ސައުންޑް އިކުއިޕްމެންޓްތަކެއް ފޯރުކޮށްދިން އަމިއްލަ ކުންފުންޏަކަށް ޕީއެސްއެމްއިން ނުދައްކައި އޮތް 752،000ރ. އެއްމަސްދުވަހުގެ ތެރޭގައި ސިވިލް ކޯޓަށް ދައްކާ ހަލާސްކުރުމަށް ސިވިލް ކޯޓުން ހުކުމް ކޮށްފިއެވެ.
އިންޑޯ އަދި އައުޓްޑޯ ޝޫޓިންތަކުގައި ބޭނުންވާ ސައުންޑް އިކުއިޕްމެންޓްތަކެއް 2021 ގައި ޕީއެސްއެމްއިން ހުޅުވާލި ބީލަމެއްގައި، އެ ބީލަން ކާމިޔާބުކޮށް އެ ތަކެތި ފޯރުކޮށްދިނީ ބްރިލިއަންޓް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުންނެވެ. އެ ކުންފުނިން ޕީއެސްއެމް އާއި އެކު އެއްބަސްވީ އެތަކެތި 1،129،224ރ. އަށް ފޯރުކޮށްދިނުމަށެވެ.
ޕީއެސްއެމް އިން އެ ކުންފުންޏަށް ފައިސާ ދައްކަން ނިންމާފައި އޮތީ ތިން ޕޭމަންޓަކަށް ބަހާލައިގެންނެވެ. އެހެންނަމަވެސް ދެ ޕޭމަންޓެއް އޮތީ ނުދައްކައެވެ. ނުދައްކާ ހުރީ ފައިސާގެ އަދަދަކީ 752،816ރ. އެވެ.
ބްރިލިއަންޓް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްއަށް މިފައިސާ ނުލިބުމުގެ ސަބަބުން، މާލީ ގޮތުން ލިބުނު ގެއްލުމުގެ ބަދަލެއްގެ ގޮތުގައި ނަގައިދިނުމަށް އެ ކުންފުނިން ކޯޓުގައި އެދުނީ 450،000ރ. އާއި ގާނޫނީ ވަކީލަކު ހަމަޖައްސަން ހަރަދުވި 25،000ރ. އެވެ.
އަދި ކަނޑައަޅާފައިވާ މުއްދަތުގައި ޕީއެސްއެމްއިން ސިވިލް ކޯޓުގައި ޖަވާބުދާރީވެފައި ނެތުމުން، މިދިޔަ ހޯމަ ދުވަހު އެ ކުންފުނީގެ ޣައިރު ހާޒިރުގައި ޤާޒީ އަލީ އަބްދުﷲ ހުކުމް ކުރެއްވީ ބްރިލިއަންޓް ކޮމްޕެނީއިން ސަޕްލައިކޮށްދިން ތަކެއްޗަށް ނުދައްކައިވާ 752،816ރ. އެއް މަސް ދުވަހުގެ ތެރޭގައި ސިވިލް ކޯޓަށް ދައްކައި ނިންމުމަށެވެ.
ގެއްލުމުގެ ބަދަލެއްގެ ގޮތުގައި، 450،000ރ. ނަގައިދިނުމަށް ބްރިލިއަންޓް ކޮމްޕެނީ އިން އެދުނު ނަމަވެސް، އެ ގެއްލުން ލިބުނު ގޮތާއި އެ ގެއްލުން ސާބިތުކުރުމަށް އެއްވެސް ލިޔުމެއް ހުށަހަޅާފައި ނުވާތީ ކޯޓުން ނިންމީ އެ ފައިސާ ނަގައިދެވޭނެ ތަނެއް ނެތް ކަމަށެވެ.
ޕީއެސްއެމް އިން ކުންފުންޏަކަށް 752،000 ރުފިޔާ ދައްކަން ކޯޓުން އަންގައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ