ދަތުރުފަތުރުގެ ނިޒާމާއެކު ދިއްދޫ ހޮސްޕިޓަލަށް ބާރުބޮޑުވެ ޙިދުމަތް ހޯދާ މީހުންގެ ޢަދަދު އިތުރު

ހއ. އަތޮޅަކީ ރާއްޖޭގެ އެންމެ އާބާދީ ބޮޑު އެއް އަތޮޅެވެ. ރާއްޖޭގެ އެންމެ އުތުރުން އޮންނަ މި އަތޮޅުގެ ރައްޔިތުން އެންމެ ބޮޑު އެއް ހޭދައެއް ކުރަމުން އައީ ޞިއްޙީ ޙިދުމަތް ހޯދުމަށެވެ. އެ ޙިދުމަތް ފުޅާކުރުމަށް ސަރުކާރުތަކުން މިހާތަނަށް ކުރެއްވި މަސައްކަތްތަކަކީ އެސަރަހައްދުގައި އޮންނަ ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލު ތަރައްޤީކުރުމުގެ މަސައްކަތެވެ.
އެހެންނަމަވެސް އެއީ ހއ. އަތޮޅުގެ ރައްޔިތުންނަށް އެހާ ފަސޭހަކަމަކަށް ނުވެއެވެ. ސަބަބަކީ ކުޅުދުއްފުށްޓަށް ކުރަންޖެހޭ ދަތުރު ދިގުވެ ދަތުރަށް ކުރަންޖެހޭ ހޭދަ ބޮޑުވުމެވެ.
މިސަރުކާރު ވެރިކަމާ ހަވާލުވެ ރާއްޖޭގެ ޞިއްޙީ ނިޒާމަށް އިންޤިލާބީ ބޮޑެތި ބަދަލުތަކެއް ދަނީ ގެންނަމުންނެވެ. އެގޮތުން އެންމެ ބޮޑު ބަދަލެއް އަންނަމުންދާ ހޮސްޕިޓަލުތަކުގެ ތެރޭގައި ދިއްދޫ ހޮސްޕިޓަލް ހިމެނެއެވެ. އެއީ އެއަތޮޅު އާރް.ޓީ.އެލްގެ ދަތުރުފަތުރުގެ ނިޒާމުން ގުޅާލާފައި އޮތުމުން ޙިދުމަތް ހޯދާ މީހުންގެ ޢަދަދު އިތުރުވަމުން ދިއުމާގުޅިގެންނެވެ.
ދިއްދޫ ހޮސްޕިޓަލުން ކުރިން ނުލިބޭ އެތައް ޙިދުމަތެއް މިހާރު ލިބެމުންދާއިރު ރައްޔިތުން ޞިއްޙީ ޙިދުމަތް ހޯދުމަށް މީގެކުރިން އެންމެ ބޮޑު ހޭދައެއް ކޮށްފައިވަނީ ދަތުރުފަތުރަށެވެ. އެ އަތޮޅުގެ ރައްޔިތުންގެ ތެރެއިން ބައެއް މީހުން ބުނީ ދަތުރު ފަތުރުގެ ނިޒާމުން ގުޅާލެވުމަކީ ޞިއްޙީ ޙިދުމަތް ހޯދުމަށް މީގެ ކުރިން ކުރި ހޭދައަށް ނިމުން ގެނުވި ކަމެއްކަމަށެވެ.
"މިވަރު ފަސޭހައެއް ނުލިބޭނެ، މިވަރުކަމެއް ނުދެކެން، ހާދަހާއޭ ފަސޭހައީ.. ކުރިން އެކަމަށް އެތައް ހޭދައެއް ކުރިން، ބަލިވެގެން ޑޮކްޓަރަށް ދައްކަން ދާން އެތައް ޙަރަދެއްކުރިން.. މިހާރު އެ ޙަރަދު އެތައް ގުނައެއް މިވަނީ ދަށްވެފައި، އަދި ކުރިން ނުލިބޭ ޞިއްޙީ ޙިދުމަތްތައް މިއަތޮޅު ހޮސްޕިޓަލުން އަންނަނީ ލިބެމުން.. އަދިކިރިޔާ ފުރިހަމަ އާސަންދައެއް މި ލިބެން ފެށީ" ހއ. އަތޮޅުގެ ރައްޔިތެއް ބުންޏެވެ.
ދަތުރުފަތުރުގެ ނިޒާމުން މުޅި ރާއްޖެ ގުޅާލުމަށް ކުރިއަށްގެންދާ ބިޔަ ބޮޑު މަޝްރޫއުއާއެކު އެންމެ ފުރަތަމަ އެ ޙިދުމަތް ލިބެން ފެށި ހއ. އަތޮޅުގެ މީހުން ބުނީ އެމީހުން ކުރިން 8000 ރުފިޔާ ދީގެ ކުރިދަތުރު މިހާރު 170 ރުފިޔާއިން ނިންމާލެވޭކަމަށެވެ.
ކުރިން ދުވާލެއްގެ މައްޗައް 100 މީހުން ޑޮކްޓަރަށް ދައްކާއިރު، މި ޢަދަދު ބައެއް ދުވަސްތަކުގައި ދެގުނައަށް އަރާކަމަށް ދިއްދޫ ހޮސްޕިޓަލުން ވިދާޅުވެއެވެ. ދަތުރުފަތުރުގެ ޙިދުމަތާއެކު، ޑޮކްޓަރަށް ދެއްކުމަށް ދާމީހުންގެ ޢަދަދު އިތުރުވެ، ހޮސްޕިޓަލުގެ ޙިދުމަތް ފުޅާކޮށް ރައްޔިތުންނަށް ބޭނުންވާ އަދި ކުރިން ނުލިބޭ އެތައް ޙިދުމަތެއް މިހާރު ދޭން ފަށާފައިވާކަމަށް ދިއްދޫ ހޮސްޕިޓަލުގެ މެނޭޖަރ އާދަމް ނަސީރު ވިދާޅުވިއެވެ.
"އާރުޓީއެލް ފެރީގެ ޙިދުމަތް ދޭނެފެށުމުން ކުޑަކޮށް ބަލިވިޔަސް ޑޮކްޓަރަށް ދައްކަން މީޙުން އާދޭ، ކުރިން ވެޖެއްޔާ ބޮޑުކަމެއް ނުވަނީސް ނާންނާނެ، އެއީ އެމީހުން ދަތުރުފަތުރަށް ކުރާ ހޭދަބޮޑުވަމުންދިއުމާ ގުޅިގެން، އެހެންވެ މިހާރު މި ހޮސްޕިޓަލުން ލިބެންނެތް ޙިދުމަތްތައް މިވަނީ ތައާރަފްކޮށްފައި" ދިއްދޫ ހޮސްޕިޓަލުގެ މެނޭޖަރ އާދަމް ނަސީރު ވިދާޅުވިއެވެ.
ދިއްދޫ ހޮސްޕިޓަލުން އަލަށް ފޯރުކޮށްދޭންފެށި ޙިދުމަތްތަކުގެ ތެރޭގައި ޑައިލެސިސްގެ ޙިދުމަތް، ޑިޖިޓަލް އެކްސްރޭގެ ޙިދުމަތް، ލޮލުގެ ޙިދުމަތް ފަދަ ބޮޑެތި ޙިދުމަތްތައް ހިމެނެއެވެ. މީގެ އިތުރުން ކަށީީގެ އޮޕަރޭޝަން ކުރުމުގެ ޙިދުމަތަކީވެސް މިހާރު އެހޮސްޕިޓަލުން ލިބޭ މުހިންމު ޙިދުމަތެކެވެ.
އާރް.ޓީ.އެލް ހައި ސްޕީޑް ފެރީ ނިޒާމާއެކު ހއ. އަތޮޅު ރައްޔިތުން ޞިއްޙީ ޙިދުމަތް ހޯދުމަށް ކުރި ހޭދަ މިވަނީ ނިމުކަމަށް އައިސްފައެވެ. ޚިދުމަތް ހޯދާ މީހުންގެ ޢަދަދު އިތުރުވެ މިހާރަށްވުރެ ޙިދުމަތް ފުޅާކުރުމަށް ދިއްދޫ ހޮސްޕިޓަލާ އާ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން ދަނީ މަސައްކަތްތަކެއްވެސް ކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ