ބޮޑުތަކުރުފާނު މަގުގެ މަސައްކަތް ތިން މަސްތެރޭގައި ނިންމާލެވޭނެ: މުއްތަލިބް

ބޮޑުތަކުރުފާނު މަގު ފުޅާކޮށް، ޒަމާނީ ފެންވަރަށް ތަރައްގީކުރުމަށް މިހާރު ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ހެންވޭރު ފެރީ ޓާމިނަލްއިން ފެށިގެން އިއްޒުއްދީން ފާލަމާއި ހަމައަށް ކުރާ މަސައްކަތް ތިން މަސްތެރޭ ނިންމާލެވޭނެ ކަމަށް ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. ޢަބްދުﷲ މުއްޠަލިބް ވިދާޅުވެއްޖެއެވެ.
އޭނާ މިހެން ވިދާޅުވީ، ބޮޑުތަކުރުފާނު މަގު ތަރައްގީކުރުމުގެ މަސައްކަތް ކުރިއަށްދާގޮތް ބައްލަވާލެއްވުމަށް ރައީސް ޑރ.މުހައްމަދު މުއިއްޒު އެސަރަހައްދަށް ކުރެއްވި ޒިޔާރަތުގެ ތެރެއިންނެވެ.
މި މަސައްކަތް ކުރިއަށްދާގޮތާއި ގުޅޭގޮތުން ވާހަކަ ދައްކަވަމުން މިނިސްޓަރު ޑރ. މުއްޠަލިބް ވިދާޅުވީ، އެ ސަރަޙައްދުގެ އެއްގަމު ތޮށި ހަ މީޓަރު ބޭރަށް ޖައްސާ މަގު ފުޅާކުރާކަމަށެވެ. މަގުގެ އެއްގަމު ތޮށީގެ މަސައްކަތާއި ޔުޓިލިޓީ ވިއުގައިގެ މަސައްކަތް ދަނީ ކުރިއަށެވެ.
"ހެންވޭރު ޓަރމިނަލްއިން ފަށައިގެން، މަސްވެރިންގެ ޕާކާއި ހަމައަށް މި ސަރަޙައްދުގެ މަސައްކަތް 1 މަސްތެރޭގައި ނިންމުން އަމާޒަކީ. އަދި އިއްޒުއްދީން ފާލަމާހަމައަށް 3 މަސްތެރޭ ޖޫން ގެ ނިޔަލަށް ނިންމުން." މުއްޠަލިބް ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ ސިޓީ ގަރޑަން ކުރިމަތިން އޮންނަ ސަރަޙައްދުން މަގު ފުޅާކުރަން ބޭރަށް ޖައްސާ ސަރަޙައްދުގައި 500 ސައިކަލުގެ ޖާގައިގެ ޕާކިން ޒޯނެއްވެސް ތަރައްޤީކުރުމަށް ހަމަޖެހިފައިވާކަމަށެވެ. އަދި އުޅަނދުތަކަށް ކައިރިކުރެވޭގޮތަށް ވަށައިގެން ކީވޯލް ޖަހާނެކަމަށްވެސް ވިދާޅުވިއެވެ.
ހެންވޭރު ފެރީ ޓާމިނަލުން ފެށިގެން މަސްވެރިންގެ ޕާކާއި ހަމައަށް އެއީ 90 މީޓަރުގެ ސަރަޙައްދެވެ. އަދި އިއްޒުއްދީން ފާލަމާ ހަމައަށް އެއީ 700 މީޓަރުގެ ސަރަޙައްދެވެ. އެ ސަރަޙައްދުގައި ޖުމުލަ 610 މީޓަރުގެ އެއްގަމު ތޮށި އައުކޮށް، ތަރައްޤީކުރާނެއެވެ.
ބޮޑުތަކުރުފާނު މަގު ފުޅާކޮށް ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން މިހާތަނަށް އެމްއެމްއޭއިން ފެށިގެން ނޯތު ހާބަރާއި ހަމައަށް، ކުރިއަށް ގެންދިޔަ ސެގްމެންޓްތަކުގެ މަސައްކަތްތައް ނިންމާ އާއްމުންނަށް ވަނީ ހުޅުވާލާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ