ވިޒިޓް މޯލްޑިވްސް އިން ފަތުރުވެރިކަމަށް ޚާއްސަ ވެބިނާއެއް ބާވަނީ

ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަންއާއި ޕެސިފިކް އޭޝިއާ ޓްރެވަލް އެސޯސިއޭޝަން (ޕާޓާ) ގުޅިގެން "ދި ކޮންފްލިކްޓް ޕްލޭބުކް ފޮރ ޓްރެވެލް - އެޑެޕްޓް، ޕިވެޓް ލެޑް މޯލްޑިވްސް އެޑިޝަން" ގެ ނަމުގައި ވެބިނާއެއް ބާއްވަން ނިންމައިފިއެވެ.
މިއީ ދުނިޔޭގެ ފަތުރުވެރިކަމަށް މިހާރު ކުރިމަތިވަމުންދާ ބޮޑެތި ގޮންޖެހުންތަކަށް ހައްލު ހޯދުމަށް އަމާޒުކޮށްގެން ބާއްވަން ނިންމި ވެބިނާއެކެވެ.
މެދުއިރުމަތީގެ ވައިގެ ސަރަހައްދުތައް ބަންދުކުރުމުގެ ސަބަބުން ދަތުރުގެ މަގުތައް ބަދަލުކޮށް، ދަތުރުގެ ވަގުތު އިތުރުވެފައިވާއިރު، މަތިންދާބޯޓަށް އަޅާ ތެލުގެ އަގު ވަނީ 50 އިންސައްތައާއި 60 އިންސައްތައާ ދެމެދުގެ މިންވަރަކަށް އުފުލިފައެވެ. ވޯލްޑް ޓްރެވަލް އެންޑް ޓޫރިޒަމް ކައުންސިލް (ޑަބްލިޔު.ޓީ.ޓީ.ސީ) އިން އަންދާޒާކުރާ ގޮތުގައި، ފަތުރުވެރިން ކުރާ ހޭދައިން ދުވާލަކު ގާތްގަނޑަކަށް 600 މިލިއަން އެމެރިކާ ޑޮލަރުގެ ގެއްލުން ދުނިޔޭގެ އިގްތިސާދަށް ލިބެމުންދެއެވެ. މީގެ އަސަރު އެއްމެ ބޮޑަށް ކުރާނީ ދިވެހިރާއްޖެ ފަދަ ނާޒުކު އިގްތިސާދެއްގެ މައްޗަށް ބިނާވެފައިވާ ގައުމުތަކަށެވެ.
ވިޒިޓް މޯލްޑިވްސް އިން ބާއްވަން ނިންމާފައިވާ ވެބިނާގެ މައިގަނޑު މަގުސަދަކީ، މިފަދަ ނުތަނަވަސް ދަނޑިވަޅެއްގައި ރާއްޖޭގެ މާކެޓު ވަރުގަދަކޮށް ހިފެހެއްޓުމަށް ބޭނުންވާނެ އަމަލީ އަދި ތަފާސްހިސާބުތަކުގެ މައްޗަށް ބިނާވެފައިވާ އޮނިގަނޑެއް ސިނާއަތުގެ ބައިވެރިންނަށް ފޯރުކޮށްދިނުމެވެ. ވެބިނާ ނިންމާލުމުގެ ކުރިން، ބައިވެރިންނަށް މާހިރުންނާ ސުވާލުކުރުމުގެ ފުރުސަތު ހުޅުވާލެވޭނެކަމަށް ވިޒިޓް މޯލްޑިވްސްއިން ބުނެއެވެ. މި ސެޝަން މޮޑަރޭޓް ކުރައްވާނީ ޕާޓާގެ ޑައިރެކްޓަރ އޮފް މާކެޓިންގ އެންޑް ކޮމިއުނިކޭޝަންސް ޕޯލް ޕްރުއަންގްކާން އެވެ.
ވިޒިޓް މޯލްޑިވްސް އިން ވަނީ ސިނާއަތުގެ ހުރިހާ ބައިވެރިންނަށާއި ކަމާގުޅުންހުރި ފަރާތްތަކަށް މި ސެޝަންގައި ރަޖިސްޓްރީވުމަށް ވަނީ ފުރުސަތު ހުޅުވާލާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ