ހުޅުމާލޭ ފޭސް ދޭއްގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އަޅާ އަގުހެޔޮ 1،224 ފްލެޓްގެ އަމަލީ މަސައްކަތް ފެށުމަށް ބިންގާ އެޅުމުގެ ހަފުލާ މިރޭ ބާއްވައިފި އެވެ.
ވީކިހިނެއް؟ - މާލެ ސަރަހައްދުގައި ޖުމުލަ 3،200 ފްލެޓް ބީއެމްއެލުން އަޅާއިރު މިރޭ ބިންގާ އެޅީ، ޗައިނާ މެޝިނަރީ އިިންޖީނިއަރިން ކޯޕަރޭޝަން (ސީއެމްއީސީ) އާ ހަވާލުކުރި 1،224 އެފޯޑަބަލް ހައުސިން ޔުނިޓްގެ މަޝްރޫއެވެ.
މިއީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)އިން އެކުލަވައިލާފައިވާ އިންކްލޫސިވް ނޭޝަނަލް އެފޯޑަބަލް ހައުސިންް ސްކީމް (އައިއެންއޭއެޗް) ދަށުން ކަނޑައަޅާފައިވާ މަގުސަދު ހާސިލްކުރުމަށް ހިންގާ މަޝްރޫއެކެވެ.
ތަފްސީލް - މިރޭ ބޭއްވި އެ ހަފްލާގައި ބީއެމްއެލްގެ ސީއީއޯ މުހައްމަދު ޝަރީފް ވިދާޅުވީ ބީއެމްއެލާ ހަވާލުކޮށްފައިވާ އެ މަސައްކަތް ދެކެނީ އެމްއެމްއޭގެ އުސޫލަކަށް އަމަލުކުރުން އެކަނި ނޫން ކަމަށެވެ. އެއަށް ވުރެ ބޮޑަށް ގައުމީ ޒިންމާއެއް ގޮތުގައި ކަމަށް ޝަރީފް ވިދާޅުވި އެވެ.
ހެޔޮ އަގުގައި ފެންވަރު ރަނގަޅު ބޯހިޔާވަހިކަމެއް ފޯރުކޮށްދިނުމަށް ހިންގާ އެ މަޝްރޫއު ހަވާލުކޮށްފައިވާ ސީއެމްއީސީއަކީ އެފަދަ މަޝްރޫއުތަކުގެ ތަޖުރިބާ ހުރި ކުންފުންޏެއް ކަމަށާއި އެ ކުންފުނީގެ ފެންވަރާ މެދު ޝައްކު ކުރަން ޖެހޭ ޖާގައެއް ނެތް ކަމަށެވެ.
"މިއަދު ބިންގާ އެޅިގެންދާ މި މަސައްކަތަކީ ވެސް ފާހަގަކޮށްލެވޭ ކާމިޔާބީއެއް. އެ ކުންފުނީގެ ތަޖުރިބާއާއި ގާބިލްކަން އަދި ދުނިޔޭގެ ފެންވަރުގައި ހޯދާފައިވާ ޓްރެކް ރެކޯޑު އަހަރުމެން ވަރަށް ބޮޑަށް ބަލައިގަންނަން،" ޝަރީފް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މި މަޝްރޫއު 2028 ވަނަ އަހަރުގެ މެދު ތެރޭގައި ނިންމުމަށް ހަވާލުކޮށްފައިވާ ކަމަށާއި އެ މުއްދަތަށް މަސައްކަތް ނިންމާނެ ކަމުގެ ޔަގީންކަން އެބަ އޮތް ކަމަށެވެ. އަދި އެ މަސައްކަތް ނިމޭއިރު އެ އިމާރާތުގެ ފެންވަރު ވެސް ރަނގަޅުވާނެ ކަމަށް ވިދާޅުވި އެވެ.
މި ސްކީމްގެ ދަށުން މިހާ އަވަސް ސްޕީޑެއްގައި މަޝްރޫއުތައް ފެށިގެން މި ދަނީ ރައީސް މުހައްމަދު މުއިއްޒުގެ ވަރުގަދަ ލީޑާޝިޕްގެ ސަބަބުން ކަންކަން ކުރުމަށް ވާ ފަސޭހައަކުން ކަމަށް ވެސް ޝަރީފް ވިދާޅުވި އެވެ.
ބީއެމްއެލުން އަޅާ އަގުހެޔޮ 1224 ފްލެޓްގެ އަމަލީ މަސައްކަތް ފަށައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ