އެމެރިކާއިން ލަންކާއަށް ހަދިޔާކުރި 10 ހެލިކޮޕްޓަރު އެ ގައުމަށް ގެންގޮސްފި

އެމެރިކާ ސަރުކާރުން ސްރީލަންކާގެ އެއާފޯސް (އެސް.އެލް.އޭ.އެފް) އަށް ހަދިޔާކުރި 'ސީ ރޭންޖާ' މޮޑެލްގެ 10 ޓީ.އެޗް-57 މަލްޓި-ރޯލް ހެލިކޮޕްޓަރުތައް ކަނޑުމަގުން އެ ގައުމަށް ގެންގޮސްފި އެވެ.
ސްރީލަންކާ އެއާފޯސް އިން ބުނި ގޮތުގައި، މި ހެލިކޮޕްޓަރުތައް ލިބުމަކީ ލަންކާ އާއި އެމެރިކާއާ ދެމެދު އޮތް ޒަމާންވީ ދިފާއީ ގުޅުމުގެ ތެރެއިން ހާސިލުކުރެވުނު މުހިންމު ލަނޑުދަނޑިއެކެވެ. އަދި މިއީ ލަންކާގެ ވައިގެ ސިފައިންގެ އޮޕަރޭޝަނަލް ގާބިލުކަމާއި ތަމްރީނުތައް އިތުރަށް ވަރުގަދަކުރުމަށް ލިބުނު އަގުހުރި އެހީއެއް ކަމަށް ވެސް އެ އިދާރާއިން ފާހަގަކުރެ އެވެ.
ލަންކާ އެއާފޯސް އިން އިތުރަށް ބުނީ، މި ހެލިކޮޕްޓަރުތައް މިހާރު ހުރީ ރަތުމަލާނާގައި ހުންނަ އެއާފޯސް ބޭސްގައި ކަމަށާއި، އެ ތަކެތި ބޭނުންކުރަން ފެށުމުގެ ކުރިން ކުރަންޖެހޭ ފަންނީ ތައްޔާރީތައް މިހާރު ކުރިއަށްދާ ކަމަށެވެ.
މި ހެލިކޮޕްޓަރުތައް ބޭނުންކުރަން ފަށާނީ، ބަލަންޖެހޭ ކަންކަން ބަލައި، ރަސްމީކޮށް ހަވާލުވުމުގެ އިޖުރާއަތްތައް ނިންމައި، ޓެސްޓް ފްލައިޓްތައް ފުރިހަމަކުރުމަށް ފަހުގަ އެވެ.
ޓީ.އެޗް-57 މަރުކާގެ މި ހެލިކޮޕްޓަރުތަކުގެ ސަބަބުން ސްރީލަންކާ އެއާފޯސްގެ އޭވިއޭޝަން ތަމްރީނުތަކުގެ ފެންވަރު މަތިވެ، ގައުމީ ފެންވަރުގައި ކުރަންޖެހޭ ތަފާތު މަސައްކަތްތައް ކުރުމުގެ ގާބިލުކަން ބޮޑުތަނުން އިތުރުވެގެންދާނެ ކަމަށް ބެލެވެ އެވެ.
މި ހެލިކޮޕްޓަރުތައް މައިގަނޑު ގޮތެއްގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ޕައިލެޓުން ތަމްރީނުކުރުމަށާއި، އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށާއި، ކާރިސާތަކުގައި އެހީތެރިވުމަށެވެ. މީގެ އިތުރުން މީހުން ހޯދުމާއި ސަލާމަތްކުރުމުގެ އޮޕަރޭޝަންތަކާއި، ލަންކާ އެއާފޯސް އިން އާންމު ރައްޔިތުންނަށް ފޯރުކޮށްދޭ އެކި ހިދުމަތްތަކުގައި ވެސް މި ހެލިކޮޕްޓަރުތައް ބޭނުންކުރާނެ އެވެ.
މިކަން ހާމަކުރެއްވީ އެމެރިކާއިން ދެކުނު އަދި މެދު އޭޝިއާގެ ގައުމުތަކަށް ކަނޑައަޅާފައި ހުންނަ އެސިސްޓަންޓް ސެކްރެޓަރީ އޮފް ސްޓޭޓު ޑޮނާލްޑު ލޫ ޔުނައިޓެޑް ސްޓޭޓްސް އިންސްޓިޓިއުޓް ފޯ ޕީސްގައި ހުކުރު ދުވަހު ބޭއްވު ޕެނަލް ޑިސްކަޝަނެއްގައި.
މީގެ ކުރިން އެމެރިކާއިން ވަނީ ދިވެހިރާއްޖެއަށް ވެސް ވައިގެ އުޅަނދަކާއި ކަނޑު ޕެޓްރޯލް ކުރާ ހަތަރު އުޅަނދު ހަދިޔާކުރަން މަޝްވަރާތައް ބާއްވައިފަ އެވެ.
މިކަން ހާމަކުރެއްވީ އެމެރިކާއިން ދެކުނު އަދި މެދު އޭޝިއާގެ ގައުމުތަކަށް ކަނޑައަޅާފައި ހުންނަ އެސިސްޓަންޓް ސެކްރެޓަރީ އޮފް ސްޓޭޓު ޑޮނާލްޑު ލޫ އެވެ. އޭނާ ވަނީ 2024 ވަނަ އަހަރުގެ ކުރީކޮޅު ރާއްޖެއަށް ޒިޔާރަތް ކުރައްވައިފަ އެވެ.
"މިފަހުން އަހަރަމެން ވާނީ ރާއްޖޭގެ ނޭވީއަށް ހަތަރު ޕެޓްރޯލް ބޯޓޫ ދޭން ކޮމިޓުވެފައި. އެއާކްރާފްޓެއް ފޯރުކޮށްދިނުމުގެ މަޝްވަރާތައް ވެސް އެބަކުރެވޭ. މިހުރިހާ އެއްޗެއްސާ އަދި އިތުރު އެއްޗެހި އެ ސަރަހަައްދު ރައްކާތެރިކުރަން [ރާއްޖެއަށް] ބޭނުންވޭ،" ޔުނައިޓެޑް ސްޓޭޓްސް އިންސްޓިޓިއުޓް ފޯ ޕީސް (ޔޫއެސްއައިޕީ) ގައި ބޭއްވި ޕެނަލް ޑިސްކަޝަނެއްގެ ތެރެއިން އޭނާ ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ