ދިވެހި ސަރުކާރުގެ ވިސްނުމާ ދެކޮޅަށް، ޔޫކޭ އާއި އެމެރިކާ އެއްބަސްވި ފަހުން މޯދީ މޮރިޝަސްއަށް ޔަގީންކަން!
ރާއްޖޭގެ ދެކުނުން އޮންނަ ޗާގޯސް، މޮރިޝަސްއަށް ދިނުމާ ގުޅޭ މައްސަލައިގައި، އިނގިރޭސިވިލާތާއި އެމެރިކާއިން ރާއްޖޭން ވަކާލާތު ކުރި ގޮތާ ދެކޮޅަށް އެއްބަސްވުމަކަށް އައިތާ މާގިނަ ދުވަހެއް ނުވަސީން، އިންޑިއާ ކަނޑުގެ ސަލާމަތާ ގުޅޭ ގޮތުން އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާއި މޮރިޝަސްއިން މަޝްވަރާކުރައްވައިފިއެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒު ގެންދަވަނީ ޗާގޯސް ހައްގުވަނީ ރާއްޖެއަށް ކަމަށް ވިދާޅުވަމުންނެވެ. އަދި، އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް)އިން މޮރިޝަސްއާއި ރާއްޖޭގެ އިން ކަނޑައެޅިއިރު، ރާއްޖެއަށް ގެއްލުނު 200 ނޯޓިކަލް މޭލުގެ ކަނޑުގެ ސަރަހައްދު ރާއްޖޭގެ ސިފައިން ހިމާޔަތް ކުރާނެ ކަމަށް އެ މަނިކުފާނު ވަނީ، މިދިޔަ ބުރާސްފަތި ދުވަހު ރިޔާސީ ބަޔާނުގައި ވިދާޅުވެފައެވެ. އެ ނިންމެވުމާ ގުޅިގެން ދިވެހި ސިފައިން އަންނަނީ، މޮރިޝަސްގެ ސަރަހައްދުގެ ގޮތުގައި އިޓްލޮސްއިން ކަނޑައެޅި ސަރަހައްދުގައި ވެސް ހަރަކާތްތެރިވަމުންނެވެ. https://sun.mv/217616 މީގެ އިތުރުން މިދިޔަ ހަފުތާގެ ތެރޭގައި ރައީސް މުއިއްޒު ވަނީ، އިނގިރޭސިވިލާތާއި އެމެރިކާގެ ނޫސްތަކަށް ދެއްވި ދެ އިންޓަވިއުއެއްގައި ރާއްޖެއަށް ޗާގޯސް ހައްގު ކަމަށް ވިދާޅުވެފައެވެ. އަދި ރާއްޖެއަށް ލިބިއްޖެނަމަ، ޗާގޯސްގައި އެމެރިކާގެ މަރުކަޒު ހިންގުމާ ގުޅޭ އެއްބަސްވުމަކަސް އާދެވޭނެ ކަމަށް ވެސް ރައީސް ވިދާޅުވެފައިވެއެވެ. އިނގިރޭސިވިލާތުން، ޗާގޯސް މޮރިޝަސްއަށް ދޭން އެއްބަސްވުމުން މީގެ ކުރިން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ، އެއީ އެއްވެސް ތާކުންތާކު ނުޖެހޭ އެއްބަސްވުމެއްގެ ގޮތުގައި ސިފަކޮށް ފާޑުވިދާޅުވެފައެވެ. އެއީ، ޗާގޯސްގެ އެންމެ ބޮޑު ރަށް ކަމަށްވާ ޑިއޭގޯ ގާސިއާގައި އެމެރިކާގެ އަސްކަރީ މަރުކަޒެއް ހުރުމުން، ޗާގޯސް މޮރިޝަސްއަށް ދިނުމަކީ ގައުމީ ސަލާމަތަށް ނުރައްކަލެއް ކަމަށް ވިދާޅުވެއެވެ. ނަމަވެސް ބުރާސްފަތި ދުވަހު ޓްރަމްޕް ވަނީ އެ އެއްބަސްވުން ތަންފީޒު ކުރުމަށް ރުހުން ދެއްވައިފައެވެ. ރައީސް މުއިއްޒު، އިންޑިއާގައި: މޯދީ ވަނީ، މޮރިޝަސްގެ ބޮޑުވަޒީރާއެކު، އިންޑިއާ ކަނޑުގެ ސަލާމަތާ ގުޅޭ މަޝްވަރާތަކެއް ކުރައްވައިފައި -- ފޮޓޯ/ އޭޕީ ހަމައެއާއެކު އިނގިރޭސިވިލާތުން ވަނީ ރާއްޖެއަށް ރައްދުދީ، ޗާގޯސްގެ މިލްކުވެރިކަމުގެ މައްސަލައިގައި ހިމެނެނީ އެ ގައުމާއި މޮރިޝަސް އެކަނި ކަމަށް ބުނެފައެވެ. https://sun.mv/217659 އޭގެ ފަހުން، މޯދީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ، މޮރިޝަސްގެ ބޮޑުވަޒީރު ޑރ. ނަވިޗަންދަރަ ރަމްގޫލަމްގެ ފޯންކޯލެއް ކުރެއްވި ކަމަށާއި، އެކަމާ އުފާކުރައްވާ ކަމަށް ވިދާޅުވެފައެވެ. މޯދީ ވިދާޅުވީ މިދިޔަ އަހަރު ދެ ބޭފުޅުން ބައްދަލުކުރެއްވި ފަހުން ދެ ގައުމުގެ ގުޅުން ބަދަހިވެފައިވާ މިންވަރާ ގުޅޭ ގޮތުން އެ ފޯނުކޯލުގައި ވާހަކަދެއްކެވި ކަމަށެވެ. އަދި ދެ ގައުމުގެ ޚާއްސަ، ތާރީޚީ އަދި ރައްޔިތުންގެ ގުޅުންތައް އިތުރަށް ވަރުގަދަ ކުރުމުގައި ސާބިތުވެ ތިބުމަށް ނިންމެވި ކަމަށް މޯދީގެ ޕޯސްޓުގައިވެއެއެވެ. https://x.com/narendramodi/status/2020875631865872435 މޯދީ އިތުރަށް ވިދާޅުވީ، އިންޑިއާ ކަނޑުގެ ސަރަހައްދުގެ ސުލްހައާއި ހަމަޖެހުމަށް ޓަކައި، އިންޑިއާއާއި މޮރިޝަސްއިން ގުޅިގެން މަސައްކަތް ކުރަމުން ދާނެ ކަމަށެވެ. މި ސަރަހައްދުގެ ކަނޑުގެ ރައްކާތެރިކަމާ ގުޅޭ ގޮތުން މޯދީ ވާހަކަދެއްކެވިއިރު، ރާއްޖޭގެ ސަރަހައްދެއް ނޫން ކަމަށް އިޓްލޮސްއިން ކަނޑައަޅައިފައިވާ ސަރަހައްދުގައި ދިވެހި ސިފައިން ހަރަކާތްތެރިވާތީ ބައެއް ފާޑުކިޔުންތައް އަމާޒުވެފައިވެއެވެ. https://sun.mv/217734 ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވަނީ، ރާއްޖެއަށް ގެއްލުނު ކަމަށް ބުނާ ކަނޑުގެ ސަރަހައްދު ހޯދުމަށް އެމްއެންޑީއެފުން އުޅަނދު ފޮނުވައިގެން އަވައްޓެރި ގައުމުތަކާ ޖެހިގަތުމަކީ ނުރައްކާތެރިކަމެއް ކަމަށާއި، އެކަމުގެ ސަބަބުން ރައްޔިތުން ބުރަ އުފުލަންޖެހޭނެ ކަމަށް ވިދާޅުވެފައެވެ. އެ މަނިކުފާނު ވަނީ، ދިވެހި ސިފައިންގެ އުޅަނދު ފޮނުވައިގެން ރާއްޖޭން "ހަނގުރާމަކުރަން" އުޅެނީ ކޮން ބަޔަކާތޯ ސުވާލު އުފައްދަވައި، ކަނޑު ހޯދަން އިޚުލާސްތެރިކަން އޮތް ނަމަ އަމަލުކުރަންވީ ގޮތަކީ އިޓްލޮސްއަށް ދިޔުން ކަމަށް ވިދާޅުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ