ރަޝިޔާއިން ތެޔޮ ނުގަންނާނެ ކަމަށް ބުނުމުން އިންޑިއާގެ މުދަލުން ނަގާ ޓެރިފް އެމެރިކާއިން ކުޑަކޮށްފި

ރަޝިޔާ އިން ތެޔޮ ނުގަތުމަށް އެއްބަސްވުމުން އިންޑިއާގެ މުދަލުން ނަގާ ޓެރިފް އެމެރިކާއިން 18 ޕަސަންޓަށް ކުޑަކޮށްފިއެވެ. އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާ ފޯނުން ގުޅުއްވައި ވާހަކަފުޅު ދެއްކެވި ކަމަށާއި އެގައުމުން ރަޝިޔާއިން އެތެރެކުރާ ސާފުނުކުރާ ތެލުގެ ބަދަލުގައި ވެނެޒުއެލާ އާއި އެމެރިކާއިން ތެޔޮ ބޭނުން ކުރަން އެއްބަސްވެފައިވާ ކަމަށް ޓްރަމްޕްގެ ޓްރަތް ސޯޝަލް މީޑިއާ ޕޯސްޓެއްގައި ލިޔުއްވާފައިވެއެވެ. ނަމަވެސް އެ ޓްރާންސިޝަން ދިގު ދެމިގެންދާނީ ކިހާ ދުވަހަކަށްކަން ސާފެއް ނޫނެވެ. އިންޑިއާގެ މުދަލުން އެމެރިކާއިން ނަގާ 25 ޕަސެންޓުގެ ޓެރިފް 18 ޕަސެންޓަށް ކުޑަކުރައްވާނެ ކަމަށާއި އިންޑިއާއިން އެމެރިކާގެ މުދަލަށް ނަގާ ޓެރިފް އުވާލާނެ ކަމަށް ވެސް ޓްރަމްޕް ވިދާޅުވިއެވެ. ވައިޓް ހައުސްގެ އޮފިޝަލަކާ ހަވާލާދީ އޭއެފްޕީ ނޫހުން ބުނީ އިންޑިއާގެ މުދަލުން އެމެރިކާއިން ނަގަން ނިންމި 25 ޕަސެންޓުގެ ޓެރިފްގެ އިތުރުން، ރަޝިޔާގެ ތެޔޮ ގަންނާތީ މިދިޔަ އަހަރު އިތުރަށް ނަގަން ފެށި 25 ޕަސެންޓް ޓެރިފް ވެސް އުވާލާނެއެވެ. އެއީ ރަޝިޔާގެ ތެޔޮ ނުގަންނަން އިންޑިއާއިން އެއްބަސްވުމުން ކަމަށް އޮފިޝަލް ވިދާޅުވިއެވެ. އިންޑިއާއަކީ ރަޝިޔާގެ ތެޔޮ އެންމެ ގިނައިން ގަންނަ އެއް ގައުމެވެ. ޔޫކްރެއިން ހަނގުރާމައިގެ ސަބަބުން ހުޅަނގުގެ ގިނަ ގައުމުތަކުން ވަނީ ރަޝިޔާއާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އަޅާފައެވެ. ޗައިނާއަކީ ރަޝިޔާ ތެޔޮ އިންޑިއާއިން ގަންނަ މިންވަރަށްވުރެ އިތުރަށް ގަންނަ ގައުމެއް ނަމަވެސް، ޗައިނާގެ މުދަލުން އެމެރިކާއިން ނަގާ ޓެރިފް އަކަށް ބަދަލު ގެނެސްފައެއްނުވެއެވެ. ތުރުކީއަކީވެސް ރަޝިއާއިން ގިނަ އަދަަދަކަށް ތެޔޮ ގަންނަ ގައުމެކެވެ. އިންޑިއާ ސަރުކާރުގެ އޮފިޝަލުން މީގެ ކުރިން ވަނީ ރަޝިޔާގެ ތެޔޮ ގަތުމަކީ އެގައުމުގެ ހަކަތަ ރައްކާތެރިކަމަށް ކޮންމެހެން ބޭނުންތެރި ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފައެވެ. ދުނިޔޭގެ ތިންވަނައަށް އެންމެ ގިނައިން ތެޔޮ ބޭނުންކުރާ ގައުމަކީ އިންޑިއާއެވެ. ދުނިޔޭގެ އެންމެ އާބާދީ ބޮޑު ގައުމުގެ އިގްތިސާދު ކުރިއެރުވުމަށް އިންޑިއާއިން ބަރޯސާވެފައި ވަނީ ރަޝިޔާގެ ތެލަށް ކަމަށް މަޝްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ. އެގޮތުން އިންޑިއާއިން ކޮންމެ ދުވަހަކު 1.5 މިިލިއަން ފީފާގެ ތެޔޮ ރަޝިޔާއިން އެތެރެކުރާ ކުރާ ކަމަށާއި އެހެންވެ، އިންޑިއާއިން ރަޝިޔާގެ ތެޔޮ ނުގަތުމަކީ އިންޑިއާއަށް ކުރަން އުނދަގޫ ކަަމަކަށް ވާނެ ކަމަށް އެ ފަރާތްތަކުން ބުނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ