މިދިޔަ ހަފުތާގައި ސްކޭމްތަކަށް ގާތްގަނޑަކަށް ފަސް ލައްކަ ގެއްލުނު، ފުލުހުންނަށް ހޯދުނީ ދެ ލައްކަ
މިދިޔަ ހަފުތާގައި ސްކޭމްތަކަށް ފަސް ލައްކައެއްހާ ރުފިޔާ ގެއްލިފައިވާއިރު، އޭގެ ތެރެއިން ހޯދުނީ ދެ ލައްކަ ރުފިޔާ ކަމަށް ފުލުހުންގެ ތަފާސްހިސާބުން ދައްކައިފިއެވެ. ފުލުހުން މިއަދު ވަނީ މިދިޔަ އާދިއްތަ ދުވަހުން އިއްޔެއާ ހަމައަށް އެ މުއައްސަސާއަށް ހުށަހަޅައިފައިވާ ސްކޭމުގެ މައްސަލަތަކުގެ ތަފާސްހިސާބު އާންމުކޮށްފައެވެ. އެ ތަފާސްހިސާބުން ދައްކާގޮތުގައި އެ މުއްދަތުގައި ސްކޭމުގެ 41 މައްސަލައެއް ރިޕޯޓުކޮށްފައިވެއެވެ. އޭގެތެރޭގައި ހިމެނެނީ އީ ކޮމާސްގެ 21 މައްސަލައަކާއި ފައިސާ މާރުކުރުމުގެ ތިން މައްސަލައަކާއި ޝަޚުސު އޮޅުވާލުމުގެ ނުވަ މައްސަލައަކާއި ފިޝިން، ވިޝިން އަދި ޖޮބްސްކޭމްގެ އެއް މައްސަލައެއްގެ އިތުރުން އެހެނިހެން އަށް މައްސަލައެވެ. އެ މައްސަލަތަކުގައި 496،383 ރުފިޔާ ގެއްލިފައިވާ ކަމަށް ތަފާސްހިސާބުން ދައްކައެވެ. އޭގެތެރެއިން ފުލުހުންނަށް ހޯދިފައިވަނީ 211،684 ރުފިޔާއެވެ. އެ މައްސަލަތަކުގައި ސްކޭމަރުން ބޭނުންކޮށްފައިވާ މަންސަތަކުގެ ތެރޭގައި އޮންލައިން މެސެޖިން މަންސަތަކާއި އައިބޭގެ އިތުރުން ފޯނުކޯލާއި ފިޝިން ލިންކުތަކުގެ އިތުރުން، ފޭސްބުކް މާކެޓް ޕްލޭސް ހިމެނޭކަމަށް ފުލުހުން ވަނީ ބުނެފައެވެ. ފުލުހުން ވަނީ ސްކޭމްތަކުން ރައްކާތެރިވުމުގެ ގޮތުން އަމަލުކުރަންވީ ގޮތުގެ އިރުޝާދު ވެސް އާންމުންނާ ހިއްސާކޮށްފައެވެ. އެގޮތުން، ވިޔަފާރި އެކައުންޓަކާ މުއާމަލާތު ކުރާއިރު އެއީ ރަޖިސްޓްރީކޮށްފައިވާ ސައްހަ ވިޔަފާރިއެއްތޯއާއި ވިއްކާ މުދަލާ ގުޅޭ ވިޔަފާރިއެއްތޯ ކަށަވަރުކޮށް، ވިޔަފާރީގެ ނަންބަރު ކަށަވަރުކުމަށް ފުލުހުން ވަނީ އިރުޝާދުދީފައެވެ. އާއިލާ މީހަކަށް ނުވަތަ ރައްޓެއްސަކަށް ހެދިގެން ފައިސާއަށް އެދޭ ފަރާތްތަކަށް ސަމާލުވުމަށާއި، ޝައްކެއް އުފެދޭ ނަމަ އެ މީހަކަށް ގުޅައި ޔަގީންކުރުމަށް ފުލުހުން ވަނީ އިރުޝާދުދީފައެވެ. މީގެ އިތުރުން ބޭންކުގެ ނަމުގައި ފޮނުވާ ޝައްކުކުރެވޭ ލިންކުތަކަށް ނުފިތުމަށް ފުލުހުން ވަނީ އިރުޝާދުފީފައެވެ. މާލޭން ވަގަށް ނަގާފައިވާ ފައިސާގެ ތެރެއިން، މި މަހުގެ ފުރަތަމަ ދެ ހަފުތާގެތެރޭގައި 1.46 މިލިއަން ރުފިޔާ ހޯދިފައިވާ ކަމަށް މީގެ ކުރިން ފުލުހުން ވަނީ ބުނެފައެވެ. https://sun.mv/220713 ވައްކަމުގެ މައްސަލަތައް މާލެއާއި އަތޮޅު ތެރޭގައި ވެސް ވަނީ އިތުރުވެފައެވެ. ފުލުހުންގެ ތަފާސްހިސާބުން ދައްކާ ގޮތުގައި މި އަހަރުގެ މިހާތަނަށް 3,583 މައްސަލައެއް ރިޕޯޓުކޮށްފައިވާއިރު، އެންމެ ގިނައީ ވައްކަމުގެ މައްސަލަތަކެވެ. އެގޮތުން ވައްކަމުގެ 998 މައްސަލަ ރިޕޯޓުކޮށްފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ