާތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކޮށްފިއެވެ. ފަތުރުވެރިކަމަށް ވ. އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތުގައި ރިޝްވަތު ގަބޫލުކޮށް، އެ ފައިސާ ލޯންޑާ ކުރި ކަމުގެ ތުހުމަތުގައި މިދިޔަ ޑިސެމްބަރު މަހު ކްރިމިނަލް ކޯޓުން ވަނީ ޔާމީނަށް، 11 އަހަރުގެ ޖަލު ހުކުމެއް އިއްވައިފައެވެ. ޖަލުގައި އޮންނަވައިގެން ޔާމީން ވަނީ ކެންޑިޑެސީ ފޯމުގައި ސޮއި ކުރައްވައިފައެވެ. އަދި، ޕީޕީއެމުން އިއްޔެ ވަނީ އެ ފޯމު އީސީއާ ހަވާލުކޮށްފައެވެ. އެކަމަކު، އީސީން ނިންމީ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާތީ، ޔާމީންގެ ކެންޑިޑެސީ ބަލައިނުގަންނާށެވެ. https://sun.mv/180247 އީސީން ނިންމާފައިވަނީ، ޔާމީން މިހާރު ވެސް 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާތީ، ގާނޫނު އަސާސީގެ 109 ވަނަ މާއްދާގެ ޅ ގައި ބަޔާންކުރާ ޝަރުތު ހަމަނުވާ ކަމަށެވެ. ރައިސުލްޖުމްހޫރިއްޔާ ކަމަށް ކުރިމަތިލުމުގެ ޝަރުތުތަކުގެ ތެރޭގައި ޖިނާއީ ކުށެއް ކުރިކަން ސާބިތުވެގެން 12 މަސް ދުވަހަށް ވުރެ ދިގު މުއްދަތެއްގެ ހުކުމެއް ކޮށްފައިވާ މީހަކު ނަމަ, އެ ހުކުމް ތަންފީޒުކޮށް ނިމުނުތާ ނުވަތަ ހުކުމް ކަނޑައެޅި އަދަބު މާފު ކުރިތާ ތިން އަހަރުވެފައި ވުން ހިމެނެއެވެ. https://twitter.com/MJameelAhmed/status/1686531188926922754 އީސީގެ ނިންމުމާ މެދު ހިތްހަމަނުޖެހި، ޔާމީންގެ ފަރާތްޕުޅުން މިއަދު ހެނދުނު ވަނީ އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅައިފައެވެ. އެ މަނިކުފާނުގެ އިސް ގާނޫނީ ވަކީލު އަދި ރަނިންމޭޓު ޑރ. މުހައްމަދު ޖަމީލު އަހުމަދު ވަނީ އެކަން ކަށަވަރު ކޮށްދެއްވައިފައެވެ. އޭނާ ވިދާޅުވީ، ސަރުކާރުން ނުފޫޒު ބޭނުން ކޮށްގެން ޔާމީންގެ ހައްގުތައް ނިގުޅައިގެންފައިވާ ކަމަށާއި މިހާރު އެ ކުރައްވަނީ އެ ހައްގުތައް އަނބުރާ ހޯދުމުގެ މަސައްކަތް ކަމަށެވެ. https://sun.mv/180248 "މިއަދު މި ކުރަނީ ސަރުކާރުގެ ނުފޫޒުން ނިގުޅައިގަތް ޙައްގުތައް ކަށަވަރު ކުރުމުގެ މަސައްކަތް. އިރާދަކުރެއްވިއްޔާ ޙައްގަތް ނަޞްރު ލިބިގެންދާނެ،" ޖަމީލު ވިދާޅުވިއެވެ. އިންތިޚާބުގައި ވާދަ ނުކުރެއްވިދާނެ ހާލަތަކަށް ބަލައި، ޔާމީން އިއްޔެ ވަނީ ޕީއެންސީގެ ފަރާތުން ވެސް ކެންޑިޑޭޓެއް ނެރެން އިދިކޮޅު ކޯލިޝަންގެ ލީޑާޝިޕަށް އިރުޝާދު ދެއްވައިފައެވެ. އެހެންވެ، ކެންޑިޑޭޓެއް ކަނޑައެޅުމުގެ މަސައްކަތް އެ ޕާޓީގެ ސެނެޓުން މިހާރު އަންނަނީ ކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ