އަލަށް އުފެއްދި ބޯޑް އޮފް ޕީސްގެ ފުރަތަމަ ރަސްމީ ބައްދަލުވުން އަންނަ ބުރާސްފަތި ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާއިރު، ގާޒާ އަލުން އާރާސްތުކުރުމަށާއި އިންސާނީ އެހީގެ ބޭނުންތަކަށް 5 ބިލިއަން ޑޮލަރަށް ވުރެ ގިނަ ފައިސާ ދިނުމަށް އެ ބޯޑުގެ މެންބަރު ގައުމުތަކުން އިއުލާނު ކުރާނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިއްޔެ ވިދާޅުވެއްޖެ އެވެ.
ޓްރޫތު ސޯޝަލްގައި ކުރެއްވި ޕޯސްޓެއްގައި ޓްރަމްޕް ވިދާޅުވީ، އދ.ގެ ހުއްދައާ އެކު ގާޒާގައި ގާއިމުކުރާ ސަލާމަތީ ބާރަށާއި އެ ސަރަހައްދުގެ ފުލުހުންގެ ހިދުމަތަށް އެހީތެރިވުމަށްޓަކައި އެތައް ހާސް މުވައްޒަފުންނެއް ފޯރުކޮށްދިނުމަށް ވެސް ބައިވެރިވާ ގައުމުތަކުން އެއްބަސްވެފައިވާ ކަމަށެވެ.
ޑޮނަލްޑް ޖޭ ޓްރަމްޕް އިންސްޓިޓިއުޓް އޮފް ޕީސްގައި ބާއްވާ މި ބައްދަލުވުމުގައި 20އަށް ވުރެ ގިނަ ގައުމުގެ ވަފުދުތަކުން ބައިވެރިވާއިރު، މީގެ ތެރޭގައި ގައުމުތަކުގެ އިސްވެރިން ވެސް ހިމެނިވަޑައިގަންނަވާނެ ކަމަށް ބެލެވެ އެވެ.
މި ބޯޑަކީ އިޒްރޭލާއި ހަމާސްއާ ދެމެދު ކުރަމުންދާ ހަނގުރާމަ ނިމުމަކަށް ގެނައުމަށް ޓްރަމްޕްގެ ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ދަށުން، އދ.ގެ ސަލާމަތީ މަޖިލީހުގެ ގަރާރަކުން ތާއީދު ލިބިގެން އުފައްދާފައިވާ ބޯޑެކެވެ.
މިދިޔަ އޮކްޓޯބަރު މަހުން ފެށިގެން ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަކަށް އަމަލުކުރަން ފެށި ނަމަވެސް، ދެ ފަރާތުން ވެސް ދަނީ އެއްބަސްވުމާ ހިލާފުވާ ކަމުގެ ތުހުމަތުތައް އެކަކު އަނެކަކަށް ކުރަމުންނެވެ. ގާ
ޒާގެ ހެލްތު މިނިސްޓްރީން ހާމަކޮށްފައިވާ ގޮތުގައި، ހަމަލާތައް މެދުކަނޑާލި ފަހުން އިޒްރޭލު ސިފައިން ދިން ހަމަލާތަކުގައި 590އަށް ވުރެ ގިނަ ފަލަސްތީނު ރައްޔިތުން ވަނީ މަރުވެފަ އެވެ. އަދި ފަލަސްތީނުގެ ހަނގުރާމަވެރިންގެ ހަމަލާތަކުގައި އެ މީހުންގެ ހަތަރު ސިފައިން މަރުވެފައިވާ ކަމަށް އިޒްރޭލުން ބުންޏެވެ.
މި ބޯޑުގައި ތުރުކީ، މިސްރު، ސައުދީ އަރަބިއްޔާ، ގަތަރު އަދި އިންޑޮނޭޝިއާ ފަދަ ސަރަހައްދީ ބާރުތަކުން ބައިވެރިވެފައިވާއިރު، ދުނިޔޭގެ ބޮޑެތި ބާރުތަކާއި ހުޅަނގުގެ ގައުމުތަކުން މިކަމުގައި ގެންގުޅެނީ ވަރަށް ބޮޑަށް ސަމާލުވެ ތިބުމުގެ ސިޔާސަތެކެވެ.
ބޯޑް އޮފް ޕީސްގެ މެމްބަރުން ގާޒާއަށް 5 ބިލިއަން ޑޮލަރު ދޭނެ: ޓްރަމްޕް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ