ރާއްޖޭގެ އިގްތިސާދު ވަރުގަދަކުރަން ކޮމަންވެލްތަކީ ގާތް ބައިވެރިއެއް

ރާއްޖޭގެ އިގްތިސާދީ ވިލުންތެރިކަން ވަރުގަދަކުރުމުގައި ކޮމަންވެލްތަކީ އަބަދުވެސް ގާތް ބައިވެރިއެއް ކަމަށް ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް ވިދާޅުވެއްޖެ އެވެ.
ކޮމަންވެލްތުގެ 77 ވަނަ އަހަރީ ދުވަހުގެ މުނާސަބަަތުގައި ފޮނުއްވި މެސެޖުގައި ހަލީލް ވިދާޅުވީ ވޭތުވެދިޔަ 77 އަހަރަށް ވުރެ ގިނަ ދުވަހު، ދުނިޔެއަށް އަންނަމުންދާ ބަދަލުތަކުގެ ތެރޭގައި ކޮމަންވެލްތު ދެމިއޮތީ އުންމީދީ ދަންމަރެއްގެ ގޮތުގައި ކަމަށާއި ކޮމަންވެލްތުގެ އެއްބައިވަންތަކަމާއި މެންބަރު ގައުމުތަކުގެ މެދުގައި ހުރި ތަފާތުތަކަކީ، ގައުމުތަކުގެ ކުޑަބޮޑުމިނަށް ބެލުމެއްނެތި، ހުރިހާ މެންބަރުންނަށް ދެމެހެއްޓެނިވި ތަނަވަސްކަން ކަށަވަރުކޮށްދިނުމަށްޓަކައި ކުރިމަތިވާ ގޮންޖެހުންތަކުން އަރައިގަތުމަށާއި އައު ފުރުސަތުތައް ފަހިކުރުމަށް ލިބިފައިވާ އެންމެ ބޮޑު ބާރު ކަމަށެވެ.
ކޮމަންވެލްތަކީ ރާއްޖެ ފަދަ ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކުގެ މަސްލަހަތުތައް ހިމާޔަތްކުރުމަށް ވަކާލާތުކޮށް، އަޑު އިއްވައިދޭ މުހިންމު ޖަމިއްޔާއެއް ކަމަށާއި އަދި މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން ފޯރުކޮށްދޭ މާލީ އެހީތެރިކަމާއި އެކި މަސައްކަތްތަކުގެ ޒަރީއާއިން، ރާއްޖޭގެ އިގްތިސާދީ ވިލުންތެރިކަން ވަރުގަދަކުރުމުގައި ކޮމަންވެލްތަކީ އަބަދުވެސް ގާތް ބައިވެރިއެއް ކަމަށްވެސް ހަލީލް ވިދާޅުވި އެވެ.
މީގެއިތުރުން ދުނިޔޭގެ ސިޔާސީ މަސްރަހު ނުތަނަވަސްވެފައިވާ މިފަދަ ދަނޑިވަޅެއްގައި، ވަކިން ހާއްސަކޮށް ރާއްޖެ ފަދަ ކުދި ގައުމުތަކަށް، އެކުގައި ގުޅިގެން މަސައްކަތްކުރުމުގެ މުހިންމުކަން ވަރަށް ބޮޑުކަން ހަލީލް ފާހަގަކުރެއްވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ