1 ކިލޯގެ މަސްތުވާތަކެތި އަތުލުން: މިފަހަރު ވެސް ދިފާއުގައި ބުނީ ނަފްސާނީ ބަލި "މަތީ ދަރަޖައަކަށް" ހުންނަ ކަމަށް
އެއް ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގައި މާލޭން ހައްޔަރު ކުރި ދެ ޒުވާނުންގެ ތެރެއިން އެކަކު އަނެއްކާ ވެސް ކޯޓުގައި, އޭނާއަކީ ނަފްސާނީ ބަލި މަތީ ދަރަޖައަކަށް ހުންނަ މީހެއް ކަމަށް ބުނެ, ބަންދަށް ލުޔެއް ދިނުމަށް އެދިފިއެވެ. މި މަހުގެ ފަސް ވަނަ ދުވަހު, މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ގދ. މަޑަވެލި / ވަލުތެރޭގެ، މުޙައްމަދު އީވާން ޙާމިދު, 23, އާއި ހ. ސަކީނާމަންޒިލް / މާލެ، މުޙައްމަދު ރާޢިދު ޢަލީ އަޞްޣަރު, 31, އެވެ. މި އޮޕަރޭޝަންގައި އެ މީހުން ހައްޔަރުކޮށް، މާލޭގެ އެޕާޓްމަންޓެއް ބަލައިފާސްކުރިއިރު ކިލޯއަކަށްވުރެ ގިނަ މަސްތުވާތަކެތި ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ. https://www.sun.mv/216386 އެ މީހުންގެ ބަންދަށް ފުރަތަމަ އިތުރު ކުރި ހަތް ދުވަސް ހަމަވެގެން އިއްޔެ ވަނީ އިތުރަށް ބަންދުގެ މުއްދަތު ޖެހުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކޮށްފައެވެ. އިއްޔެ ކޯޓުން ވަނީ އެ ދެ މީހުން އިތުރަށް 30 ދުވަހު ބަންދުގައި ބެހެއްޓުމަށް އަމުރު ކޮށްފައެވެ. އިއްޔެގެ ބަންދުގެ މަޖިލީހުގައި ވެސް ރާޢިދު ބުނެފައި ވަނީ އޭނާއަކީ ވަރަށް ބޮޑަށް ނަފުސާނީ މައްސަލަ ހުންނަ މީހެއް ކަމަށާއި މީގެ ކުރިން ވެސް އޭނާ ނާޖާއިޒު ގޮތުގައި ބޭނުންކޮށްގެން ކުށް ކުރުވަން މަސައްކަތްކޮށްފައިވާ ކަމަށެވެ. އޭނާގެ ބަލި ހާލަތަށް ބަލައިފައި ގޭބަންދަށް ނަމަވެސް ބަދަލު ކޮށްދިނުމަށް ރާޢިދު ކޯޓުގައި އެދިފައިވެއެވެ. އެއީ ފުރަތަމަ ބަންދު މަޖިލީހުގައި ވެސް އޭނާ ބުނި ވާހަކައެކެވެ. ނަމަވެސް އިއްޔެގެ ބަންދުގެ މުއްދަތު އިތުރުކުރި އަމުރުގައި ގާޒީ ވިދާޅުވެފައިވަނީ މައްސަލައިގައި ހުށަހަޅާފައިވާ ލިޔެކިޔުންތަކަށް ބަލާއިރު ބަންދުން ދޫކުރަން ޖެހޭ ފަދަ ހާލަތެއް އޮތް ކަމަށް ނުބެލެވޭ ކަމަށެވެ. މި މައްސަލައިގައި ހިމެނޭ އީވާންގެ ބަންދުގެ މުއްދަތާ ގުޅޭ އެއްވެސް ތަފްސީލެއް އަމުރުގައި ހިމަނާފައެއް ނުވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ