މިދިޔަ މަހު 24ގައި ގެލެރީ 350ގަ ހުޅުވި 'ދަ ބާޑް އެންޑް ދަ ފްލައިން ފިޝް' އަކީ ފައިން އާޓިސްޓު އައިޝަތު ހުދާގެ ކުރެހުންތައް ހިމެނޭ މައުރަޒެކެވެ. ދެ އަހަރު ދުވަހުގެ ތެރޭގައި ހުދާ ފުރިހަމަކުރި މި ކުރެހުންތައް ފުރަތަމަ ދައްކާލީ ގައުމީ އާޓް ގެލެރީގަ އެވެ. އެއީ މީގެ ހަ އަހަރު ކުރިންނެވެ. 2019ގައި އެ މައުރަޒު ހުޅުވުމުގެ ރަސްމިއްޔާތުގަ ބައިވެރިވެ، ހުދާގެ ފުރިހަމަ މަސައްކަތްތައް ފެނުނު ހަނދާން މިހާރު ވެސް އެބަ ހުއްޓެވެ. މި މައުރަޒުގެ މަސައްކަތްތައް އަނެއްކާވެސް ބަލައިލަން ފުރުސަތު ލިބުމުން ވަރަށް އުފާވި އެވެ. އެއީ އަދިވެސް އެހާމެ ފުރިހަމަ އަދި ބަލައިލުމުން ހިތަށް ފިނިކަމެއް ގެެނެސްދޭ ކުރެހުންތަކަކަށް ވީމަ އެވެ.
'ދަ ބާޑް އެންޑް ދަ ފްލައިން ފިޝް'ގައި ހުދާ ވަނީ އެކި ވައްތަރުގެ މީޑިއަމް ބޭނުންކޮށްފަ އެވެ. އެއީ ތެޔޮ ކުލައިން ފެށިގެން ޕޭސްޓަލްސް، ޗައިނީސް އިންކް، ގްރެފިން، ދެލި އަދި އެކި ވައްތަރުގެ 'ޓެކްސްޗާޑް މީޑިއަމްސް' އާއި ރޮދި ވެސް ހިމެނެ އެވެ. ހުދާއަކީ ރާއްޖޭގެ ފުންނާބުއުސް ފައިން އާޓިސްޓުންގެ ތެރޭގައި ހިމެނޭ އެކެކެވެ. އޭނާ ވަނީ ޔުނިވާސިޓީ އޮފް އިލިނޮއި، ޗިކާގޯގެ ފައިން އާޓްސްއިން މާސްޓާސް ހަދައިފަ އެވެ. އޭގެ ކުރިން އޭނާ ވަނީ ޗައިނާގެ ހާންގްޒުއިން ބީއެފްއޭއެއް ފުރިހަމަކޮށްފަ އެވެ.
ހުދާގެ ތަފާތު ހުނަރު ދައްކާލަނީ ހަމައެކަނި ރާއްޖޭގައެއް ނޫނެވެ. ބައިނަލްއަގްވާމީ ފެންވަރުގައި ވެސް އޭނަގެ މަސައްކަތް ދައްކާލަން އެކި މައުރަޒުތަކުގައި ބައިވެރިވި އެވެ. މިވަގުތު އޭނަ މަސައްކަތް ކުރަމުން އަންނަނީ އެސިސްޓަންޓް ޕްރޮފެސަރެއްގެ ގޮތުގައި ޗިކާގޯގަ އެވެ.
ހުދާ ވަނީ މީގެ ކުރިން ރާއްޖޭގައި އާޓް ޓީޗަރެއްގެ ގޮތުގައި މަސައްކަތް ކޮށްފަ އެވެ. އަދި ކިޔަވައިދެމުން އޭނާ އައީ އާޓުން އިތުރަށް އުނގެނެމުންނެވެ. އޭނާގެ މި ހިތްވަރާއި ކެނޑިނޭޅި ކުރި މަސައްކަތުގެ ނަތީޖާއަކީ މިހާރު އޭނާގެ ފަރާތުން ފެންނަ އުސް ފަންތީގެ މަސައްކަތްތަކެވެ.
މީގެ 15 ވަރަކަށް އަހަރު ކުރިން ހުދާ ދައްކާލި ކުރެހުންތަކާ ފަހަކަށް އައިސް ދައްކާލާ މަސައްކަތްތައް ވަރަށް ބޮޑުތަން ތަފާތު ވެއްޖެކަން ފާހަގަވެ އެވެ. އޭނަގެ ފަހުގެ މަސައްކަތްތަކުގައި އެކުލެވޭ މޮޅު އަދި ހިތްގައިމު 'އާޓް ޓެކްނީކްތަކު'ގެ އިތުރުން މަސައްކަތްތަކުން ދޭހަވާ މާނަ ވެސް އެހާމެ ފުންވެފައި މުއްސަނދި ވެއްޖެކަން ފާހަގަވެ އެވެ. އެގޮތުން މުޅިން އެހެން ފަންތިއަކަށް އޭނާގެ މަސައްކަތް ގެންގޮސްފި އެވެ. ފުރިހަމަ ފައިން އާޓިސްޓެއްގެ ފެންވަރު އޭނާގެ މަސައްކަތުން ވަރަށް ސާފުކޮށް ފެނެ އެވެ. މިއީ އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ދިވެހިން ފަހުރުވެރިވާން ޖެހޭ ފަންނުވެރިއެކެވެ.
'ދަ ބާޑް އެންޑް ދަ ފްލައިން ފިޝް'އަށް ހުދާ ވަނީ ބޮޑު ކެންވާސްތަކުގައި އެބްސްޓްރެކްޓް ސްޓައިލްގެ މަސައްކަތްތަކެއް ހުށަހަޅައިފަ އެވެ. އެ ކުރެހުންތަކުން ފެންނަނީ ހަގީގަތަށް، ފޮޓޯގަނޑެއްގެ ގޮތަށް ކުރަހާފައި ހުންނަ މަންޒަރުތަކެއް ނޫނެވެ. ހުދާގެ މަސައްކަތްތަކުން ބެލުންތެރިންގެ ކިބައިން އެދެނީ ގިނައިރު އެ ކުރެހުންތަކަށް ބަލައި އެއާ މެދު ފުންކޮށް ވިސްނާލުމަށެވެ. އެއިން ފެންނަ 'އެބްސްޓްރެކްޓް' ބައްޓަންތަކާއި ކުލަތަކުން އެކި އެއްޗެހި އުފެދި، ފާހަގަވެ އެވެ.
ހުދާ ބުނިގޮތުގައި އެ ކުރެހުންތަކުން ދައްކައިދެނީ ދުނިޔޭގެ ތަޖުރިބާތަކުގެ ދިރާސާއެކެވެ. އެއީ އަސްލު އަދި ހިޔާލީ ކަންކަން ލާމެހިގެން ނުކުންނަ މަންޒަރުތަކެކެވެ. އާޓިސްޓުންގެ ފިހިން ޖައްސާފައި ހުރި ކުލަތަކާއި 'ޓެކްސްޗާ'ގެ އިތުރުން އަމިއްލަ މީހާއަށް އެއިން ފެންނަ ކަންކަމާއި އުފެދޭ އިހުސާސުތަކާއި ހިޔާލުތަކަށް ވިސްނާލަން ގޮވާލަ އެވެ.
މި މައުރަޒުގެ ކުރެހުންތަކަށް ބަލާފައި ކޮންމެހެން ވަކި ވިސްނުމެއް ނުވަތަ ގޮތެއް ކަނޑައަޅާ ނިންމާކަށް ނުޖެހެ އެވެ. މި ކުރެހުންތަކުން ރަމްޒުކޮށްދެނީ ދިރިއުޅުމުގައި ވެސް އަޅުގަނޑުމެންނަށް ދިމާވާ ތަޖުރިބާތަކާއި އިހުސާސުތަކަށް ވުން އެކަށީގެންވެ އެވެ. އެއީ ބައެއް ފަހަރު ދިރިއުޅުމުގެ ތަޖުރިބާތަކަށް ސީދާ ޖަވާބެއް ނުލިބެ އެވެ. ބައެއް ފަހަރު، ތަޖުރިބާ ކުރާ އިހުސާސްތައް އަޅުގަނޑުމެން ދޫކޮށްލަނީ އުފާވެރިކަމާއި، ހިތާމަ އާއި ނުވަތަ ކަމަކަށް އެދުންވެރިވުމަށެވެ. ކޮންމެ ގޮތެއް ވިޔަސް، އެއީ އިހުސާސް ކުރެވޭ އަދި ތަޖުރިބާކުރަން ޖެހޭ ކަންކަމެވެ. ހުދާ އޭނާގެ ކުރެހުންތަކުގެ ޒަރިއްޔާއިން ވެސް ހާމަކުރަނީ ދިރިއުޅުމުގެ މި ހަގީގަތެވެ.
'ދަ ބާޑް އެންޑް ދަ ފްލައިން ފިޝް' މައުރަޒު ގެލެރީ 350ގައި ކުރިއަށްދާނީ މިމަހު 28ގެ ނިޔަލަށެވެ.
ފައިން އާޓިސްޓް ހުދާގެ 'ދަ ބާޑް އެންޑް ދަ ފްލައިން ފިޝް' މައުރަޒު ގެލެރީ 350ގައި ކުރިއަށްދަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ