މިސަރުކާރަށް ބޯހިޔާވަހިކަމަކީ ސިޔާސީ ކަމެއް ނޫންކަމަށާއި، އެއީ އިންސާނިއްޔަތަށްޓަަކައި ކޮށްދޭންޖެހޭ ކަމެއްކަމަށް އިމާރާތްކުރުމާއި ގެދޮރުވެރިކަމާ ބިނާރާބެހޭ ވަޒީރު ޑރ.ޢަބްދުﷲ މުއްތަލިބް ވިދާޅުވެއްޖެއެވެ.
ބީއެމްއެލް އެފޯޑަބަލް ހޯމް ލީސިން ކޮމްޕެނީން ހުޅުމާލޭގައި އިމާރާތްކުރާ 1190 ޔުނިޓްގެ ބިންގާއަޅުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އިމާރާތްކުރުމައި ގެދޮރުވެރިކަމާ ބިނާރާބެހޭ ވަޒީރު ޑރ.ޢަބްދުﷲ މުއްތަލިބް ވިދާޅުވީ، ދާއިމީ ބޯހިޔާވަހިކަމަކީ ކޮންމެ ދިވެހި ރައްޔިތަކަށްވެސް ލިބިފައިވާ އަސާސީ ރައްކާތެރިކަމަކަށް ހެދުމަށް ސަރުކާރުން މިހާރުވެސް މުހިންމު މަސައްކަތްތަކެއް ކުރަމުންދާކަމަށެވެ.
"ބޭންކުން ލޯނު ނަގައިގެން އަމިއްލަ ބޯހިޔާވަހިކަމެއް ފުރަތަމަ ފަހަރަށް ގަންނަ ފަރާތްތަކަށް ހެޔޮ އަގުގައި ގަންނަން ލިބޭނެ މަގު މާ ލަސްތަކެއްނުވެ ފަހިވެގެންދާނެ. ކުޑަ އާމްދަނީ ލިބޭ އާއިލާތަކަށް ލީސްޓް އޯން މޮޑެލްގެ ދަށުން ސޯޝަލް ހައުސިންގެ ގޮތުގައި ބޯހިޔާވަހިކަން ހޯދައިދިނުމަށް ފްލެޓް އިމާރާތްކުރުމަށް މިވަނީ ފެށިފައި". ވަޒީރު ވިދާޅުވިއެވެ.
މާލޭގައި ދިރިއުޅޭ ގިނަ އާއިލާތަކަކީ، އާއިލާއެއް ގޮވައިގެން ހަމަޖެހިލައިގެން އުޅެވޭނެ ބޯހިޔާވަހިކަމެއް ނެތް ބައެއްކަން ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ޒަޢާމަތުގައި މިފަދަ ފަރާތްތަކަކީ ބާކީ ވެފައިވާ ފަރާތްތަކަކަށް ނުވާނެކަމަށެވެ.
އަދި ހާލުގައި އުޅޭ ފަރާތްތަކަށް ޚާއްސަ އުސޫލަކުން އިސްކަންދީގެން ބޯހިޔާވަހިކަން ލިބޭނެ މަގުފަހިކުރުމަށް މަސައްކަތްތަކެއް ކުރެވެމުންދާކަމަށް ވަޒީރު ވިދާޅުވިއެވެ. ހާލުގައި އުޅޭ ފަރާތްތަކަށް ޚާއްސަ އުސޫލަކުން ބޯހިޔާވަހިކަން ދިނުމަކީ މުހިންމުކަމެއްކަމަށް ޤަބޫލުކުކުރައްވާކަމަށާއި، އޭގެ އިދާރީ މަސައްކަތްތައް މިހާރު ކުރަވެމުންދާކަމަށް ވަޒީރު ވިދާޅުވިއެވެ.
"އޯގާތެރި ސަރުކާރުން އެހީތެރިކަން ބޭނުންވާ ނިކަމެތިންނަށް އެހީތެރިކަން ހޯދަން މަސައްކަތްކުރާނެ. އޯގާތެރި ސަރުކާރަކުން އެ ފަރާތްތަކަށް އެހީތެރިކަން ހޯދައިދޭނެ، އެންމެ ފަޤީރު އެންމެ ނިކަމެތި ފަރާތްތަކަކީ މުޖުތަމައުން ބާކީވެފަތިބި ފަރާތްތަކަށް ވާކަށް އަޅުގަނޑުމެން ބޭނުމެއްނޫން". ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ، މުޖުތަމަޢުގެ އެކި ގިންތިތަކަށް ހޯދައިދޭންޖެހެނީ އެކި ހައްލުކަމަށް ޤަބޫލުކުރައްވާކަމަށެވެ. ބޯހިޔާވަހިކަމަކީ ކޮންމެ ރައްޔިތަކަށްވެސް ލިބިފައިވާ ހައްޤަކަށް ހެދުމަށް މަސައްކަތްކުރަމުންދާކަމަށް ވިދާޅުވިއެވެ.
"ބޯހިޔާވަހިކަމަކީ މިސަރުކާރަށް އަސާސީ ކަމެއް، ސިޔާސީ ކަމެއް ނޫން"
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ