އިރާނުގެ އައު ސުޕްރީމް ލީޑަރަކަށް މުޖްތަބާ

އިރާނުގެ އައު ސުޕްރީމް ލީޑަރަކަށް، އެ ގައުމުގެ ކުރީގެ ސުޕްރީމް ލީޑަރު، އާޔަތުﷲ އަލީ ހާމަނާއީގެ ދަރިފުޅު، މުޖުތަބާ ހާމަނާއީ ހަމަޖައްސައިފިއެވެ.
އުމުރުން 56 އަހަރުގެ މުޖްތަބާ އިރާނުގެ ސުޕްރީމް ލީޑަރަކަށް އައްޔަނުކޮށްފައިމިވަނީ، ބައްޕަ އާޔަތުﷲ ހާމަނާއީ މަރާލިތާ ހަފްތާއެއް ފަހުންނެވެ. ހާމަނާއީ ގަތުލު ވެގެންދިޔައީ، އެމެރިކާ އާއި އިޒްރޭލް ގުޅިގެން އިރާނަށް ދިން ވަރުގަދަ ހަމަލާތަކުގެ ތެރެއިންނެވެ.
އިރާނުގެ އިސް ވެރިންނާއި، އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް(އައިއާރްޖީސީ) އާއި އެ ގައުމުގެ އަސްކަރިއްޔާ އިން ވަނީ އައު ލީޑަރަށް ތާއީދު އޮތްކަން ހާމަކޮށްފައެވެ.
މުޖްތަބާއަށް އިރާނުގެ އައު ސުޕްރީމް ލީޑަރުކަން ލިބިގެންދިޔައިރު، މިއީ އެމެރިކާ ރުހޭނެ ނިންމުމެއް ކަމަށް ނުބެލެވެއެވެ. އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް ބުނެފައި ވަނީ، އިރާނަށް އައު ވެރިޔަކު ހަމަޖެެއްސުމުގައި އެމެރިކާގެ ރުހުން އޮންނަން ޖެހޭ ކަމަށާއި، އެހެން ނޫންނަމަ، އެފަދަ މީހަކަށް މާ ގިނަ ދުވަހު ބާރުގައި ދެމި ނުހުރެވޭނެ ކަމުގައެވެ.
މުޖްތަބާ ހާމަނާއީ އަކީ އާޔަތުﷲ އަލީ ހާމަނާއީގެ ދެވަނަ ދަރިއެވެ. އޭނާ އަކީ އިރާން ސިފައިންގެ އިންގިލާބީ ލަޝްކަރާ ގާތް ގުޅުމެއް އޮންނަ ފަރާތެކެވެ.
އީރާންގެ ސުޕްރީމް ލީޑަރަކީ އެ ގައުމުގެ އަސްކަރިއްޔާގެ އެންމެ އިސްވެރިޔާ ވެސް މެއެވެ. އަދި ގައުމުގެ ބޮޑެތި ކަންކަމުގައި ފަހު ބަސް ބުނާ ފަރާތަކީ ވެސް، އެ ގައުމުގެ ސުޕްރީމް ލީޑަރެވެ.
 
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ