އެކްސްކްލޫސިވް އިންޓަވިއު: ރައީސް ނަޝީދާ މުއާމަލާތެއް ނުކުރަން، އިދިކޮޅު ހަރަކާތާ ގުޅުމެއް ނުބާއްވަން: މައުމޫން

ރައީސް ނަޝީދާ އެއްވެސް މުއާމަލާތެއް ކުރައްވާފައި ނުވާނެ ކަމަށާއި އިދިކޮޅު ހަރަކާތާ ވެސް އެއްވެސް ގުޅުމެއް ނުބާއްވަވާ ކަމަށް ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލް ޤައްޔޫމް ވިދާޅުވެއްޖެ އެވެ. ސިންގަޕޫރުގައި ހުންނަވައިގެން އެސްއެމްއެސް މެދުވެރިކޮށް ސަން އަށް ރޭ ދެއްވި ޚާއްސަ އިންޓަވިއުއެއްގައި ރައީސް މައުމޫނު ވިދާޅުވީ، އެމަނިކުފާނުގެ ނަންފުޅު ބޭނުންކޮށްގެން، ރައީސް ނަޝީދާ ހަވާލާދީ އިންޑިއާގެ އިންޑިއަން އެކްސްޕްރެސް ޝާއިއު ކޮށްފައިވަނީ ދޮގު ވާހަކަ ތަކެއް ކަމަށެވެ. ރައީސް މައުމޫނާއި ރައީސް ޔާމީން: ނަޝީދު ދައްކަވާ ވާހަކަފުޅުތައް މައުމޫން ވަނީ ދޮގުކުރައްވާފައި --- ސަން ފައިލް ފޮޓޯ މީގެ ދޮޅު ހަފުތާއެއްހާ ދުވަސް ކުރީން ސިޔާސީ މަޝްވަރާތަކަކަށް ލަންކާ އަށް ވަޑައިގަތުމަށް ފަހު އެނބުރި އިނގެރޭސި ވިލާތަށް ފުރާވަޑައިގަތުމުގެ ކުރީން ރައީސް ނަޝީދު ވަނީ އިންޑިއާގެ އިންޑިއަން އެކްސްޕްރެސް ނޫހަށް އިންޓަވިއުއެއް ދެއްވައިފަ އެވެ. އެ އިންޓަވިއުގައި ރައީސް ނަޝީދު ވިދާޅުވެފައިވާ ގޮތުގައި ރައީސް ޔާމީންގެ ވެރިކަން ނިމުމަކަށް ގެނެސް ދެން އުފައްދާ އިންތިގާލީ ސަރުކާރެއްގައި ރައީސް މައުމޫނު ވެސް ހިމެނިވަޑައިގަންނަވާނެ ކަމަށެވެ. އަދި ރައީސް މައުމޫނުވެސް ހުންނެވީ އިދިކޮޅު ފަރާތްތަކާ އެކުގައި ކަމަށާއި އެމަނިކުފާނު އެގޮތަށް ހުންނަވަނިކޮށް އެމަނިކުފާނަށް ފުރަގަސް ދިނުމަކީ އެޅޭނެ ޅައެއްޗެއްގެ ގޮތުގައި ރައީސް ނަޝީދު ވަނީ ސިފަ ކުރައްވައިފަ އެވެ. ރައީސް މައުމޫނު ރޭ ސަން އަށް ވިދާޅުވީ އެމަނިކުފާނަކީ ޕީޕީއެމްގެ ރައީސް ކަމަށާއި އިންޑިއަން އެކްސްޕްރެސް ގައި ހުރި ފަދަ ވާހަކަތައް އެމަނިކުފާނަށް ތާއީދު ކުރައްވާ ބޭފުޅުން ގަބޫލުނުކުރައްވާނެ ކަމަށެވެ. "އަޅުގަނޑަކީ ޕީޕީއެމްގެ ރައީސް. އިދިކޮޅު އެއްވެސް ސިޔާސީ ޕާޓީ އަކާ ނުވަތަ އިދިކޮޅު ސިޔާސީ ހަރަކާތަކާ އަޅުގަނޑު އެއްވެސް ގުޅުމެއް ނުބާއްވަން،" ރައީސް މައުމޫނު ވިދާޅުވި އެވެ. ރައީސް ޔާމީނާއި ރައީސް މައުމޫން އަދި ރައީސް ނަޝީދު: އިދިކޮޅު ފަރާތްތަކާ ސިޔާސީ އެއްވެސް މަޝްވަރާއެއް ނުކުރައްވާ ކަމަށް މައުމޫނު ވިދާޅުވި --- ސަން ފައިލް ފޮޓޯ ރައީސް ނަޝީދު އެފަދަ ވާހަކަތަކެއް މަނިކުފާނާ ގުޅޭ ގޮތުން އެ ދެއްކެވި މަގުސަދާ ގުޅޭ ގޮތުން ދެކިވަޑައިގަންނަވަނީ ކިހިނެއްތޯ ދެންނެވުމުން ރައީސް މައުމޫނު ވިދާޅުވީ "އެހެން އެއްވެސް މީހަކު އެބުނާ އެއްޗެއް އެބުނަނީ ކީއްވެ ކަމެއް އަޅުގަނޑަކަށް ނޭނގޭ" ކަމަށެވެ. "ރައީސް ނަޝީދު ހަގީގަތުގައި ދެއްކެވީ ކޮން ވާހަކަފުޅެއް ކަމެއް އަޅުގަނޑަކަށް ނޭނގެ. އެކަމަކު ނޫހުގައި އެވަނީ ދޮގު" މައުމޫން އިތުރަށް ވިދާޅުވި އެވެ. އިދިކޮޅު އިއްތިހާދާ ގުޅުވައިގެން ރައީސް ނަޝީދު އެއްވެސް މުއާމަލާތެއް ކުރެއްވިތޯ ނުވަތަ އިދިކޮޅު ހަރަކާތާ ގުޅުވައިގެން މަނިކުފާނު އެފަދަ އެއްވެސް މުއާމަލާތެއް ރައީސް ނަޝީދާ ކުރައްވާފައި ވާނެތޯ ދެންނެވުމުން ރައީސް މައުމޫން ވިދާޅުވީ "އެއްވެސް މުއާމަލާތެއް ކޮށްފައެއް ނޯންނާނެ" ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ