ޓޫރިސްޓުން ނިވާކަން ކުޑަކޮށް ބިކިނީގައި އުޅޭތީ ޕެޓިޝަނެއް

އާންމު ތަންތަނުގައި ބިކިނީގައި އުޅުން ފަދަ ނިވާކަން ކުޑަކޮށް ހެދުން އަޅައިގެން އުޅޭނަމަ ފިޔަވަޅު އަޅައިދިނުމަށް އެދި، ރައްޔިތުންގެ މަޖިލީހުގެ އޮންލައިން ޕޯޓަލްއަށް ޕެޓިޝަނެއް ހުށައަޅައިފި އެވެ.ރައްޔިތުންގެ މަޖިލީހުން ތައާރަފު ކުރި އީ-ޕެޓިޝަން ނިޒާމު މެދުވެރިކޮށް މި ޕެޓިޝަނަށް ސޮއި ހޯދުމުގެ މަސައްކަތް ކުރަނީ ޒަމްޒަމް ފާރިޝް އެވެ.ޕެޓިޝަނުގައި ބުނެފައިވަނީ ރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތަކުގެ އާންމު ތަންތަނުގައި ބިކިނީ ފަދަ ނިވައިކަން ކުޑަ ފޭރާމުގައި ބިދޭސީންނާއި ފަތުރުވެރިން އުޅޭ ކަމަށާއި މީގެ ސަބަބުން އިސްލާމީ އަހުލާގާއި ދިވެހި ކާބަފައިންގެ ސަގާފަތާއި އާދަކާދަތައް ނެތިގެންދާ ކަމަށެވެ.މި މައްސަލައަށް ހައްލެއް ހޯދުމުގެ ގޮތުން ޕެޓިޝަނުގައި ތިން ކަމަކަށް ވަނީ އެދިފައެވެ. އޭގެ ތެރޭގައި ހިމެނެނީ މައްސަލަ ހައްލު ކުރުމަށް މިހާރު ހުރި ގަވާއިދުތައް ތަންފީޒު ކުރުން މިހާރަށް ވުރެ ބޮޑަށް ހަރުދަނާ ކުރުމާއި ގަވާއިދާ ޚިލާފުވާ ފަރާތްތަކާ މެދު އަމަލު ކުރާނެ ގޮތުގެ އާ ގާނޫނުތަކެއް އެކަށައެޅުމުގެ އިތުރަށް އާންމު ތަންތަނުގައި ނިވައިކަން ކުޑަ ފޭރާމުގައި އުޅޭ ފަރާތްތަކާ މެދު ގާނޫނީ ގޮތުން ހަރުކަށި ފިޔަވަޅު އެޅޭނެ ނިޒާމެއް ގާއިމު ކުރުމެވެ. ގާތްގަނޑަކަށް 150 މީހުންގެ ސޮއި އާއެކު ހުށަހަޅާފައިވާ އެ ޕެޓިޝަންގައި ސޮއި ކުރުމުގެ ފުރުސަތު އާއްމުންނަށް ވެސް ވަނީ ހުޅުވާލާފަ އެވެ.މިފަދަ މައްސަލަތައް ފެންމަތިވަނީ ލޯކަލް ޓޫރިޒަމް ކުރިއަރަމުން އަންނަ ރަށްރަށުގަ އެވެ. ޓޫރިސްޓުންނަށް ހާއްސަ ސަރަހައްދުތައް ކަނޑައަޅާފައިވާ ނަމަވެސް އާންމު އިޖުތިމާއީ މިންގަނޑާ ހިލާފަށް ޓޫރިސްޓުން އުޅޭ މައްސަލަ ވެސް ފެންމަތިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ