ތަރިޖެހިގެ ހިމާޔަތްކުރަން ކުޅުދުއްފުށި ކައުންސިލުން ނިންމައިފި

އެތައް އަހަރެއްވީ، އާސާރީ ތަކެތި ފެންނަ ހުރި ހދ. ކުޅުދުއްފުށި ތަރިޖެހިގެ ހިމާޔަތްކުރަން ކުޅުދުއްފުށީ ސިޓީ ކައުންސިލުން މިއަދު ނިންމައިފި އެވެ.މޭޔަރު މުހައްމަދު އާތިފް ފޭސްބުކްގައި އިއްޔެ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ތަރިޖެހިގެ ހިމާޔަތްކުރުމަށް ސިޓީ ކައުންސިލުން ނިންމި މައިގަނޑު ސަބަބަކީ ދިވެހިންގެ ސަގާފަތާއި ތަރިކަ ކުރިއަށް އޮތް ޖީލުތަކަށް ރައްކާތެރިކަމާ އެކު ފޯރުކޮށްދިނުން ކަމަށެވެ. "މިއަދާ ހިސާބަށް އަޅުގަނޑުމެންނަށް އާދެވުނުއިރު، ރަށުގެ މުހިންމު ތާރީހީ ބިނާތަކެއް ނެތިގެން ގޮސްފި، އުލާ ގަބުރުސްތާނުގައި ހުރި ރީތި ހިރިގަލާއި ލަކުޑީގެ މިސްކިތާއި، މަގާންމަގުގައި ހުރި މާގާންފުޅު ފަދަ ތަންތަން މިއަދުގެ ޖީލަށް ފެންނާކަށް ނެތް،" އާތިފް ވިދާޅުވި އެވެ. ތަރިޖެހިގެއަކީ މިހާރު ވެސް ކުޅުދުއްފުއްޓަށް ޒިޔާރަތްކުރާ ފަތުރުވެރިންނާއި ދިވެހީންގެ މެދުގައި ވަރަށް މަގުބޫލު މަންޒިލެކެވެ. ގިނަ ބަޔަކު އެ ގެ ބަލާލުމަށާއި، އަލިބެއާ ބައްދަލުކޮށް ފޮޓޯ ނެގުމަށް އެތަނަށް ޒިޔާރަތްކުރެއެވެ. ކައުންސިލުން އެ ގެ ހިމާޔަތްކުރުމަށް ނިންމި އެންމެ ބޮޑު އެއް ސަބަބަކީ ވެސް، މިއީ ރަށުގެ ފަތުރުވެރިކަމަށް ލިބޭނެ ކުރިއެރުމަކަށް ވާތީ އެވެ.ތަރިޖެހިގޭގެ އިތުރުން، ނަޖުމު، ސްޓާ، ކޮމެޓް، ފާޅު، ގާހަކަ، ގުލްތަރުޖަމާގެ، އިޝާ އަދި މަލްވިލާގެ ފަދަ ގޯތިތައް ވެސް އެހެން ސަރަހައްދުތަކަށް ބަދަލުކުރުމަށް ކައުންސިލުން ބޭއްވި ބައްދަލުވުމެއްގައި ވަނީ ނިންމާފަ އެވެ. މިއީ ރަށުގެ ބިމުގެ ޖާގަ އިތުރުކޮށް، ތަރިކަ ރައްކާތެރިކުރުމުގެ ބޮޑު މަޝްރޫއެއްގެ ދަށުން ކުރިއަށް ގެންދާ މަސައްކަތްތަކެކެވެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ