ޔާމީންގެ ކެންޑިޑެސީ ބަލައިނުގަންނަން ނިންމި މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅައިފި

ރައީސް ޔާމީންގެ ކެންޑިޑެސީއާ މެދު އިލެކްޝަން ކޮމިޝަނުން ނިންމި ނިންމުން ބަލައި ނުގަނެ، އެމަނިކުފާނުގެ ގާނޫނީ ވަކީލުންގެ ޓީމުން އެ މައްސަލަ ސްޕްރީމް ކޯޓަށް ހުށައަޅައިފިއެވެ.
ޕީޕީއެމްގެ ފަރާތުން އަންނަ ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް ރައީސް ޔާމީންގެ ކެންޑިޑެސީ ފޯމް ހުށައަޅާފައިވަނީ އިއްޔެއެވެ. އެހެންނަމަވެސް ޖިނާއީ ކުށެއް ސާބިތުވެ، 12 މަސްދުވަހަށް ވުރެ ދިގު މުއްދަތެއްގެ ހުކުމެއް ރައީސް ޔާމީން ތަންފީޛުކުރައްވަމުން ގެންދަވާތީ، މި ހުކުމް ތަންފީޛުކޮށް ނިމިފައިނުވާކަން، ހުށަހަޅާފައިވާ ކުށުގެ ރެކޯޑަށް ބެލުމުން އެނގެން އޮންނާތީ، ޤާނޫނުއަސާސީގެ 109 ވަނަ މާއްދާގެ (ޅ) ގައި ބަޔާންކުރާ ޝަރުތު، ރައީސް ޔާމީންގެ ކިބައިގައި ފުރިހަމަނުވާކަމަށްބުނެ އެމަނިކުފާނުގެ ކެންޑިޑެސީ ބަލައިނުގަންނަން އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމައިފައެވެ.
އިލެކްޝަން ކޮމިޝަނުގެ މި ނިންމުމާމެދު ހިތްހަަމަ ނުޖެހި، އެމަނިކުފާނުގެ ވަކީލުންގެ ޓީމުން ބުނީ، ޔާމީންގެ ކެންޑިޑެސީ ޤަބޫލުނުކުރުމަށް އެ ކޮމިޝަނުން ނިންމި ނިންމުމަކީ ޞައްޙަ ނިންމުމެއްކަމަށް ކޯލިޝަނުން ނުދެކޭ ކަމަށެވެ.
އިލެކްޝަންސް ކޮމިޝަންގެ ނިންމުން، އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނުގެ 21 ވަނަ މާއްދާގެ (ބ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން، ސުޕްރީމް ކޯޓަށް ހުށަހެޅުމަށްޓަކައި ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ވަކީލުންގެ ޓީމުން ކުރިއަށް ގެންދަވާ ވާހަކަ މީޑިއާތަކަށް ހާމަކުރައްވަމުން އިއްޔެ ވަކީލުންގެ ޓީމުން ބުނީ، ސުޕްރީމް ކޯޓުން އިލެކްޝަންސް ކޮމިޝަންގެ ނިންމުން ބާޠިލުކޮށް، ރައީސް ޔާމީންގެ ކެންޑިޑަސީގެ ޞައްޙަކަން ކަށަވަރުވެގެން ދާނެކަމީ އެއްވެސް ޝައްކެއް އޮތްކަމެއް ނޫންކަމުގައި ޔަގީންކުރެވޭކަމަށެވެ.
އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާކަން ހާމަކުރައްވައި ރައީސް ޔާމީންގެ ރަނިންމޭޓް އަދި އެމަނިކުފާނުގެ ވަކީލު ޑރ.މުހައްމަދު ޖަމީލު އަހުމަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، މިއަދު އެމަނިކުފާނު ކުރައްވަމުން ގެންދަވަނީ ސަރުކާރުގެ ނުފޫޒުން ނިގުޅައިގަތް ހައްޤުތައް ކަށަވަރު ކުރުމުގެ މަސައްކަތް ކަމަށެވެ. އަދި ހައްޤަށް ނަސްރު ލިބޭނެކަމަށް ވެސް ޖަމީލް ވިދާޅުވިއެވެ.
މި މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅާތާ ހަތް ދުވަހުގެ ތެރޭގައި މި މައްސަލައާމެދު ގޮތެއް ނިންމަން ޤާނޫނުއަސާސީން ލާޒިމުކުރެއެވެ.
އިންތިޚާބުގައި ވާދަ ނުކުރެއްވިދާނެ ހާލަތަކަށް ބަލައި، ޔާމީން ވަނީ ޕީއެންސީގެ ފަރާތުން ވެސް ކެންޑިޑޭޓެއް ނެރެން އިދިކޮޅު ކޯލިޝަންގެ ލީޑާޝިޕަށް އިރުޝާދު ދެއްވައިފައެވެ. އެހެންވެ، ނެރޭނެ ކެންޑިޑޭޓެއް ކަނޑައެޅުމުގެ އިހްތިޔާރު ޔާމީނަށް ދޭން ލީޑާޝިޕުން ވަނީ ނިންމައިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ