ދަރަވަންދޫ އެއާޕޯޓު އިތުރު ހަރުފަތަކަށް ގެންދިއުމަށް އައިލެންޑް އޭވިއޭޝަނާ ހަވާލުކޮށްފި

ބ. ދަރަވަންދޫ އެއާޕޯޓް އައިލެންޑް އޭވިއޭޝަނާ ހަވާލުކޮށް، އެއާޕޯޓުގެ ޓާމިނަލް ބޮޑުކުރުމުގެ މަސައްކަތް ފަށަން ތައްޔާރުވެއްޖެ އެެވެ.
ދަރަވަންދޫ އެއާޕޯޓު ޓާމިނަލް ތަރައްގީ ކުރުމުގެ އަމަލީ މަސައްކަތް ފަށަން ބޭއްވި ހާއްސަ ރަސްމިއްޔާތުގައި މި އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ދަތުރުފަތުރާއި މަދަނީ އުދުހުންތަކާއި ބެހޭ ވުޒާރާގެ ޑިރެކްޓަރު ޖެނެރަލް މުހައްމަދު އަހްމަދު ޝަމީމެވެ. އަދި އައިލެންޑް އޭވިއޭޝަންގެ ފަރާތުން ސޮއިިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް އިޔާސެވެ.
މި ބަދަލާއެކު ދަރަވަންދޫ އެއާޕޯޓު އޮޕަރޭޓު ކުރުމާއި އެއާލައިން ހިދުމަތް ދަރަވަންދޫ އެއާޕޯޓުގައި ދޭނީ އައިލެންޑު އޭވިއޭޝަނުންނެވެ.
ދުވާލަކު 8 ފްލައިޓް ޖައްސާ މި އެއާޕޯޓަކީ އަތޮޅު ތެރޭގައި ހިންގާ އެންމެ ބާރު ބޮޑު އެއް އެއާޕޯޓެވެ. އަދި އެއާޕޯޓް ހުޅުވި ފަހުން މިހާތަނަށް 42،000 އަށްވުރެ ގިނަ ފްލައިޓް އޮޕަރޭޓްކޮށްފައި ވާއިރު އެ ފްލައިޓްތަކުގައި 1.8 މިލިއަނަށް ވުރެ ގިނަ ފަސެންޖަރުން ވަނީ އެ އެއާޕޯޓުން ހިދުމަތް ހޯދާފައެވެ. މީގެ ތެރެއިން 72 ޕަސެންޓަކީ ފަތުރުވެރިންނެވެ.
ދަރަވަންދޫ އެއާޕޯޓުގެ އާ ޓާމިނަލް ހަދަނީ ކަނޑު އަޑީގެ ރީތިކަމަށް ޝައުގުވެރިވާނެ އާކިޓެކްޗާއެއް ހިމެނޭ ގޮތަށެވެ. އައިލެންޑު އޭވިއޭޝަނުން ބުނި ގޮތުގައި އެ މަޝްރޫއުއާ އެކު، އެއާޕޯޓު ޓާމިނަލުގެ ސައިޒު 959 އަކަފޫޓުން 1،874 ފޫޓަށް ދެގުނަވާނެ އެވެ. އޭގެ ސަބަބުން އެއާޕޯޓަށް އަންނަ މީހުންނާއި ފުރާ މީހުންނާއި ޗެކިން ވުމާއި ބަގޭޖް ޕްރޮސެސިން ޒޯނުގައި ހަރަކާތްތެރިވާ ފަސިންޖަރުން މެނޭޖު ކުރުމުގައި ފަސޭހަ ވެގެންދާނެއެވެ.
ދަރަވަންދޫ އެއާޕޯޓް ރައްޔިތުން ބޭނުންވާ ފެންވަރަށް ތަރައްގީ ކުރުމަށް އައިލެންޑު އޭވިއޭޝަނާ ހަވާލުކުރަން ސަރުކާރުން ނިންމާފައިވާކަން ރައީސް އިއުލާނު ކުރެއްވީ 13 އޮގަސްޓް 2025 ގައި ދަރަވަންދޫއަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ ބައްދަލު ކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.
17 އޮކްޓޫބަރު 2012 ގައި ހުޅުވައި ހިންގަމުންދާ ދަރަވަންދޫ އެއާޕޯޓު ހިންގަމުން ގޮސްފައި ވަނީ ކޯސްޓްލައިން ކުންފުންޏާއި އައިލެންޑް އޭވިއޭޝަންއާ ދެމެދު ހަދާފައިވާ އޮޕަރޭޝަން އެންޑް މެނޭޖްމެންޓް އެއްބަސްވުމެއްގެ ދަށުން، އައިލެންޑް އޭވިއޭޝަނުންނެވެ. މި އެއާޕޯޓަށް މޯލްޑިވިއަން، ފްލައިމީގެ އިތުރުން މަންތާ އެއާ ދަތުރު ކުރެއެވެ.
16 ރިސޯޓާއި 79 ގެސްޓްހައުސް ހިމެނޭހެން 4،600 އަށްވުރެ ގިނަ އެނދު ގާއިމް ކުރެވިފައިވާ ބ. އަތޮޅަށް ހިންގާ މި ޕްރޮޖެކްޓަކީ އޭވިއޭޝަން ދާއިރާ ހަރުދަނާ ކުރުމަށް ސަރުކާރުން އިސްނަގައިގެން ހިންގާ ބިޔަ ޕްރޮޖެކްޓެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ