ގޭސް މަދުން ވިއްކަނީ ދުނިޔޭގެ ބަޒާރުގެ ސަޕްލައިއަށް އައި ލޮޅުމަކާ ހެދި، އަންނަ ހަފުތާގައި ހައްލުވާނެ: އެސްޓީއޯ

ރާއްޖެއަށް ގޭސް އެތެރެކުރާ ސަރުކާރު ކުންފުނި މޯލްޑިވް ގޭސްއިން އާންމުކޮށް ވިއްކާ މިންވަރަށް ވުރެ މަދުން ވިއްކަން ފަށައިފައިވަނީ ދުނިޔޭގެ ބާޒާރުގެ ސަޕްލައިއަށް ލޮޅުމަކާ ހެދި ކަމަށާއި، އަންނަ ހަފުތާގެ ތެރޭގައި އެ މައްސަލަ ހައްލުވާނެ ކަމަށް އެސްޓީއޯއިން ބުނެފިއެވެ. އެސްޓީއޯގެ ސަބްސިޑަރީއެއް ކަމަށްވާ މޯލްޑިވް ގޭސްއިން ވަނީ، މީގެ ކުރިން ވިއްކަމުން އައި 10 ކިލޯގެ ގޭހުގެ ބަދަލުގައި ހަތް ކިލޯގެ ގޭސް ވިއްކަން ފަށައިފައެވެ. އަދި ގޭހަށް އޯޑަރު ދިނުމުން، ގޭސް ލިބުން އިންތިހާއަށް ލަސްވާ ކަމުގެ ޝަކުވާ ފާއިތުވި ދުވަސްތަކުގައި ކަސްޓަމަރުން ކޮށްފައިވެއެވެ. މޯލްޑިވް ގޭސްގެ އިސް އޮފިޝަލަކު މިއަދު "ސަން"އަށް ވަނީ، ކުންފުންޏަށް ގޭސް ގަތުމުގެ ހުރިހާ މުއާމަލާތެއް މިހާރު ހިންގަނީ އެސްޓީއޯއިން ކަމަށާއި، ގޭސް ގަންނަ ތަނަކާއި ގަންނަ އަގު ވެސް މިހާރު ނިންމަނީ އެ ކުންފުނިން ކަމަށް ބުނެފައެވެ. އެ އޮފިޝަލް ވަނީ ގޭހުގެ ސަޕްލައި މައްސަލަ ދިމާވެގެން އުޅެނީ އެސްޓީއޯގެ އިހުމާލުން ކަމަށާއި އެއީ ކުންފުނީގެ ތާރީޚުގައި ވެސް ގޭސް ހުސްވއެމިފަދަ މައްސަލައެއް މިހާ ދިގުލައިގެން ދިޔަ ފުރަތަމަ ފަހަރު ކަމަށް ބުނެފައެވެ. https://sun.mv/217740 އެ މައްސަލައިގައި މީގެ ކުރިން އެސްޓީއޯއިން ވަކި އެއްޗެކޭ ބުނެފައިނުވެއެވެ. ނަމަވެސް އެ ކުންފުނީގެ އޮފިޝަލަކު މިރޭ "ސަން"އަށް ވިދާޅުވީ ގޭސް ހުސް ނުވާ ކަމަށެވެ. އޭނާ ވިދާޅުވީ، މޯލްޑިވް ގޭސް ޑިސްކައުންޓް ރޭޓުތަކާއެކު މަދުން ގޭސް ވިއްކަމުން އަންނަނީ، ދުނިޔޭގެ ސަރަހައްދީ ބާޒާރުގެ ސަޕްލައިއަށް އައި ލޮޅުންތަކަކާ ހެދި ކަމަށެވެ. ގޭހުގެ ސަޕްލައިއަށް އަންނަ ބަދަލުތަކަކާ ގުޅިގެން ރާއްޖެއަށް ގޭސް އެތެރެކުރާ ދެ ކުންފުނިން އަބަދުވެސް ރޭޝަން ކޮށްގެން ނުވަތަ ކޮންޓްރޯލް ކޮށްގެން ގޭސް ވިއްކުމަކީ ކުރިން ވެސް ކުރާ ކަމެއް އޮފިޝަލް ވިދާޅުވީ، އެ ލޮޅުމާ ހެދި ޖެހިފައިވާ ކުޑަ މައްސަލަ އަންނަ ހަފުތާގައި އެއްކޮށް ހައްލުކުރެވޭނެ ކަމަށާއި، އެއާއެކު، ކުރިއެކޭ ވެސް އެއްގޮތަށް 10 ކިލޯގެ ގޭސް ފުޅި ވިއްކަން ފަށާނެ ކަމަށެވެ. ކުރިއަށް އޮތީ ރޯދަމަސް ކަމަށްވާއިރު، ގޭސް މަދުން ލިބުމާއި ލަސްވުމުގެ މައްސަލަ ދެމިގެންގޮސްދާނެތީ ގިނަ ބަޔަކު ކަންބޮޑުުވުން ފާޅުކޮށްފައިވެއެވެ. https://sun.mv/217706 އެސްޓީއޯގެ އޮފިޝަލް ވިދާޅުވީ މޯލްޑިވް ގޭސްއިން ވެސް ރޯދަމަހަށް ތައްޔާރުވަމުން އަންނަ ކަމަށާއި އެހާތަނަށް މައްސަަލަ ހައްލުވާނެ ކަމަށެވެ. މީގެ ކުރިން މޯލްޑިވް ގޭހުގެ މުވައްޒަފަކު ނަން ނުޖެހުމަށް ޝަރުތުކޮށް "ސަން"އަށް ދިން މައުލޫމާތުގައިވަނީ އެ ކުންފުންޏަށް މިހާރު ލިބެނީ ވިލާ ކުންފުނިން ގަންނަ ތެޔޮ ކަމަށާއި އެ ކުންފުނީގެ އަމިއްލަ ސްޓޮކް އާ ކުރެވޭނީ މި މަހު 15 ހިސާބުގައި ބޯޓު އައުމުން ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ