ޕާޓީތަކުން ގެނެސްދިނީ ކޮރަޕްޝަން، ރިޔާސީ އިންތިޚާބުގައި ހުރިހާ ޕާޓީތައް ކަފުން ކުރެވޭނެ: އުމަރު

ސިޔާސީ ޕާޓީތަކުން ރާއްޖެއަށް ގެނެސްދިނީ ކޮރަޕްޝަނާއި އިސްރާފު ކަމަށާއި އަންނަ ރިޔާސީ އިންތިޚާބުގައި ހުރިހާ ސިޔާސީ ޕާޓީތައް ކަފުން ކުރެވޭނެ ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު މިއަދު ވިދާޅުވެއްޖެއެވެ. އިދިކޮޅު އެމްޑީޕީން އިއްޔެ ބޭއްވި ޕްރައިމަރީއާ ގުޅުވައި އުމަރު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ މާލޭގެ މޭޔަރު ކަމުގެ ޕްރައިމަރީގައި ވޯޓުލާން ނެރެވުނު މީހުން އަދަދުން، ޕާޓީތަކަށް މީހުން ކުރަމުން އައި އިތުބާރު ގެއްލިފައިވާކަން ހާމަވާ ކަމަށެވެ. މި ގޮތުން، ޕާޓީގެ އެންމެ މަތީ ދެ ލީޑަރުން ނުކުންނަވައި ކެމްޕެއިން ކުރައްވައި، 54،680 މީހުންނަށް ވޯޓުލެވޭ މާލޭން ވޯޓުލާން އެމްޑީޕީއަށް ނެރެވުނީ 2،436 މީހުން ކަމަށް އުމަރު ވިދާޅުވިއެވެ. އެއީ، މާލޭގެ ވޯޓުލާ އާބާދީގެ ހަތަރު އިންސައްތައެވެ. https://x.com/UmarNaseerMV/status/2012255806498967811 "މީގެ ފަނަރަ އަހަރު ކުރިން ބޭއްވި އެތެރޭގެ އިންތިޚާބުތަކާ މިއަދާ ބަލާއިރު، ސިޔާސީ ޕާޓީތަކުގެ އަވާ މެންދުރުން ދިވެހީން މިނިވަން ވެއްޖެކަން ޔަގީން،" އުމަރު ވިދާޅުވިއެވެ. އުމަރު ވިދާޅުވި ގޮތުގައި، ސިޔާސީ ޕާޓީތަކުން ރާއްޖެއަށް ގެނެސްދިނީ ކޮރަޕްޝަނާއި އިސްރާފެވެ. އަދި، މިދިޔަ 20 އަހަރު ގައުމަށް ފަހަތަށް ގޮސްފައިވާ ކަމަށާއި ސިޔާސީ ޕާޓީތަކުން އަލަށް ކިޔައިދޭނެ ވާހަކައެއް ނެތް ކަމަށް އުމަރު ވަނީ ވިދާޅުވެފައެވެ. އޭގެ އިތުރަށް، 2028ގައި ބާއްވާ ރިޔާސީ އިންތިޚާބުގައި ހުރިހާ ސިޔާސީ ޕާޓީތައް 'އެއް ސަންދޯކެއްގައި' ކަފުން ކުރެވޭނެ ކަމަށް އުމަރު ވިދާޅުވެފައިވެއެވެ. https://sun.mv/216769 އުމަރު އެފަދައިން ވާހަކަދެއްކެވިއިރު އަންނަ އެޕްރީލް މަހު ބާއްވާ ލޯކަލް ކައުންސިލް އިންތިޚާބުގައި ވާދަކުރުމަށް، މާލޭ މޭޔަރުކަމުގެ އެމްޑީޕީ ޓިކެޓު، މިހާރުގެ މާލޭގެ މޭޔަރު އާދަމް އާޒިމް ވަނީ ކާމިޔާބު ކުރައްވާފައެވެ. އެ ޓިކެޓަށް ދެން ވާދަކުރެއްވީ، މެދުހެންވޭރު ދާއިރާގެ ކުރީގެ މެންބަރު ޢަލީ ޢާޒިމެވެ. އޭނާ ވަނީ، ޓިކެޓު ކާމިޔާބު ކުރެއްވުމުން އާދަމް އާޒިމަށް މަރުހަބާ ވިދާޅުވެފައެވެ. އުމަރު ގެންދަވަނީ ޕާޓީތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުންނެވެ. މީގެ ކުރިން 2008 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބާއި، 2013 ގައި ބޭއްވި ޕީޕީއެމްގެ ރިޔާސީ ޕްރައިމަރީގެ އިތުރުން، 2023 ވަނަ އަހަރު ވެސް ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވި އުމަރު ގެންދަވަނީ 2028 އަށް ވެސް ކެމްޕޭން ކުރައްވަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ