"ބްރެއިން ފްރީޒް": މައިގްރޭންއާ ގުޅުމެއް ވާކަން ހާމަވެއްޖެ
ފިނި އެއްޗެހި ކެއުމުން ނުވަތަ ބުއިމުން ކުއްލިއަކަށް ބޮލަށް އަރާ ތަދަކީ އާންމުކޮށް ގިނަ ބަޔަކަށް ދިމާވާ ކަމެކެވެ. ނަމަވެސް، "ބްރެއިން ފްރީޒް" ނުވަތަ "އައިސްކްރީމް ހެޑޭކް" ގެ ނަމުން އާންމުކޮށް ކިޔާ މި ތަދަކީ މައިގްރޭން ފަދަ ބޮލުގައި ރިއްސާ ބަލިތަކާ ގުޅިފައިވާ ކަމެއްކަން ސައިންސްވެރިން ފާހަގަކޮށްފިއެވެ. އެމެރިކާގެ މޭޔޯ ކްލިނިކްގެ ނިއުރޮލޮޖިސްޓް އަމާލް ސްޓާލިން ވިދާޅުވި ގޮތުގައި، ސައިންސުގެ ބަހުން މި ކަމަށް ކިޔަނީ "ކޯލްޑް-ސްޓިމިއުލަސް ހެޑޭކް" އެވެ. މިއީ އަނގައިގެ މަތީބައި ނުވަތަ ކަރުތެރެ ކުއްލިއަކަށް ފިނިވުމުގެ ސަބަބުން ލޭހޮޅިތައް ހިމަވެ، އަދި އަލުން ލޭ ދައުރުކުރުމަށްޓަކައި ލޭހޮޅިތައް ފުޅާވުމުން ދިމާވާ ކަމެކެވެ. މިކަމުގެ ސަބަބުން މޫނާއި ނިތްކުރީގެ ތަދު އިހުސާސްކޮށްދޭ "ޓްރައިޖެމިނަލް ނާވް" އަށް އަސަރުކުރެއެވެ. އިޓަލީގެ ޔުނިވާސިޓީ އޮފް ޕަޑުއާގެ ޕްރޮފެސަރު އައިރީން ޓޮލްޑޯ އިސްކޮށް ހުންނަވައިގެން ކުރެއްވި ދިރާސާތަކުން ދައްކާ ގޮތުގައި، މި ތަދަކީ އާއިލީ ގޮތުން ވާރުތަވާ ކަމެކެވެ. އަދި މައިގްރޭން ހުންނަ މީހުންނަށް މި ތަދު އިހުސާސްކުރެވޭ މިންވަރު މާ ބޮޑުކަމަށް އޭނާ ފާހަގަކުރެއްވިއެވެ. އެގޮތުން 1970 ގެ އަހަރުތަކުގައި ކުރި ދިރާސާއަކުން ދެއްކި ގޮތުގައި މައިގްރޭން ހުންނަ މީހުންގެ ތެރެއިން 93 އިންސައްތަ މީހުންނަށް ފިނި އެއްޗެހި ކެއުމުން ބޮލަށް ތަދުވެއެވެ. ސްޓާލިން ވިދާޅުވި ގޮތުގައި، ކޮންމެ ހަ އަންހެނަކުން އެކަކީ އަދި ކޮންމެ ދިހަ ފިރިހެނަކުން އެކަކީ މައިގްރޭންގެ މައްސަލަ ހުންނަ މީހެކެވެ. އަދި ކުޑަކުދިންގެ ތެރެއިން ކޮންމެ އެގާރަ ކުއްޖަކުން އެކަކަށް މި މައްސަލަ ދިމާވާއިރު، މީގެ ތެރެއިން 50 އިންސައްތަ މީހުން ޑޮކްޓަރަށް ނުދާކަން އޭނާ ފާހަގަކުރެއްވިއެވެ. މި ތަދުން ސަލާމަތްވުމަށްޓަކައި ފިނި ކާބޯތަކެތި ލަސްލަހުން ބުއިމާއި ކެއުމާއި، ބޮލަށް ތަދުވެއްޖެނަމަ ހޫނު ބުއިމެއް ބޭނުންކުރުމަށް ތަޖުރިބާކާރުން ލަފާދެއްވައެވެ. މިއީ ސިއްހީ ގޮތުން އިތުރަށް ސަމާލުކަން ދޭންޖެހޭ ކަމެއްކަން މި ހޯދުންތަކުން ސާބިތުވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ