އެއްވެސް ގައުމަކަށް ދުނިޔޭގެ ފަނޑިޔާރަކަށް ނުވެވޭނެ: ޗައިނާ

ވެނެޒުއޭލާގެ ރައީސް ނިކޮލަސް މަޑޫރޯ އެމެރިކާ އިން ހައްޔަރު ކުރުމާ ގުޅިގެން، ދުނިޔޭގެ އެއްވެސް ގައުމަކަށް އެ ގައުމަކީ "ދުނިޔޭގެ ފަނޑިޔާރު"ގެ ގޮތުގައި ބަލައިނުގަނެވޭނެ ކަމަށް ޗައިނާގެ ހާރިޖީ ވަޒީރު ވަންގް ޔީ މިއަދު ވިދާޅުވެއްޖެ އެވެ.
"އެއްވެސް ގައުމަކަށް ދުނިޔޭގެ ފުލުހުންގެ ގޮތުގައި މަސައްކަތް ކުރެވިދާނެ ކަމަށް އަޅުގަނޑުމެން ގަބޫލެއް ނުކުރަން،" ވެނެޒުއޭލާގެ ރައީސް ކުއްލި ގޮތަކަށް ހައްޔަރު ކުރި ކުރުމަށް އިޝާރަތްކުރައްވައި ވަންގް ވިދާޅުވި އެވެ.
"ބައިނަލްއަގުވާމީ ގާނޫނުތަކުން ހުރިހާ ގައުމެއްގެ ސިޔާދަތާއި ސަލާމަތާއި ރައްކާތެރިކަން ފުރިހަމައަށް ހިމާޔަތްވާން ޖެހޭ،" ކަނުބަނދެގެން އަދި އަތްބަނދެގެން މަޑޫރޯ، 63، ހައްޔަރުކޮށްގެން އެމެރިކާއަށް ގެންދިޔަ ގެންދިއުމާ ބެހޭ ގޮތުން ޗައިނާގެ އެންމެ މަތީ ޑިޕޮލަމޭޓް ވިދާޅުވި އެވެ.
މަޑޫރޯ ހުންނެވީ ނިއު ޔޯކްގެ ޖަލެއްގަ އެވެ. އޭނާ މިއަދު ކޯޓަށް ހާޒިރު ކުރުމަށް ވަނީ ނިންމައިފަ އެވެ.
ޗައިނާގެ އަމާޒަކީ 2023 ވަނަ އަހަރު ސައުދީ އަރަބިއްޔާ އާއި އީރާނާ ދެމެދު ސުލްހައިގެ އެއްބަސްވުމަކަށް މަގުފަހި ކުރުމަށް ފަހު، ދުނިޔޭގެ ހޫނު މައްސަލަތަކުގައި ބިނާކުރަނިވި ދައުރެއް އަދާކޮށް ޑިޕްލޮމެޓިކް ޕަވާހައުސްއަކަށް ވުމެވެ. ތަޖުރިބާކާރުން ބުނާ ގޮތުގައި، ވިޔަފާރީގެ މަޝްވަރާތަކުގައި އެމެރިކާއާ އެއްވަރު ކުރުމުގައި ޗައިނާ އިން ހޯދި ކާމިޔާބީގެ ސަބަބުން ޗައިނާގެ އިތުބާރު ވަނީ ބޮޑުވެފަ އެެވެ.
ވެނެޒުއޭލާ ސަރުކާރު ވަގުތީ ގޮތުން ހިންގާނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވުމަކީ 2023 ވަނަ އަހަރު ޗައިނާ އާއި ވެނެޒުއޭލާ އިން ގާއިމްކުރި 'އޯލް ވެދާ ކޮމްޕްރިހެންސިވް ސްޓްރެޓެޖިކް ޕާޓްނަޝިޕް'އަށް ދިމާވި ގޮންޖެހުމެކެވެ. އެ ދެ ގައުމުން ސިޔާސީ ގުޅުން ގާއިމުކޮށްފައި އޮންނަތާ ވަނީ 50 އަހަރު ފާއިތުވެފަ އެވެ.
"މިއީ ޗައިނާއަށް ލިބުނު ވަރަށް ބޮޑު ގެއްލުމެއް. އަހަރެމެން ބޭނުންވީ ވެނެޒުއޭލާގެ އިތުބާރު ހިފޭ ރަހުމަތްތެރިއެއްގެ ގޮތުގައި އޮތުމުގެ ޔަގީންކަން ދޭން،" ޗައިނާގެ އޮފިޝަލަކު ވިދާޅުވި އެވެ.
މީގެ އަށް އަހަރު ކުރިން 2017 ވަނަ އަހަރު އެމެރިކާ އާއި އެ ގައުމުގެ ބައިވެރިން ވެނެޒުއޭލާއާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް ވަރުގަދަ ކުރި ފަހުން ދުނިޔޭގެ ދެވަނައަށް އެންމެ ބޮޑު އިގުތިސާދު ކަމަށްވާ ޗައިނާ އިން ވަނީ ވެނެޒުއޭލާއަށް އިގްތިސާދީ ދިރުން ހޯދައިދީފަ އެވެ. އަދި 2024 ވަނަ އަހަރު 1.6 ބިލިއަން ޑޮލަރުގެ މުދާ ޗައިނާ އިން ވަނީ ގަނެފަ އެވެ. 
އޭގެ ތެރެއިން ދެބައިކުޅަ އެއްބަޔަކީ ސާފު ނުކުރާ ތެލެވެ. އަދި 2018 ވަނަ އަހަރު ވެނެޒުއޭލާގައި ޗައިނާ އިން ވަނީ 4.6 ބިލިއަން ޑޮލަރު އިންވެސްޓް ކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ