ރައްޔިތުންގެ މަޖިލިސް ޗުއްޓީގައި އޮއްވައި، ދައުރުން ބޭރުން މިހާރު ކުރިއަށްގެންދާ ޖަލްސާތަކަކީ ގާނޫނުއަސާސީއާ ހިލާފު ޖަލްސާތަކެއް ކަމަށް ބުނެ، އިދިކޮޅު އެމްޑީޕީގެ ޕާލިމަންޓަރީ ގްރޫޕުން އެ ޖަލްސާތައް ބޮއިކޮޓް ކުރުމަށް ނިންމައިފި އެވެ.
ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މަޖިލީހުގެ ޗުއްޓީ ތެރޭގައި ކުއްލި ގޮތަކަށް ޖަލްސާތައް ބާއްވަމުންދަނީ އެކަށީގެންވާ ނޯޓިސްއެއް ދިނުމަކާ ނުލައި، ޤާނޫނުއަސާސީގެ 83 ވަނަ މާއްދާއާއި 88 ވަނަ މާއްދާގެ އިމުން ބޭރުން ކަމަށް އެމްޑީޕީން ތުހުމަތު ކުރެއެވެ.
އެމްޑީޕީން ގަބޫލުކުރާ ގޮތުގައި މި ޖަލްސާތަކުގެ ބޭނުމަކީ ގާނޫނުއަސާސީއަށް ގެންނަން ބޭނުންވާ ބަދަލުތަކެއް، އެއްވެސް މަޝްވަރާއެއް ނެތި އަވަސްއަރުވާލައިގެން ފާސްކުރުމެވެ.
ދައުރުން ބޭރުން ބާއްވާ ޖަލްސާތައް ފެށުމުގެ މައިގަނޑު ބޭނުމަކީ ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެކުގައި ބޭއްވުމަށް ގާނޫނުއަސާސީއަށް ގެންނަން ބަދަލު ފާސްކުރުމާއި، ޕެންޝަން ފަންޑު މެދުވެރިކޮށް ފައިސާ ޗާޕްކުރުން މަގިފަހިކުރުން ހިމެނޭ ގޮތަށް އެ ގާނޫނަށް ގެންނަ ބަދަލުތައް ފާސްކުރުމެވެ. އޭގެ އިތުރުން ޖުވާ ކުޅުމުން ޖަލު ހުކުން އަންނަ ގޮތަށް ގާނޫނުލް އުގޫބާތު ބަދަލުކުރުން ވެސް ހިމެެނެ އެވެ.
މުހައްމަދު އިބްރާހީމް ވިދާޅުވީ، މިވަގުތަކީ އެއްވެސް ކަހަލަ ދުސްތޫރީ ކާރިސާއެއް ނުވަތަ ކުއްލި ނުރައްކަލުގެ ހާލަތެއް އޮތް ވަގުތެއް ނޫން ކަމަށެވެ. އެހެންކަމުން، ރައްޔިތުންގެ މަންދޫބުންގެ ފުރިހަމަ ބައިވެރިވުމެއް ނެތި، ޑިމޮކްރެޓިކް އުސޫލުތަކާ ހިލާފަށް ކުރިއަށްގެންދާ މި ޖަލްސާތަކަކީ ރައްޔިތުންނަށް ލިބިދީފައިވާ ތަމްސީލުވުމުގެ ހައްގަށް އަރައިގަތުން ކަމަށެވެ.
ދައުރުން ބޭރުން ޖަލްސާތައް ބޭއްވުމަށް ހުށަހަޅައިފި ނަމަ 14 ދުވަސް ތެރޭގައި އެ ޖަލްސާއެއް ބާއްވަންޖެހެ އެވެ. ނަމަވެސް މި ޖަލްސާތައް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ފެއްޓެވީ އެކަށީގެންވާ ނޯޓިހެއް ނިދުމެއް ނެތި އެވެ.
އެހެންވެ، އިއްޔެގެ ޖަލްސާގައި ވެސް އެމްޑީޕީގެ ބައެއް މެންބަރުން މި ކަންބޮޑުވުން ފާޅުކުރެއްވި އެވެ.
ދައުރުން ބޭރުން ފެށި ޖަލްސާތައް ގާނޫނުއަސާސީއާ ހިލާފު ކަމަށް އިއްޔެގެ ޖަލްސާގައި ހުޅުމާލޭ ދެކުނު ދާއިރާގެ މެންބަރު އަހުމަދު ޝަމްހީދު ފާހަގަ ކުރެއްވުމުން އަބްދުއްރަހީމް ވިދާޅުވީ މި ޖަލްސާތައް ބާއްވަނީ ގާނޫނު އަސާސީއާ އެއްގޮތަށް ކަމަށެވެ. އެކަމުގެ ހުއްޖަތެއްގެ ގޮތުގައި އަބްދުއްރަހީމް އަށް ވިދާޅުވީ ޖަލްސާތައް މި ބާއްވަނީ "14 ދުވަސްތެރޭގައި" ކަމަށެވެ. ނަމަވެސް މީގެ ކުރީގެ މަޖިލީސްތަކުގައި ދައުރުން ބޭރުން ޖަލްސާއެއް ބާއްވަނީ ވަރަށް ބޮޑެތި ކަންކަމުގައި، ދުރާލާ ނޯޓިސް ދިނުމަށް ފަހު އެވެ.
ނަމަވެސް އަބްދުއްރަހީމް ވަނީ އެ ހަމަ ނަގާލައިފަ އެވެ.
ދައުރުން ބޭރު ޖަލްސާތައް ގާނޫނުއަސާސީއާ ހިލާފު ކަމަށް ބުނެ އެމްޑީޕީން ޖަލްސާތައް ބޮއިކޮޓްކުރަން ނިންމައިފި ދައުރުން ބޭރު ޖަލްސާތައް ގާނޫނުއަސާސީއާ ހިލާފު ކަމަށް ބުނެ އެމްޑީޕީން ޖަލްސާތައް ބޮއިކޮޓްކުރަން ނިންމައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ