ނިމިގެން މިދިޔަ 2025 ވަނަ އަހަރު ރާއްޖެ އައިސްފައިވަނީ 2.2 މިލިއަން ފަތުރުވެރިންކަން ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.
ވީ ކިހިނެއް؟ - މިދިޔަ އަހަރު ރާއްޖެއަށް ޓޫރިސްޓުން ގެންނަން ސަރުކާރުން ކަނޑައަޅާފައިވާ ޓާގެޓަކީ 2.3 މިލިއަން ޓޫރިސްޓުންނެވެ.
ޓޫރިޒަމް މިނިސްޓްރީން މިއަދު އާންމު ކުރި މިދިޔަ ތިން އަހަރުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން، ޖުމްލަ ގޮތެއްގައި ކުރިއެރުންތަކެއް ނަންބަރުތަކަށް ލިބުނު ނަމަވެސް، ޓޫރިސްޓުން ރާއްޖެ ގެންނަން ސަރުކާރުން ކަނޑައެޅި 2.3 މިލިއަންގެ ލަނޑުދަނޑި ހާސިލްވެފައެއް ނުވެ އެވެ.
ތަފްސީލު - ތަފާސްހިސާބުތައް ދައްކާ ގޮތުން، 2024 ވަނަ އަހަރާ އަޅާބަލާއިރު މިދިޔަ އަހަރު ރާއްޖެ އައި ޖުމްލަ ޓޫރިސްޓުންގެ އަދަދު ވަނީ %9.8ގެ ކުރިއެރުމެއް ހޯދާފަ އެވެ. އަދި އެވްރެޖްކޮށް މިދިޔަ އަހަރު ދުވާލަކަށް 6،155 ފަތުރުވެރިން ރާއްޖެ އައިސްފައިވެ އެވެ.
މިދިޔަ ތިން އަހަރު އައި ފަތުރުވެރިންގެ އަދަދަކީ:
2025: 2.25 މިލިއަން
2024: 2.05 މިލިއަން
2023: 1.88 މިލިއަން
ސަރުކާރުން މިދިޔަ އަހަރަށް ކަނޑައެޅި ޓާގެޓް ހާސިލުވުމަށް މަދުވަނީ 153،000އެއްހާ ފަތުރުވެރިންނެވެ.
މިދިޔަ އަހަރު އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން އައިސްފައިވަނީ އާ އަހަރު ޗުއްޓީއާ ދިމާކޮށް މިިދިޔަ މަހު އެވެ. އެގޮތުން:
މިދިޔަ ޑިސެމްބަރުގައި 224،455 ފަތުރުވެރިން ރާއްޖެ އައިސްފައިވޭ؛ އެއީ ޑިސެމްބަރު 2024ގައި ރާއްޖެ އައި 208،980 ފަތުވެރިންނާ އަޅާބާލާއިރު %7.4ގެ ކުރިއެރުމެއް
މިދިޔަ އަހަރު އައި 2.2 މިލިއަން ފަތުރުވެރިިންގެ ތެރެއިން 1.6 މިލިއަން (%73) ފަތުވެރިން ދިޔައީ ރިސޯޓުތަކަށް؛ ގެސްޓުހައުސްތަކަށް 500،000އެއްހާ (%22) ފަތުވެރިން އަދި ހޮޓާތަކަށް 58،000އަށް ވުރެ ގިނަ ފަތުރުވެރިން ގޮސްފައިވޭ
މިދިޔަ އަހަރު ފަތުރުވެރިން އެންމެ ގިނަ އަދަދަކަށް އައި ހަ ގައުމު:
ޗައިނާ: 329،428
ރަޝިއާ: 287،760
އިނގިރޭސިވިލާތް: 202،171
ޖަރުމަނު: 167،822
އިޓަލީ: 153،258
އިންޑިއާ: 131،625
މި ހަ ގައުމަކީ 2024 ވަނަ އަހަރު ވެސް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން އައި ގައުމުތަކެވެ. އެ ލިސްޓުގެ ތަރުތީބަށް އެއްވެސް ބަދަލެއް ނާދެ އެވެ.
2025ގައި ރާއްޖެ އައީ 2.2 މިލިއަން ފަތުރުވެރިން؛ ޓާގެޓް ހާސިލެއް ނުވޭ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ