އެސްޕަންޔޯލް އަތުން ބާސެލޯނާ އަށް ފަހު ވަގުތު މޮޅެއް އެސްޕަންޔޯލް އަތުން ބާސެލޯނާ އަށް ފަހު ވަގުތު މޮޅެއް

ބާސެލޯނާ (ޖެނުއަރީ 4) - ސްޕެނިޝް ލީގުގައި ރޭ އެސްޕަންޔޯލް އަތުން ބާސެލޯނާ އިން ފަހު ވަގުތު ޖެހި ގޯލުތަކާ އެކު 2-0 އިން މޮޅުވެއްޖެ އެވެ.
މި މޮޅާ އެކު، ބާސެލޯނާ ލީގުގެ އެއް ވަނައިގައި އޮތީ 19 މެޗުން 49 ޕޮއިންޓް ހޯދައިގެންނެވެ. ދެ ވަނައިގައި އޮތް ރެއާލް މެޑްރިޑަށް 18 މެޗުން 42 ޕޮއިންޓް އަދި، ތިން ވަނައިގައި އޮތް ވިޔަރެއާލަށް 17 މެޗުން 38 ޕޮއިންޓް ލިބިފައިވެ އެވެ.
ރޭގެ މެޗުގައި ބާސެލޯނާ މޮޅުކޮށްދިނުމުގައި އެންމެ މުހިންމު ރޯލެއް އަދާކޮށްފައިވަނީ، އެސްޕަންޔޯލް ދޫކޮށް ބާސެލޯނާއާ ގުޅުނު 24 އަހަރުގެ ގޯލްކީޕަރު، ޖޮއާން ގާސިއާ އެވެ. ކަޓަލޫނިއާ ސަރަހައްދުގައި ވާދަވެރި ދެ ކްލަބްގެ މެދުގައި ހިނގި މި ޓްރާންސްފާއާ އެކު، ގާސިއާ އަށް އެސްޕަންޔޯލް ސަޕޯޓަރުންގެ ނުރުހުން ވަރަށް ބޮޑަށް އަމާޒުވި އެވެ. ގާސިއާ، ބާސެލޯނާ އަށް ބަދަލުވީ އެސްޕަންޔޯލަށް ނުވަ އަހަރު ކުޅެދީފަ އެވެ.
މި މެޗުގައި ބާސެލޯނާ އަށް ނަތީޖާ ނެރެދިނީ ބަދަލަކަށް ދެ ވަނަ ހާފުގައި ކުޅެން ނުކުތް ތިން ކުޅުންތެރިން ކަމަށްވާ ފާމިން ލޮޕޭޒް، ޑެނީ އޮލްމޯ އަދި ރޮބަޓް ލެވަންޑޯސްކީ އެވެ. އެ ގޮތުން، ބާސެލޯނާ އިން ލީޑުނެގީ 86 ވަނަ މިނިޓްގައި އޮލްމޯ ޖެހި ގޯލުންނެވެ. އަދި، ދެ ވަނަ ލަނޑު ޖެހީ އިތުރު ވަގުތުގައި ލެވަންޑޯސްކީ އެވެ. މި ދެ ލަނޑު ޖަހަން ވެސް ފުރުސަތު ހޯދައިދިނީ ފާމިން ލޮޕޭޒް އެެވެ.
ލީގުގެ ދެ ވަނައިގައި އޮތް ރެއާލް މެޑްރިޑުން މިރޭ ކުޅޭ މެޗުގައި އަމިއްލަ ދަނޑުގައި ބައްދަލުކުރާނީ ރެއާލް ބެޓިސްއާ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ