ޑީޖޭއޭއިން ޝަރީއަތުގައި ދޮގުހަދާކަމަށް ބުނެ، ޝަކުވާ އުއްތަމަފަނޑިޔާރަށް!

ޖުޑިޝަރީގެ އިދާރީ ބެލެނިވެރިޔާ، ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ޝަރީއަތުގައި ދޮގުހަދާކަމަށް ބުނެ، އެ ޝަކުވާ އުއްތަމަ ފަނޑިޔާރު ރިޔާސަތު ބެލެހެއްޓެވި ސުޕްރީމް ކޯޓުގެ ޝަރީއަތެއްގެ މަޖިލީހުގައި ފާހަގަކޮށްފިއެވެ. ޑީޖޭއޭއިން ޝަރީއަތުގައި ދޮގު ހަދާކަމަށް ބުނެ، އެ ޝަކުވާ ހުށަހެޅީ، ފޭސްބުކްގައި ކުރީގެ ރައީސް މުޙައްމަދު ނަޝީދަށް މުހާތަބުކޮށް ބޭއަދަބީ ޕޯސްޓްތަކެއް ކުރި މައްސަލައެއްގައި ޝަރުއީ ދާއިރާގެ ވަޒީފާއިން ވަކިކުރި މުވައްޒަފަކު ހުށަހެޅި މައްސަލައެއްގެ އަޑު އެހުމުގެ ތެރެއިންނެވެ. ވަޒީފާއާބެހޭ ޓްރައިބިއުނަލާއި، ހައިކޯޓުންވެސް މިހާރު ނިމިފައިވާ މި މައްސަލަ މިހާރު އޮތީ ސުޕްރީމް ކޯޓުގައެވެ. ސުޕްރީމް ކޯޓުގައި މި މައްސަލަ މިހާރު ބައްލަވަމުންދާ ބެންޗުގެ ރިޔާސަތު ބަލަހައްޓަވަނީ އުއްތަމަ ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދެވެ. މި ބެންޗުގައި ދެން ހިމެނެނީ ޑރ. މުހައްމަދު އިބްރާހީމް އަދި އަލީ ރަޝީދުއެވެ. މިދިޔަ ހަފުތާގައި އޮތް މި މައްސަލައިގެ އަޑު އެހުމުގައި، މައްސަލައިގައި ހިމެނޭ، ޝަރުއީ ދާއިރާގެ ކުރީގެ އިސް މުވައްޒަފު، އަދި މިހާރު ގާނޫނީ ވަކީލުކަން ކުރައްވާ މުހައްމަދު ނިޒާމް ވަނީ ޝަރީއަތުގައި ޑީޖޭއޭއިން ދޮގު ހަދާކަމަށް ވިދާޅުވެ ޝަކުވާކޮށްފައެވެ. "ދެވަނަ ކަމަކަށް އަޅުގަނޑު ފާހަގަކޮށްލަން ބޭނުންވަނީ ކުރިން ދުވަހުގެ އަޑު އެހުމުގައިވެސް އަދި މިއަދުގެ އަޑު އެހުމުގައިވެސް ދެންމެ އިއްޒަތްތެރި އުއްތަމަ ފަނޑިޔާރުވެސް ސުވާލު ކުރެއްވި ފަދައިން އިތުރުފުޅެއް އެ ހެއްދެވީ އިނގޭތޯ. އިސްތިއުނާފު ކުރައްވާ ފަރާތުން (ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން) އެ ހެއްދެވީ އިތުރުފުޅެއް". ޝަރުއީ ދާއިރާގެ މުވައްޒަފުންގެ ގަވައިދުގެ ކޮންސޮލިޑޭޓެޑް ކޮޕީއަކާ ގުޅޭ ގޮތުން ޝަރީއަތުގައި ދެކެވުނު ވާހަކަތަކުގެ ޖަވާބުގައި ނިޒާމް ޝަރީއަތުގައި ވިދާޅުވިއެވެ. އުއްތަމަ ފަނޑިޔާރު ވެސް ވަނީ މި ޝަރީއަތުގައި، ޝަރުއީ ދާއިރާގެ މުވައްޒަފުންގެ ގަވައިދުގެ ކޮންސޮލިޑޭޓެޑް ވާޝަންއެއް އޮތްތޯ، ޑީޖޭއޭއާ ސުވާލު ކުރައްވައިފައެވެ. މި ޝަރީއަތަކީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ޑެޕިއުޓީ ޑިރެކްޓާ ޖެނެރަލްގެ މަގާމުގައި މުހައްމަދު ނިޒާމް ހުންނަވަނިކޮށް، އަޚްލާގީ މައްސަލަތަކެއް ފެންމަތިވެ، އޭނާއާ މެދު ފިޔަވަޅު އަޅަން ޑީޖޭއޭއިން ނިންމި މައްސަލައެވެ. ޑީޖޭއޭއިން ދޮގުހަދާކަމަށް ބުނެ ޝަކުވާ ކުރި ޝަރިއަތުގެ ރެކޯޑިންގ މުހައްމަދު ނިޒާމުގެ ސުލޫކީ މައްސަލަތަކެއް ފާހަގަކޮށް އޭނާއަށް ފިޔަވަޅު އަޅަން ޑީޖޭއޭއިން ނިންމީ، ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީއަށް އާއްމު ފަރާތަކުން ހުށަހެޅި މައްސަލަތަކަކާ ގުޅިގެން އެކަން ބަލައި ތަހުގީގު ކުރުމަށް ފަހުއެވެ. ޖުޑިޝަރީ ކޮމިޓީއަށް އާއްމު ފަރާތަކުން މައްސަލަ ހުށަހަޅާފައިވަނީ މުހައްމަދު ނިޒާމްގެ ފޭސްބުކް އެކައުންޓުން ކުރާ ޕޯސްޓްތަކާ ގުޅިގެންނެވެ. ކުރިން އެމްއެންޑީއެފްގައި މަސައްކަތް ކުރި ނިޒާމްގެ ފޭސްބުކް އެކައުންޓުން ސިޔާސީ ގިނަ ޕޯސްޓްތަކެއް ކުރައްވައިފައިވެއެވެ. އޭނާ މިހާރު މަސައްކަތް ކުރައްވަނީ، މަރުކަޒީ ބޭންކް އެމްއެމްއޭގައެވެ. މި މައްސަލަ ތަހުގީގު ކުރުމަސް ފަހު، ޑީޖޭއޭއިން މަޖިލީހަށް ހުށަހެޅި ރިޕޯޓުގައި ނިޒާމާ ހަވާލާދީ ބުނެފައިވަނީ ނިޒާމުގެ ފޭސްބުކް އެކައުންޓް ހެކްކޮށްފައިވާ ކަމަށެވެ. އެހެންނަމަވެސް ޑީޖޭއޭއިން ބެލި ބެލުމުން އެ އެކައުންޓް ހެކްކޮށްގެން އެއްވެސް ފަރާތަކަށް ނިޒާމް ޝަކުވާ ހުށަހަޅާފައެއް ނުވާ ކަމަށާއި، އަދި އޭނާގެ ދަރީންގެ ފޮޓޯ ވެސް އެ އެކައުންޓުން ހިއްސާކޮށްފައިވާ ކަމަށް ބުނެފައިވެއެވެ. އެހެންކަމުން އޭނާގެ އެކައުންޓް ހެކްކޮށްފައިވާ ކަމަށް ބުނާ ބުނުން ގަބޫލު ނުކުރެވޭ ކަމަށް އެ ނިންމުމުގައިވެއެވެ. ސުޕްރީމް ކޯޓުގައި ހިނގަމުންދާ ޝަރިއަތުގައިވެސް އެ ވާހަކަތައް ދެކެވުނެވެ. އެ މައްސަލައާއި ގުޅިގެން ހައިކޯޓުން ވަކިކުރި ނިޒާމްގެ މައްސަލަ އަލުން ބަލަން ހައިކޯޓުން އޮތީ އަންގައިފައެވެ. އެއީ އެ މައްސަލައިގައި ވަޒީފާއާބެހޭ ޓްރައިބިއުނަލުން ނިންމި ނިންމުން ހައިކޯޓުގައި އިސްތިއުނާފު ކުރުމުންނެވެ. ސުޕްރީމް ކޯޓުގައި މިހާރު ކުރިއަށްދަނީ ހައިކޯޓުގެ ނިންމުމުގެ އިސްތިއުނާފެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ