ޓިކްޓޮކަށް އައި ބަދަލާއެކު "އަޕްސްކްރޯލްޑް" ޔޫޒަރުން 2.5 މިލިއަނަށް!
އެމެރިކާގައި ޓިކްޓޮކްގެ މިލްކުވެރިކަމަށް އައި ބަދަލާ ގުޅިގެން، އައު ސޯޝަލް މީޑިއާ ޕްލެޓްފޯމެއް ކަމަށްވާ "އަޕްސްކްރޯލްޑް" ބޭނުންކުރާ މީހުންގެ އަދަދު ކުއްލިއަކަށް އިތުރުވެ، 2.5 މިލިއަނަށްވުރެ މައްޗަށް އަރައިފި ކަމަށް އެ ކުންފުނީގެ ބާނީ އިއްސާމް ހިޖާޒީ ބުނެފިއެވެ. ގަތަރުގައި މިހާރު ކުރިއަށްދާ "ވެބް ސަމިޓް" ގައި ވާހަކަދައްކަމުން ހިޖާޒީ ބުނީ، މީގެ ހަ މަސް ކުރިން ލޯންޗުކުރި މި ޕްލެޓްފޯމްގައި ޖެނުއަރީ މަހުގެ ކުރީކޮޅާ ހަމައަށް ތިބީ އެންމެ 150,000 ޔޫޒަރުން ކަމަށެވެ. ނަމަވެސް ފާއިތުވި މަދު ދުވަސްކޮޅެއްގެ ތެރޭގައި އެ އަދަދު އެއް މިލިއަނަށް އަރައި، މިހާރު މުޅި ދުނިޔެއިން 2.5 މިލިއަނަށްވުރެ ގިނަ މީހުން އެ ޕްލެޓްފޯމް ބޭނުންކުރަމުންދާ ކަމަށް އޭނާ ހާމަކުރިއެވެ. އަޕްސްކްރޯލްޑަކީ އިންސްޓަގްރާމާއި އެކްސް (ކުރީގެ ޓްވިޓާ)ގެ ސިފަތައް އެއްކޮށްލައިގެން އުފައްދާފައިވާ ޕްލެޓްފޯމެކެވެ. މި ކުންފުނިން ބުނާ ގޮތުގައި އެއީ ހުރިހާ ފަރާތްތަކެއްގެ އަޑު އުފުލުމަށް ފުރުސަތުދޭ، "ޝެޑޯބޭން" ކުރުމާއި ސެންސަރުކުރުމުން އެއްކިބާވެފައިވާ މާހައުލެކެވެ. ހިޖާޒީގެ ވާހަކައިގައި ދުނިޔޭގެ ބޮޑެތި ޓެކްނޮލޮޖީ ކުންފުނިތަކަށް ވަރަށް ބޮޑަށް ފާޑުކިޔާފައިވެއެވެ. އޭނާ ތުހުމަތުކުރި ގޮތުގައި ބޮޑެތި ކުންފުނިތަކުން ފައިދާ ހޯދުމަށްޓަކައި ޔޫޒަރުންގެ ޒާތީ މައުލޫމާތު ވިއްކައި، ވަކި ފަރާތްތަކަކަށް ތާއީދުކޮށް ފަލަސްތީނަށް ތާއީދުކުރާ ކޮންޓެންޓް ސެންސަރުކުރަމުންދެއެވެ. އަދި ޔޫޒަރުންގެ ނަފްސާނީ ދުޅަހެޔޮކަމަށް ބެލުމެއް ނެތި، ޕްލެޓްފޯމަށް މީހުން ދެވިހިފުވުމަށް އެ ކުންފުނިތަކުން މަސައްކަތްކުރާ ކަމަށްވެސް އޭނާ ބުންޏެވެ. ނަމަވެސް، އަޕްސްކްރޯލްޑްގައި ބަދުއަޚުލާގީ ކޮންޓެންޓް ގިނަކަމުގެ ޝަކުވާ އެހެން ޕްލެޓްފޯމްތަކުގެ ޔޫޒަރުން ދަނީ ކުރަމުންނެވެ. މިކަމާ ގުޅިގެން ހިޖާޒީ ބުނީ، ވަކި ފިކުރެއް ކުރިއަރުވަން އެލްގޮރިދަމް ބޭނުން ނުކުރި ނަމަވެސް، ގައުމުތަކުގެ ގާނޫނުތަކަށް ފެތޭނޭހެން "ކޮމިއުނިޓީ ގައިޑްލައިންތަކެއް" އެކުލަވައިލުމަށް ތަޖުރިބާކާރުންގެ ޓީމަކާއެކު މަސައްކަތް ކުރަމުންދާ ކަމަށެވެ. އަޕްސްކްރޯލްޑަށް މިފަދަ ބޮޑު ކުރިއެރުމެއް ލިބުނީ، ޖެނުއަރީ މަހު އެމެރިކާގައި ޓިކްޓޮކްގެ މިލްކުވެރިކަމަށް އައި ބަދަލާ ގުޅިގެންނެވެ. އެ ބަދަލާއެކު ސިލްވަރ ލޭކް އަދި އޮރެކަލް ފަދަ އިންވެސްޓަރުންގެ ކޮންސޯޓިއަމްއަކަށް ޓިކްޓޮކްގެ ބޮޑު ހިއްސާއެއް ލިބިފައިވާއިރު، ބައިޓްޑާންސްގެ އަތުގައި އޮތީ 20 އިންސައްތަ ހިއްސާއެވެ. މި ބަދަލާއެކު ޓިކްޓޮކް ދޫކޮށް ގިނަ ބަޔަކު ދަނީ އަޕްސްކްރޯލްޑާއި "ސްކައިލައިޓް" ފަދަ އައު ޕްލެޓްފޯމްތަކަށް ބަދަލުވަމުންނެވެ. ކަމާބެހޭ މާހިރުން ދެކޭގޮތުގައި، މިފަދަ އައު ޕްލެޓްފޯމްތަކަށް ލިބުނު ކުއްލި މަގުބޫލުކަން ދަމަހައްޓަން ބޭނުންނަމަ، ޔޫޒަރުން ހިފެހެއްޓޭނެ ފަދަ ފީޗާތަކާއި، ހަރުދަނާ މޮޑަރޭޝަން އުސޫލުތަކެއް އެކުލަވައިލުމަކީ އެ ކުންފުނިތަކަށް ކުރިމަތިވާނެ އެންމެ ބޮޑު ގޮންޖެހުމެވެ. އަޕްސްކްރޯލްޑްގެ ބާނީ ފަލަސްތީނަށާއި، އުރުދުންއަށް ނިސްބަތްވާ މުސްލިމެއްކަމުގައިވާ އިއްސާމް ހިޖާޒީއަކީ، ބޮޑެތި ޓެކްނޮލޮޖީ ކުންފުނިތަކުން ގެންގުޅޭ ސެންސަރުކުރުމުގެ އުސޫލުތަކާއި ޔޫޒަރުންގެ ޒާތީ މައުލޫމާތު ވިޔަފާރީގެ ފައިދާއަށް ބޭނުންކުރުމާ ދެކޮޅަށް ވަރަށް ބޮޑަށް ވަކާލާތު ކުރައްވާ ބޭފުޅެކެވެ. އޭނާ ގަބޫލުކުރައްވާ ގޮތުގައި، ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކަކީ ހުރިހާ ފަރާތްތަކެއްގެ އަޑުތަކަށް ހަމަހަމަ ފުރުސަތު ލިބޭ، އަދި ޔޫޒަރުންގެ ނަފްސާނީ ދުޅަހެޔޮކަމަށް އިސްކަންދޭ ތަންތަނަށް ވާންޖެހެއެވެ. 'އަޕްސްކްރޯލްޑް' މެދުވެރިކޮށް ހިޖާޒީ މަސައްކަތް ކުރައްވަނީ، ޓެކްނޮލޮޖީގެ ބޮޑެތި ބާރުތަކުގެ ނުފޫޒުން އެއްކިބާވެފައިވާ، މިނިވަން މުޖުތަމައެއް އިންޓަނެޓްގައި ބިނާކުރުމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ