މައުމޫން ވެރިކަމުގައި ބަޔަކަށް އަނިޔާ ލިބުނު، ތަރައްގީވެސް ގެނައި

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ބަޔަކަށް އަނިޔާތަކެއް ވެސް ލިބުނު ކަމަށާއި އަދި ގައުމަށް ތަރައްގީ ވެސް ގެނައި ކަމަށް އެމަނިކުފާނުގެ ދަރިކަލުން އަދި އެމްއާރްއެމްގެ ރިޔާސީ ކެންޑިޑޭޓް، ފާރިސް މައުމޫން ވިދާޅުވެއްޖެ އެވެ.
ރޭ "ސީއެންއެމް" އިން ގެނެސްދިން ޕްރޮގްރާމެއްގައި ވާހަކަދައްކަމުން ފާރިސް ވިދާޅުވީ ކުރީގެ ސަރުކާރުތަކުގައި އެކި ފެންވަރަށް ނުރަނގަޅު ކަންކަން ހިނގާފައިވާ ކަމަށާއި އެކަމާ އެއްބަސްވާ ކަމަށެވެ.
"ރައީސް މައުމޫން ސަރުކާރުގައި ވެސް އެބަހުރި ހިނގާފައި ބައެއް ކަންތައްތައް އެންމެ ރަނގަޅު ނޫން ގޮތަށް. ބައެއް ރައްޔިތުންގެ ބައެއް މީހުންނަށް އަނިޔާތަކެއް ވެސް ލިބިފައި އެބަހުރި. މިއީ ހަގީގަތެއް. އަޅުގަނޑު މިކަން ޑިނައި ކުރާކަށް ނޫޅޭން،" ފާރިސް ވިދާޅުވި އެވެ.
ފާރިސް ވިދާޅުވީ އެކަންކަން އެގޮތަށް ހުރި ނަމަވެސް މައުމޫންގެ ވެރިކަމުގައި ރާއްޖެ އަށް ވަރަށް ބޮޑެތި ތަރައްގީތަކެއް ވެސް ގެނެވުނު ކަމަށެވެ. އެގޮތުން މައުމޫންގެ ވެރިކަމުގައި މީހުން ވަރަށް ބޮޑަށް ތަރައްގީ ވެގެންދިޔަ ކަމަށާއި އަދި އާބާދީގެ ނިސްބަތުން 40 ޕަސަންޓު ލިޔަން ކިޔަން ދަންނަ ބަޔަކު 99 ޕަސަންޓަށް ނެގުނު ކަމަށް ފާރިސް ވިދާޅުވި އެވެ. އަދި އިގްތިސާދާއި ޓޫރިޒަމް ފުޅާވެގެންދިޔަ ކަމަށާއި އުމްރާނީ ތަރައްގީގައި ބޮޑެތި ފިޔަވަޅުތަކެއް ކުރިއަށް އެޅުނު ކަމަށްވެސް ވިދާޅުވި އެވެ.
"މި ހުރިހާ ކަންތައްތަކެއް މިއީ އެކަމުން އަޅުގަނޑުމެން ތަޖުރިބާ ލިބޭނެ ކަންތައްތައް. އެކަމުން ފިލާވަޅު ލިބޭނެ ކަންތައްތައް،" އެމްއާރްއެމްގެ ރައީސްކަން ކުރައްވަމުން ގެންދަވާ ފާރިސް ވިދާޅުވި އެވެ.
ރިޔާސީ އިންތިހާބަށް އެމްއާރްއެމްގެ ފަރާތުން ކުރިމަތި ނުލެވިއްޖެ ހާލަތެއްގައި އަމިއްލަ ގޮތުން ވެސް އިންތިހާބުގައި ވާދަކުރަން ފާރިސް މިހާރު ވަނީ 1،500 ސޮއި ހަމަކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ