އެއްވެސް ޓީމެއް ދެރަ ކަމަށް ނުބަލާނަން: އިންޑިޔާ ކޯޗު

ރާއްޖޭގައި މާދަމާ ފަށާ ސާފް ޗެމްޕިއަންޝިޕް 20 އަހަރުން ދަށުގެ ފުޓްބޯޅަ މުބާރާތުގައި ވާދަކުރާ އެއްވެސް ޓީމަކީ ދެރަ ޓީމެއްގެ ގޮތުގައި ނުބަލާނެ ކަމަށް އިންޑިޔާއިން ބުނެފި އެވެ.
ކޯޗު މަހޭޝް ގޯލީ ބުނީ މުބާރާތަށް ދެރަ ޓީމެއް ނާންނާނެ ކަމަށާއި އިންޑިޔާއިން އެކަމަށް ވިސްނައިގެން ބަލާނީ އަމިއްލަ ސްޓައިލްގައި ކުޅެން ކަމަށެވެ.
"އަހަރުމެންގެ ސްޓައިލްގައި ހުރިހާ މެޗެއް ވެސް ކުޅެވޭތޯ މަސައްކަތް ކުރާނީ. އަހަރުމެންނަކީ ކާމިޔާބު ހޯދުމުގެ އަޒުމުގައި މުބާރާތަށް އައި ޓީމެއް. އަހަރުމެން ޓީމަކީ ޒުވާން ކުޅުންތެރިންގެ މައްޗަށް އެކުލެވޭ އުއްމީދީ ޓީމެއް،" ގޯލީ ބުންޏެވެ.
އިންޑިޔާގެ ގައުމީ ޓީމަށް ވެސް ކުރިން ކުޅުނު 46 އަހަރުގެ ކުރީގެ ޑިފެންޑަރު ބުނީ ޓީމު އޮތީ ވަރަށް ފުރިހަމަ އަށް ތައްޔާރުވެފައި ކަމަށެވެ.
"އަހަރުމެންގެ ވިސްނުމަކީ މޮޅުވުން. އެކަމަށްޓަކައި ޓްރޭނިން ކޭމްޕްތައް ދިޔައީ ވަރަށް ފުރިހަމަ އަށް. އަހަރުމެންގެ އެންމެ އިސް އަމާޒަކީ އަހަރުމެންގެ ސްޓައިލްގައި ރަނގަޅު މެޗުތަކެއް ކުޅުން. އޭރުން އަހަރުމެންގެ ޓާގެޓް ހާސިލްވާނެ. މި ލެވެލްގައި އިންޑިޔާ އަބަދުވެސް ވިސްނާނީ ތައްޓަށް. ސަބަބަކީ ތައްޓަށް ވިސްނައިގެން ނޫނީ އެކަން ހާސިލް ނުކުރެވޭނެތީވެ،" ގޯލީ ބުންޏެވެ.
މުބާރާތުގައި އިންޑިޔާގެ ފުރަތަމަ މެޗު ކުޅޭނީ މިމަހުގެ 26 ވަނަ ދުވަހު ޕާކިސްތާނާ ދެކޮޅަށެވެ. ބަނގްލަދޭޝްއާއެކު ގްރޫޕުގެ ފަހު މެޗުގައި ކުޅުނީ 28 ވަނ ދުވަހު އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ