ޚިޔާނާތެއްގައި ބައިވެރިވި ކަމަށް ތުހުމަތުވެގެން އެމްޕީއެލްގެ ވަޒީފާއިން ވަކިކުރި މުވައްޒަފަކަށް ބަދަލުގެ ގޮތުގައި އެއް ރުފިޔާ ނަގައިދޭން ހައި ކޯޓުން ހުކުމްކޮށްފި އެވެ.
ހައި ކޯޓުން މިގޮތަށް ހުކުމްކުރީ އެމްޕީއެލްގެ ތެރެއިން ފެންމަތިވި ތެލުގެ ހިޔާނާތުގައި ބައިވެރިވާ ކަމަށް ޝައްކު ކުރެވިގެން ވަޒީފާއިން ވަކިކުރި މުހައްމަދު އައިމަން ކިޔާ މީހެއްގެ މައްސަލާގަ އެވެ. ވަޒީފާއާ ބެހޭ ޓްރައިބިއުނަލުން ނިންމާފައިވަނީ އޭނާއަށް ބަދަލުގެ ގޮތުގައި މުސާރަ އާއ އިނާޔަތުގެ ގޮތުގައި ލިބެމުން ދިޔަ ގާތްގަނޑަކަށް 19،000ރ. ވަޒީފާއިން ވަކިކުރި ތާރީހުން ފެށިގެން މައްސަލަ ނިންމި ތާރީހާ ދެމެދުގެ މުއްދަތަށް ދޭންޖެހޭނެ ކަމަށެވެ. އެއީ ގާތްގަނޑަކަށް 112،164ރ. އެވެ.
އެ މައްސަލަ ހައި ކޯޓުގައި އިސްތިއުނާފުކުރުމުން އެ ކޯޓުން ކުރި ހުކުމުގައިވާ ގޮތުން، ހިޔާނާތް ހިނގާފައިވަނީ އައިމަންގެ މަސްއޫލިއްޔަތުތަކަށް އިހުމާލުވެފައި އޮތުމުންކަން ތަހުގީގުން އެނގެ އެވެ. އަދި ވަޒީފާ އަނބުރާ ރުޖޫއަކުރެވެން ނެތް ނަމަވެސް ވަކި ކުުރުމުގައި އިޖްރާއީ އަދުލުވެރިކަން ގާއިމް ނުވާތީ ކަމަށް ހުކުމުގައިވެ އެވެ. ނަމަވެސް އެކަމުގައި ކަން ހިނގާފައިވާ ގޮތަށް ބަލާއިރު ރަމްޒީ ބަދަލެއްގެ ގޮތުން ނަގައިދެވޭނީ އެންމެ ރުފިޔާއެއް ކަމަށް ހުކުމުގައިވެ އެވެ.
"ނަގައިދޭ ބަދަލު އަދުލުވެރިވުމަކީ ވަޒީފާއިން ވަކިކުރެވޭ މީހާއަށް ފައިސާގެ ގޮތުން ކޮންމެ މައްސަލައަކާ ގުޅިގެން ބައިވަރުތަކެއް ދިނުމެއް ނޫން. ބަދަލު ނަގައިދިނުމުގައި ވެސް، ކޮންމެ މައްސަލައެއް ވެސް ބަލަންވާނީ އެ މައްސަލައެއްގައި ކަންހިނގާފައިވާ ގޮތަށް،" ފަނޑިޔާރުގެ ރައުޔުގައިވެ އެވެ.
ހައި ކޯޓުގެ ފަނޑިޔާރު މުހައްމަދު ނިޔާޒު ނެރުއްވި ހުކުމުގައިވަނީ ކޮންމެ މައްސަލައެއްގައި ބޮޑު ބަދަލެއް ލިބޭ ގޮތަށް ޓްރައިބިއުނަލުން އަދި ކޯޓުތަކުން ނިންމުމަކީ އިންސާފުގެ ތަރާދަކުން ކިރާއިރު ބުއްދި ގަބޫލު ކުރެވޭ ކަމެއް ނޫން ކަމަށެވެ.
އެ މައްސަލައަކީ އަށް މިލިއަން ރުފިޔާއަށްވުރެ ގިނަ ފައިސާ ހިމެނޭ ތެލުގެ ހިޔާނާތަކާ ގުޅިގެން އެކަމުގައި އިހުމާލު އޮތް ކަމަށް ބުރެވެވޭ މީހަކާ ގުޅޭ މައްސަލައަކަށްވާއިރު، އޭނާ ވަޒީފާއިން ވަކިކުރުމުގައި އިޖުރާއީ ގޯހެއް އޮތް ކަމަށް ބުނެ އެތައް ލައްކަ ރުފިޔާއެއް ނަގައިދިނުމަކީ އިންސާފެއް ނޫން ކަމަށް ފަނޑިޔާރު ވިދާޅުވި އެވެ.
ފަނޑިޔާރު ނިޔާޒުގެ މި ރައުޔަށް ފަނޑިޔާރު ހަސަން ޝަފީއު ތާއިދު ކުރެއްވި އެވެ. ނަމަވެސް، ފަނޑިޔާރު ފާތިމަތު ފަރްހީޒާގެ ރައުޔު ތަފާތުވި އެވެ. ފަނޑިޔާރު ދެކެވަޑައިގަންނަވާ ގޮތުގައި ބަދަލުގެ ގޮތުގައި ތިން މަހުގެ މުސާރަ ނަގައިދޭންޖެހޭނެ އެވެ. ނަމަވެސް، އައިމަންއަށް އަލުން ވަޒީފާ ދިނުމަށް ނިންމާފައި ނިންމުން ބާތިލްކުރަން ފެންނަ ކަމަށް ފަރްހީޒާގެ ރައުޔުގައިވެސް ވެ އެވެ.
ހައި ކޯޓުން މިއަދު މި މައްސަލަ ނިންމާފައިވަނީ އައިމަންއަށް ވަޒީފާ އަލުން ދޭން ނުޖެހޭ ކަމަށް މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުން ނިންމައި، ބަދަލުގެ ގޮތުގައި އެއް ރުފިޔާ އައިމަންއަށް ނަގައިދީ، އެ ހަތް ދުވަސް ތެރޭގައި ދެއްކުމަށް އެމްޕީއެލްގެ މައްޗަށް ދެ ފަނޑިޔާރުންގެ އިއްތިފާގުން ކަނޑައެޅުމަށެވެ.
ޚިޔާނާތުގެ ތުހުމަތުގައި ވަކިކުރި މީހަކަށް ކޯޓުން ދިނީ އެއް ރުފިޔާގެ ބަދަލެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ