މޫސުން ވަރަށް ގޯސް: ރަށްރަށުގައި ފެންބޮޑުވުމުގެ ހާދިސާތައް

ބޯކޮށް ވާރޭވެހި ރާއްޖޭގެ ބައެއް ރަށްރަށުގައި ފެންބޮޑުވުމުގެ ހާދިސާތައް ހިނގައިފިއެވެ.
ސޯޝަލްމީޑިއާގައި ދައުރުވަމުންދާ ފޮޓޯތަކުން ފެންނަ ގޮތުގައި، ބައެއް ރަށްރަށުގައި ފެން ބޮޑުވެ، ބައެއް ގެތަކަށް ފެންވަދެ ތަކެއްޗަށް ވެސް ވަނީ ގެއްލުންވެފައެވެ.
އެންމެ ބޮޑުވަރުވި އެއް ރަށަކަށް ފާހަގަކުރެވެނީ ޅ. ކުރެންދޫއެވެ.
ކުރިއަށް އޮރް 24 ގަޑިއިރުގެ ތެރޭގައިވެސް ރާއްޖޭގެ އެކި ހިސާބުތަކަށް ބޯކޮށްވާރޭވެހުމާއެކު ގުގުރުން އެކަށީގެންވާ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ، މެޓް އޮފީހުން ބުނެއެވެ.
ރާއްޖެއަށް މިހާރުކުރަމުންދަނީ ހުޅަނގު މޫސުމުގެ ވިއްސާރައެވެ. މެޓް އޮފީހުން ބުނީ، ރާއްޖޭގެ އެކިހިސާބަށް ވިއްސާރަކުރާނެ ކަމަށާއި ބައެއް ރަށްތަކަށް ބޯކޮށްވާރޭވެހުމާއެކު ގުގުރުން އެކަށީގެންވާ ކަމަށެވެ.
ވައިޖެހޭނީ ދެކުނާއި ހުޅަނގުދެކުނުން ގަޑިއަކު 5 މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައެވެ. ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވުން އެކަށީގެން ވެއެވެ.
ރާއްޖޭގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވެފައި ވިލާގަނޑުގައި އާދައިގެ ވަރަކަށް ގަދަވާނެ.އެވެ. ރާޅުގެ އުސްމިން ހުންނާނީ 2 ފޫޓާއި 5 ފޫޓާ ދެމެދުގައެވެ.
މެޓް އޮފީހުންވަނީ ހުރިހައި ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ. ރާއްޖެއަށް ހުޅަނގުމޫސުން ލައިގަތީ މެއިމަހުގެ ކުރީކޮޅެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ