މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގެ ދަށުން، މަސްތުވާތަކެތި ބޭނުންކުރުމުގެ ހިދުމަތް ކެފޭ އުސޫލުން ފޯރުކޮށްދޭ ތަނެއް ބަންދުކުރުމަށް ކްރިމިނަލް ކޯޓުން ފުރަތަމަ ފަހަރަށް އަމުރެއް ނެރެފިއެވެ.
ކްރިމިނަލް ކޯޓުން މި އަމުރު ނެރެފައިވަނީ މާލޭގެ ގެއެއް ކަމަށްވާ ހ. ގުންޒަރު ބަންދުކުރުމަށެވެ. ކޯޓު އަމުރުގައިވާ ގޮތުން އެ ތަން ބަންދުކުރުމަށް ކަނޑައަޅާފައިވަނީ 2026 މެއި 5 އިން ފެށިގެން 90 ދުވަހުގެ މުއްދަތަށެވެ.
މަސްތުވާތަކެތި ބޭނުންކުރުމުގެ ހިދުމަތް ފޯރުކޮށްދޭ ތަންތަން 24 ގަޑިއިރަށް ބަންދުކުރުމުގެ ނޯޓިސް ނެރުމުގެ ބާރު ފުލުހުންނަށް ދީ، އެ ގޮތަށް ބަންދުކުރެވޭ ތަންތަން ގިނަވެގެން ތިން މަސް ދުވަހަށްވުރެ އިތުރު ނުވާ ގޮތަށް ބަންދުކުރުމުގެ އަމުރު ނެރުމުގެ ބާރު ކޯޓުތަކަށް ލިބޭ ގޮތަށް މަސްތުވާތަކެއްޗާ ބެހޭ ގާނޫނަށް އިސްލާހު ގެނެސް އަމަލުކުރަން ފަށާފައިވަނީ 2026 މާރިޗު 7 ގައެވެ.
ގާނޫނުގައިވާ ގޮތުން މަސްތުވާތަކެތި ބޭނުންކުރުމުގެ ހިދުމަތް ފޯރުކޮށްދިނުމަކީ 5 އަހަރުގެ ޖަލު ހުކުމަކާއި ގިނަވެގެން 100,000 ރުފިޔާގެ ޖޫރިމަނާ ކަނޑައެޅިފައިވާ ކުށެކެވެ. އަދި މަސްތުވާތަކެތީގެ ހިދުމަތް ފޯރުކޮށްދޭ ތަނެއްކަން އެނގޭ ހާލު އެކަން ހުއްދަކުރުން ނުވަތަ އެކަން ހިނގިޔަ ދިނުމަކީ އެ ތަނުގެ ވެރިފަރާތް، ކުއްޔަށް ހިފައިގެން އުޅޭ ފަރާތް، ނުވަތަ އެ ތަނާ ހަވާލުވެ ހުރި ފަރާތް ކުށްވެރިވާނެ ކަމެއް ކަމަށް ވެސް ގާނޫނުގައި ބަޔާންކޮށް، އެ ފަރާތްތަކަށް ވެސް ހަރުކަށި އަދަބުތައް ވަނީ ކަނޑައަޅާފައެވެ.
ކޯޓު އަމުރުގެ ދަށުން މިގޮތަށް ބަންދުކުރާ ތަންތަނަށް، އެ އަމުރުގެ މުއްދަތުގައި ހުއްދަނެތި ވަދެނުކުމެ ހެދުމަކީ ކުށެކެވެ. މިފަދަ ތަންތަނަށް ހުއްދައާ ނުލައި ވަންނަ ފަރާތްތަކާއި، އެ ތަންތަނަށް އެކި ގޮތްގޮތުން ގެއްލުންދޭ ފަރާތްތަކާމެދު ގާނޫނީ ގޮތުން އެޅޭނެ އެންމެ ހަރުކަށި ފިޔަވަޅު އެޅޭނެ ކަމުގެ އިންޒާރު ވެސް ވަނީ ދީފައެވެ.
ޑްރަގް ކެފޭއެއް ބަންދުކުރަން ފުރަތަމަ ފަހަރަށް ކޯޓުން އަމުރުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ