ކައުންސިލް އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުން ހޮވަން އެމްޑީޕީ އިން ބާއްވާ ޕްރައިމަރީގެ ވޯޓުލުން ފަށައިފި ކައުންސިލް އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުން ހޮވަން އެމްޑީޕީ އިން ބާއްވާ ޕްރައިމަރީގެ ވޯޓުލުން ފަށައިފި

ކުރިއަށް އޮތް ލޯކަލް ކައުންސިލް އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުން ހޮވުމަށް ބާއްވާ އިންތިހާބުގައި އިދިކޮޅު އެމްޑީޕީގެ ޓިކެޓުގައި ވާދަކުރާ ކެންޑިޑޭޓުން ހޮވުމަށް ބާއްވާ އިންތިހާބުގެ ވޯޓުލުން ފަށައިފި އެވެ.
މާލެ އާއި ބައެއް ރަށްރަށުގައި މިއަދު ކުރިއަށް ގެންދާ ޕްރައިމަރީގައި ޖުމްލަ 161 ކެންޑިޑޭޓުން ވާދަކުރެ އެވެ. މީގެ ތެރޭގައި ސިޓީ ކައުންސިލާއި ރަށު ކައުންސިލް އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ޓިކެޓުތަކަށް ވާދަކުރާ ކެންޑިޑޭޓުން ހިމެނެ އެވެ.
އެމްޑީޕީން އިއުލާން ކޮށްފައިވާ ގޮތުގައި އިންތިހާބުގެ ވޯޓުލުން މިރޭ 8:00 އާ ހަމައަށް ކުރިއަށްދާނެ އެވެ. އެއަށްފަހު ވޯޓު ގުނާ މިރޭ ވަގުތީ ނަތީޖާ އިއުލާނުކުރާނެ އެވެ.
މި ޕްރައިމަރީގައި މުޅި ރާއްޖޭގައި ޖުމުލަ 65 ވޯޓު ފޮށި ބަހައްޓާފައިވެ އެވެ. އޭގެތެރެއިން 31 ވޯޓު ފޮށި ހުރީ މާލެ ސަރަހައްދުގަ އެވެ.
މާލެ ސަރަހައްދުގައި މާލެ އާއި ހުޅުމާލޭގެ ދެ ފިޔަވަހި އަދި ވިލިމާލޭގައި ވޯޓު ފޮށިތައް ބަހައްޓާފައިވާއިރު، ޕްރައިމަރީގެ އެންމެ ވާދަވެރި ވޯޓަކީ މާލެ ސިޓީގެ މޭޔަރުގެ ޓިކެޓަށް ނަގާ ވޯޓެވެ. އެންމެ ފުޅާ ދާއިރާއެއްގައި ފޯރިގަދަ ކެމްޕޭނެއް ވެސް ކުރީ މާލޭގެ މޭޔަރުގެ ޓިކެޓަށް ވާދަކުރާ އާދަމް އާޒިމް އަދި އަލީ އާޒިމް އެވެ.
މާލޭ މޭޔަރުކަމުގެ ޕްރައިމަރީގައި 5475 މީހަކު ވޯޓުލާނެ އެވެ. އެހެންކަމުން އެއްވެސް ސުވާލަކާ ނުލާ އިންތިހާބު ކާމިިޔާބު ކުރެއްވީ 2700 އަށްވުރެ ގިނަ ވޯޓު ހޯއްދަވާ ބޭފުޅަކަށެވެ.
ޕްރައިމަރީ ކުރިއަށް ގެންދިޔުމަށް އެކުލަވައިލި އިންތިހާބީ ކޮމިޓީގެ މުގައްރިރު، މުހައްމަދު ފަލާހު އަދަދު އާއި އިއްޔެ ވާހަކަދައްކަވަމުން ވިދާޅުވީ އެމްޑީޕީއަކީ ފެށުނީއްސުރެ ވެސް ޕްރައިމަރީ ބާއްވައިގެން ކެންޑިޑޭޓުން ކަނޑައަޅާ ޕާޓީއެއް ކަމަށާއި އެމްޑީޕީގެ 20 އަހަރުވީ މާޒީގައި ވެސް ދައްކާފައި ވަނީ އެ ނަމޫނާ ކަމަށެވެ. އަދި، މާދަމާ އޮންނަ ޕްރައިމަރީއަކީ ވެސް ހަމަ އެފަދަ ސިޔާސީ ވަރުގަދަ ހަރަކާތެއް ކަމަށް އޭނާ ވިދާޅުވި އެވެ.
ޕްރައިމަރީގެ ވޯޓާ ގުޅޭގޮތުން ފަލާހު ވިދާޅުވީ، އެންމެ ބޮޑަށް އެދިވަޑައިގަންނަވަނީ އާންމު މެންބަރުންގެ އެއްބާރުލުމަށް ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ