ޒިނޭކުރުން ފެތުރި ބޮޑެތި މީހުންގެ އިތުރުން ދަރިންގެ މެދުގައިވެސް ދަނީ ޢާންމުވަމުންނެވެ. ބެލެނިވެރިންވެސް ދަނީ ރުހެމުންނެވެ. އެހެން ބުނަން މިޖެހެނީ ދަރިފުޅު ލޯބިވެރިޔާ އާއިއެކު ކޮޓަރިތަޅުލައިގެން ކިތަންމެ ގިނައިރަކު އުޅުނަސް ކަންބޮޑުނުވާ މައިންބަފައިން ގިނަވާތީއެވެ.
ބޮޑެތި މީހުންގެ ޢަމަލުތައް ހުންނަގޮތުން ކުޑަކުދިންނަށް އެކަމުގެ އަސަރު އެންމެ ބޮޑަށް ކުރާ އެއްކަމަކީ ފާޙިޝް ޢަމަލުތައް ކުރަން ޝައުޤުވެރިވުމެވެ. އެފަދަ ކަންކަން އެނގުމާއި ލޮލަށް ފެނުން ނުވަތަ އަޑުއިވުން މިދަނީ އިތުރުވަމުންނެވެ. ކުޑަކުދިންވެސް އެކަންކަމަށް ޝައުޤުވެރިވުން މިދަނީ އިތުރުވަމުންނެވެ.
އުމުރުން 14 ވަރަކަށް އަހަރުގެ ކުދިން އެބަ ބުނެއެވެ. "ޝައިޚް އެވެ. އަހަރެން ކައިވެނިކުރަން ބޭނުމެވެ. ނޫން ނަމަ ޒިނޭކުރެވިދާނެއެވެ." ދެ ޖިންސުގެ ކުދިންވެސް މިފަދަ ސުވާލުތައް އެބަ ކުރެއެވެ.
ފުރަތަމަ ވާހަކަ މިދައްކަނީ އަންހެންކުދިންނަށެވެ. ވިސްނައިލާށެވެ! ބާލިޣްވެފައިވާނަމަ ކައިވެނިކުރުމަކުން ދީނީ ގޮތުން ބަލައިފިނަމަ އެއްވެސް މައްސަލައެއް ނެތެވެ. ނަމަވެސް ސުވާލަކީ މިއަދުގެ ޙާލަތެވެ. ތިބާ އެހައިބޮޑަށް ލޯބިވެގެން ކައިވެނިކުރާ މީހާ ތިބާ ދޫކޮށްނުލާނެކަމުގެ އޮތީ ކޮން ގަރަންޓީއެއް ހެއްޔެވެ؟ އެއިރުން ހަމައެކަނި އެކަނިވެރިކަމުގައި ދިރިއުޅެން ޖެހެނީއެއް ނޫނެވެ. އެކަނިވެރިކަމާއިއެކު ދިރިއުޅެންޖެހެނީ ލިބިފައިވާ ދަރިންވެސް ގޮވައިގެންނެވެ. ގިނަ ފަހަރަށް ޚަރަދުކުރަންޖެހެނީ އަމިއްލައަށެވެ. ނުލިބޭނަމަ ދިރިއުޅެން ޖެހެނީ ނުހަނު ނިކަމެތި ޙާލުގައެވެ. ވީމާ ތިމާއަކީ ކިޔަވައިގެން ހުރި މަސައްކަތެއްކޮށްގެން އާމްދަނީ ހޯދޭނެ ފެންވަރުގެ މީހަކަށްވާން އެބަޖެހެއެވެ.
ދެން ވާހަކަ މިދައްކަނީ ފިރިހެންކުދިންނަށެވެ! ތިމާގެ އަނބިދަރިންގެ އިތުރުން މއިންބަފައިން ބަލަހައްޓަން އެބަޖެހެއެވެ. ނުކިޔަވައި ފައިސާ ހޯދާނީ ކިހިނަކުން ހެއްޔެވެ؟ ވީމާ ހަމަ ކުރިން ބުނިފަދައިން ތިމާއަކީ ކިޔަވައިގެން ހުރި މަސައްކަތެއްކޮށްގެން އާމްދަނީ ހޯދޭނެ ފެންވަރުގެ މީހަކަށްވާން އެބަޖެހެއެވެ.
ދެން އޮތީ ޒުވާންކަމުގެ ޖަޒުބާތެވެ. ލޯބިވާވަވަރުން މަޑުން ނުތިބެވިގެން ޒިނޭކުރުމެވެ. އެއީ ހަމަ އެންމެ 10 ވަރަކަށް މިނިޓުގެ އުފަލެކެވެ. ޒިނޭ ކޮށްފިނަމަ ގެއްލިގެން އެދަނީ ޢިއްފަތްތެރިކަން ސަލާމަތްކުރުން ލިބެން އޮތް ޢަރުޝީގެ ހިޔާވަހިކަމެވެ. އަދި ކީއްހެއްޔެވެ؟ "ތިބާގެ ދުލާއި ޖިންސީ ގުނަވަން ރައްކައުތެރިކޮށްފިނަމަ އެމީހަކަށް ސުވަރުގެ ހޯއްދަވައި ދެއްވަވަން ތިމަން ރަސޫލާ ޖާމިނުވެވަޑައިގަންނަވާނެ" ކަމަށް އޮތް ޙަދީޘްފުޅުން ލިބެން އޮތް މަތިވެރި ފުރުޞަތެވެ.
ވީމާ ޒިނޭކުރުމަށް ޝައިޠޯނާ ތިއަކުދިންނަށް ވަސްވާސްދޭވަގުތު މިބުނި ދެ ކަންތައް ހިތްމައްޗަށް ގެންނާށެވެ! އެއީ ޢަރުޝީގެ ހިޔާވަހިކަން ލިބުމަށް އޮތް ފުރުޞަތު ގެއްލޭނެކަމާއި ޙަދީޘްފުޅުގައިވާފަދައިން ސުވަރުގެ ލިބުމަށް އޮތް ފުރުޞަތު ގެއްލިގެންދާ ކަމެވެ. މިދެކަންތައް ހިތްމައްޗަށް ގެނެސްފި މީހަކަށް ޒިނޭ ނުކޮށް ކެތްތެރިވުމުގެ ހިތްވަރު ﷲ ތަޢާލާ ދެއްވަވާނެތެވެ! އިން ޝާ ﷲ
އަދިވެސް ކޮންމެހެން އިތުރަށް ކުރަންޖެހޭނެ ކަމެއް ފާހަގަކޮށްލާނަމެވެ. އެއީ ބެލުންތައް ތިރިކުރުމެވެ. ބެލުންތައް ތިރިކުރަންވީ ހަމައެކަނި މަގުމައްޗަކު ނޫނެވެ. ތިބާ ގެންގުޅޭ ފޯނާއި އެހެންވެސް ޑީވައިސްތަކުންވެސް ފާހިޝް އަމަލުކުރަން ހިތްވަރުލިބޭ މަންޒަރުތަކާއި ފޮޓޯތައް ނުބަލާށެވެ. އެކަމުން ސަލާމަތްވާން އެންމެ ފަސޭހަ އެއް ގޮތަކީ މިކުރެވެނީ ބޮޑު ފާފައެއްކަމާއި މިހެއްލެވެނީ ޝައިޠޯނާއަށްކަން ހިތްމައްޗަށް ގެނައުމެވެ.
- މުފްތީ މެންކުގެ ދަރުސަކުން
ބޮޑެތި މީހުންގެ އިތުރަށް ދަރިންވެސް ޒިނޭކުރުމަށް ޝައުޤުވެރިވުން އިތުރުވަމުންދާ މައްސަލަ ޙައްލުކުރަން އެންމެންވެސް ސަމާލުކަންދޭންޖެހިފައިވާ ކަންކަން-
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ