"ދިވެހިންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2026" ގައި މިދިޔަ އަހަރަށްވުރެ ގިނަ މީހުން ބައިވެރިވެފައިވާކަމަށް ބިޒްނަސް ސެންޓަރ ކޯޕަރޭޝަން، ބީސީސީއިން ބުނެފިއެވެ. މައުރަޒުގައި ތަކެތި ބައިވެރިކުރުމުގެ ފުރުޞަތު 31 އޮގަސްޓުގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ.
މިއަހަރުގެ މައުރަޒުގައި 16 ދާއިރާއަކުން 73 ގިންތިއަކުން ތަކެތި ބައިވެރިކުރެވޭނެއެވެ. މިއަހަރުގެ މައުރަޒުގައި އުމުރުން 13 އަހަރު ފުރިފައިވާ ކޮންމެ ދިވެހި ރައްޔިތަކަށް ބައިވެރިވެވޭނެއެވެ. އަދި ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ %100 ދިވެހި ހިއްސާ އޮންނަ ކުންފުނިތަކާއި، ސަރުކާރުގެ ކުންފުނިތަކުގެ އިތުރުން، ތައުލީމުދޭ މަރުކަޒުތަކާއި، ރަށް ނުވަތަ ސިޓީ ކައުންސިލްތައް އަދި ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ބައިވެރިވެވޭނެއެވެ.
ބީސީސީއިން ބުނީ މިއަހަރުގެ މައުރަޒުގައި މިހާތަނަށް އައިއިރު މިދިޔަ އަހަރަށްވުރެ ގިނަ މީހުން ބައިވެރިވެފައިވާކަމަށެވެ. މިދިޔަ އަހަރުގެ މައުރަޒުގައި ބައިވެރިވެފައިވަނީ 240 މީހުންނެވެ. ނަމަވެސް މިއަހަރުގެ މައުރަޒުގައި މިހާތަނަށް 279 މީހުން ބައިވެރިވެފައިވާކަމަށް ބީސީސީއިން ވަނީ ބުނެފައެވެ.
31 އޮގަސްޓުގެ ކުރިން ބައިވެރިވުމަށް އެޕްލައިކުރެވޭއިރު، 30 ސެޕްޓެންބަރު ގެ ކުރިން އުފެއްދުމާއި ބެހޭ ތަފްސީލް ހިމެނުމަށް ފުރުސަތު ލިބޭނެކަމަށް ބީސީސީއިން ވަނީ ވިދާޅުވިއެވެ. މިއަހަރުގެ މައުރަޒު ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ އޮކްޓޫބަރު މަހުގެ 23 އިން 31 އަށެވެ.
މިއަހަރުގެ އުފެއްދުންތެރިކަމުގެ މައުރަޒުގައި ދީނީ ކޮންޓެންޓަށް ޚާއްޞަ ކެޓަގަރީއެއް ފުރަތަމަ ފަހަރަށް ވަނީ ތަޢާރަފްކޮށްފައެވެ. މިއީ އިސްލާމީ ތަޢުލީމާއި ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް މަސައްކަތްކުރާ ފަރާތްތަކާއި، އުފެއްދުންތެރިންނަށް އެ ފަރާތްތަކުގެ މަސައްކަތްތައް ޤައުމީ ފެންވަރެއްގައި ދައްކާލުމަށް ހުޅުވާލެވުނު މުހިންމު ފުރުޞަތެއްގެ ގޮތުގައި ބީސީސީއިން ދެކެއެވެ.
ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒަކީ، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި އަތްތެރި މަސައްކަތްތެރިންނާއި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކާއި، ޑިޖިޓަލް އުފެއްދުންތެރިންގެ އިތުރުން އައު އީޖާދުތައް ކުރާ ފަރާތްތަކަށް އެ ފަރާތްތަކުގެ މަސައްކަތްތައް ދައްކާލުމަށް ބާއްވާ މައުރަޒެކެވެ.
އުފެއްދުންތެރިކަމުގެ މައުރަޒު: މިދިޔަ އަހަރަށްވުރެ ބޮޑު ތަރުޙީބެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ